ސްޕެޝަލް އިކޮނޮމިކް އެންޑް ފައިނޭންޝަލް ސާވިސަސް ޒޯނުގައި ފުނަދޫ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި، މާލޭ މޮނޯރެއިލް މެދުވެރިކޮށް ގުޅާލުމުގެ މަސައްކަތް ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މުޙައްމަދު ސައީދު ހާމަކުރެއްވި ގޮތުގައި ފުނަދޫ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ވެރިރަށް މާލޭއާ ދެމެދު މޮނޯރެއިލްއިން ގުޅާލުމުގެ މަސައްކަތް ފައިނޭންސް ކުރުމަށް ދުބާއީގެ އިންޓަނޭޝަނަލް ފްރީޒޯން އޮތޯރިޓީ (އިފްޒާ)އާއި ހަވާލުކޮށްފައިވެއެވެ.
މީގެއިތުރުން ފުނަދޫގައި މިހާރު ހުރި ފިއުލް ފާމް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވެއެވެ. އެގޮތުން އިމާރާތްތަކުގެ ޑިޒައިންތަކާއި އެހެނިހެން އިންފްރާސްޓްރަކްޗަރ ހިމެނޭ ގޮތަށް މި މަސައްކަތް 18 މަސް ދުވަހުގެ ތެރޭގައި ނިންމާލަންޖެހޭނެ ކަމަށް އެބޭފުޅާ ވިދާޅުވެއެވެ.
ހަމަމިއާއެކު އިހަވަންދިއްޕޮޅުގައި ދިވެހިރާއްޖޭގެ އިކޮނޮމިކް ގޭޓްވޭ ތަރައްގީ ކުރުމުގެ ކޮންޓްރެކްޓްވެސް ވަނީ އެކުންފުންޏާއި ހަވާލުކޮށްފައި ކަމަށްވެސް މައުލޫމާތު ލިބެއެވެ. ފުނަދޫ ތަރައްގީ ކުރުމަށް އެސްޓީއޯއާ ގުޅިގެން މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ އިން މަސައްކަތް ފަށާފައިވާއިރު މިހުރިހާ ކަމަކަށް ފައިސާ ޚަރަދުކުރާނީ އިފްޒާއިން ކަމަށް ސަރުކާރުން ބުނެއެވެ.
ފުނަދޫ ސްޕެޝަލް އިކޮނޮމިކް އެންޑް ފައިނޭންޝަލް ސާވިސަސް ޒޯނެއްގެ ގޮތުގައި ތަރައްޤީކުރުމުގެ ވާހަކަ ރަސްމީކޮށް އިއުލާން ކުރީ ޖެނުއަރީ މަހު އިފްތިތާހުކުރި 20 އަހަރުގެ މާސްޓާ ޕްލޭންގެ ތެރެއިންނެވެ. ވީއައިއޭގެ ސީޕްލޭން ޓާމިނަލް ފުރަތަމަ ފުނަދޫއަށް ބަދަލުކުރި ނަމަވެސް، ހުޅުމާލެ ކައިރީގައި އޮންނަ ފުލް މޫން ރިސޯޓަށް ބަދަލުކުރާނެ ކަމަށް ސަރުކާރުން މިހާރު ވަނީ އިއުލާންކޮށްފައެވެ.