ފަލަސްޠީނަށް ޔަހޫދީން ޙަމަލާދިނުން. ފޮޓޯ: އަލްޖަޒީރާ

ހަމަލާތައް ހުއްޓާލުމަށް އދ. ގެ ކޯޓުން އަމުރުކޮށްފައި ވަނިކޮށް ޣައްޒާއަށް ބޮންއަޅައިފި!

ހައްދުފަހަނައެޅި ޔަހޫދީން ޣައްޒާގެ ރަފަޙްއަށް ދެމުން އަންނަ ޙަމަލާތައް ވަގުތުން ހުއްޓާލުމަށް އދ. ގެ ކޯޓުން އިއްޔެ އަމުރުކޮށްފައި ވަނިކޮށް މިއަދުވެސް ޣައްޒާއަށް ބޮންއަޅައި ގިނަބަޔަކު ޝަހީދުކޮށްލައިފިއެވެ.

މީގެއިތުރުން ރަފަޙް ސިޓީއަށް ވެސް ޑްރޯން ޙަމަލާތަކެއް ދީފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

އިސްރާއީލާ ދެކޮޅަށް މިހާރު އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސް، އައިސީޖޭގައި ހިނގަމުންދާ ޖަރީމާގެ މައްސަލާގައި ދެކުނު އެފްރިކާއިން، މި މޭ މަހުގެ 10ގައި އެދުނު އިތުރު ވަގުތީ ފިޔަވަޅުތަކާ ބެހޭ އަމުރު އިއްވަވަމުން، ނެދަލޭންޑްސްގެ ދަ ހޭގުގައި ހުންނަ، އދ. ގެ އެންމެ މަތީ ކޯޓުން އިސްރާއީލުގެ މައްޗަށް އަމުރުކޮށްފައި ވަނީ ރަފަޙްއަށް ދޭ ހަމަލާތައް ހުއްޓާލުމަށާއި އިންސާނީ އެހީދޭ ފަރާތްތަކުން ވަނުމުގެ ހުއްދަ ދިނުމުގެ ގޮތުން ޣައްޒާގެ ބޯޑަރު ހުރަސްތައް ހުޅުވުމަށާ އަދި ހަނގުރާމައިގެ ޖަރީމާތައް ތަޙުޤީޤުކުރާ ފަރާތްތަކަށް ޣައްޒާއަށް ވަނުމުގެ ފުރުސަތު ދިނުމަށެވެ.

ފަލަސްޠީނުގެ ރިޕޯޓުތައް ބުނާގޮތުން ޔަހޫދީން މިއަދު ރޮކެޓް ޙަމަލާއެއް ދީފައިވާ އެއްތަނަކީ ޣައްޒާގެ އުތުރުގައި ހުންނަ އަލްނަޒްލާ ސުކޫލަށެވެ.

ނަޒުލާ ސުކޫލަކީ ގެދޮރު ގެއްލިފައިތިބި ޣައްޒާގެ ރައްޔިތުންތަކެއް ދިރިއުޅެމުން އައި ތަނެކެވެ.

މިޙަމަލާގައި އެ ސުކޫލުގައި ދިރިއުޅެމުން އައި މީހުންގެ ތެރެއިން 10 މީހަކު ޝަހީދުވެފައި ވާއިރު، 17 މީހަކު ޒަހަމްވެފައި ކަމަށް ފަލަސްޠީނުގެ މަސްދަރުތަކުން ބުނެފައިވެއެވެ.

"އަހަރުމެން ހީކުރީ އދ. ގެ ކޯޓުން ކުރި ޙުކުމަކީ އަހަރުމެން ނައްތާލުމަށް ދެމުން މިދާ ޙަމަލާތައް ހުއްޓާލުމަށް އެޅުނު ބާރަކަށް ވާނެ ކަމަށް. ސަބަބަކީ މިތާކު މިހާރު އެކައްޗެއްވެސް ނެތް." ޣައްޒާގެ ދޭރު އަލް ބަލަޙްއަށް ނިސްބަތްވާ، ގެދޮރު ގެއްލިފައިވާ އަންހެނަކު، މިއަދުގެ ޙަމަލާތަކާއި ގުޅިގެން ބުނެފައިވެއެވެ.

އައިސީޖޭގެ އަމުރަށްފަހު ޣައްޒާއަށް ދެމުން އަންނަ ޙަމަލާތައް އިތުރުކޮށްފައި ވާކަމަށް ޣައްޒާގެ ބައެއް ނޫސްވެރިން ބުނެފައިވެއެވެ.

ފަހަކަށް އައިސް ޔަހޫދީން ސިފައިން ރަފަޙްއަށް ދެމުން އަންނަ ޙަމަލާތައް އިތުރުވެފައިވާތީ، ރަފަޙް ދޫކޮށް 900،000 ނުވަ ލައްކައަށްވުރެ ގިނަ މީހުން އެހެން ހިސާބުތަކަށް ގޮސްފައިވާ ކަމަށް ފަލަސްޠީނުގެ ރެފިއުޖީންނާ ބެހޭ އދ. ގެ އޭޖެންސީން ވަނީ ބުނެފައެވެ.

advertisement
ހިޔާލު ދެއްވާ!