ޕަޕުއާ ނިއު ގިނީގައި ބިންގަނޑު ކަނޑައިގެންގޮސް 300 އެއްހާ މީހުން މަރުވެއްޖެ

އޯޝޭނިއާ ޤައުމެއް ކަމަށްވާ ޕަޕުއާ ނިއު ގިނީ އަށް ކުރަމުންދާ ވިއްސާރައިގައި އެޤައުމުގެ ބިންގަނޑު ކަނޑައިގެންގޮސް 300 އެއްހާ މީހުން މަރުވެއްޖެ އެވެ.

މި ހާދިސާ ހިނގާފައި ވަނީ އެ ޤައުމުގެ އެންގާ ޕުރޮވިންސުގެ ކެލްކޮލަމް އަވަށުގައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ބިންގަނޑު ކަނޑައިގެންގޮސް ފޭބި ކިސަޑުތަކާއި ވެލީގެ ދަށުގައި 1000 އަށްވުރެ ގިނަ މީހުންވަނީ ވަޅުލެވިފައެވެ.

މިހާތަނަށް ފެނިފައިވަނީ އެންމެ ހަތަރު މީހެއްގެ ހަށިގަނޑު ކަމަށާއި ބިންގަނޑު ކެނޑުމާ އެކު އެ ސަރަޙައްދަށް ދަތުރު ކުރެވެން އޮތް މަގުތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައިކަމަށް މަޢުލޫމާތު ލިބެއެވެ. އަދި ބިމާ ހަމަވެފައިވާ ގެތަކުގެ ދަށުގައި އެތައްބަޔަކު ތާށިވެފައިކަމަށްވެސް އޮފިޝަލުން ބުނެފައިވެއެވެ.

އޮފިޝަލުން ބުނީ ޕަޕުއާ ނިއު ގިނީގައި ހިނގި ބިންގަނޑު ކެނޑުމުގެ ހާދިސާއާ ގުޅިގެން އެ ޤައުމަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް ދެނެގަތުމުގެ މަސައްކަތް މިހާރު ފަށާފަވާ ކަމަށެވެ.

ޕޯޓް މޯސްބީގައި ހުންނަވާ އޮސްޓްރޭލިޔާގެ ސަފީރު ވިދާޅުވީ މި ކަމާ ގުޅޭ ގޮތުން ޕަޕުއަ ނިއު ގިނީގެ ސަރުކާރާ މަޝްވަރާ ކުރައްވަމުންދާ ކަމަށެވެ.

ޕަޕުއާ ނިއު ގިނީގެ ބޮޑު ވަޒީރު ޖޭމްސް މަރާޕޭ ވިދާޅުވީ ކެލްކޮލަމް އަވަށުގެ ގެތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެ ޤައުމުގެ ދިފާޢީ ބާރާއި ޕަބްލިކް ވަރކްސް އަދި ހައިވޭއާ ބެހޭ އިދާރާއިން ބިންގަނޑު ކެނޑުނު ސަރަޙައްދުތަކުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

advertisement
ހިޔާލު ދެއްވާ!