ތަޢުލީމަކީ ނަފްސް ބިނާކުރުމުގެ ބިންގާއެއް ކަމުގައި ވާއިރު، ދުނިޔޭގައި ކުރިއަރައިގެން ދާން ބޭނުންވާ ޢިލްމާއި ހުނަރު ލިބިގަތުމަކީ ގިނަބައެއްގެ މަޤުސަދެވެ. މި މަޤުސަދު ހާސިލްކުރުމަށްޓަކައި މަޝްހޫރު ޔުނިވާސިޓީތަކަށް ވަނުމަކީ ތައުލީމީ ކާމިޔާބީގެ އެންމެ މަތީ ދަރަޖައާއި އުޖާލާ މުސްތަގުބަލެއްގެ ދޮރުކަމަށް ގިނަ ބަޔަކު ދެކެއެވެ.
ޔުނިވަރސިޓީ އޮފް ކޮލަމްބިއާ، ޔޭލް، ޔޫސީއެލްއޭ، އަދި ހާވާޑް ފަދަ މުއައްސަސާތަކަކީ ގިނަ ދަރިވަރުންތަކެއްގެ ހުވަފެނެކެވެ. ނަމަވެސް ޒަމާނުއްސުރެ ދެކެމުން އައި އެ ހުވަފެންތައް ވިއްސިވިހާލިވެގެން ދާން ދޫކޮށްލަންވެސް އެކުދިން މިއަދު އެތިބީ ތައްޔާރަށެވެ.
އަނިޔާވެރިކަމާ ކުރިމަތިލާން ޖެހުނު ނަމަވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ދަރިވަރުން ބިރެއް ނެތި ތެދުވަނީ އެންމެ މުހިންމު މަގުސަދެއްގައި ކަމަށްވާ ފަލަސްތީނަށްޓަކައި އަޑު އުފުލުމަށެވެ.
އެމެރިކާގެ ކޮލަމްބިއާ ޔުނިވާސިޓީގެ ދަރިވަރުން މުޒާހަރާ ކުރަންފެށުމާއެކު އެ ޔުނިވަރސިޓީގެ މެނޭޖުމެންޓުން އެމީހުންނަށް އެންގީ ވަކި މުއްދަތެއްގެ ތެރޭގައި އެތަން ހުސްކުރުމަށެވެ. އަދި އެގޮތައް އަމަލު ނުކުރާނަމަ ފުލުހުންނަށް ގުޅާން ކަމުގެ އިންޒާރުވެސް ދިނެވެ. މުޒާހަރާ ހޫނުވެގެން ދިޔައީ ފުލުހުން އެތަނަށް އައިސް ދަރިވަރުންތަކެއް ހައްޔަރުކުރުމާ ގުޅިގެންނެވެ.
މިކަން ވެގެން ދިޔައީ އެތައް މުޒާހަރާއެއްގެ ފެށުމަށެވެ. އެމެރިކާ، އޮސްޓްރޭލިއާ، ފްރާންސް، ކެނެޑާ، އިޓަލީ، އަދި އިނގިރޭސިވިލާތުގެ ޔުނިވާސިޓީތަކުންވެސް ވަނީ މުޒާހަރާއަށް ނިކުމެ އަޑުއުފުލަން ފަށާފައެވެ.
މީގެ އިތުރުން ހާވާޑް ޔުނިވަރސިޓީގައި، މުޒާހަރާގައި ބައިވެރިވި 13 ދަރިވަރަކަށް ޑިގްރީ ދޭން އިންކާރުކުރިއެވެ. އެއާއެކު އެތައް ކުދިންނެއް ގްރޭޖުއޭޝަން ހޯލުން ނިކުތީ އެ 13 ކުލާސް ކުދިންނަށްޓަކައިވެސް އަޑުއުފުލަމުންނެވެ.
ދަރިވަރުން ތިބީ ވަރުގަދަ އަޒުމަކާއެކީއެވެ. ޔުނިވާސިޓީ ގޯތިތެރޭގައި ކޭމްޕްތައް ހަދައިގެން، ފަލަސްތީނަށްޓަކައި އަޑުއުފުލަމުން ގެންދިޔައީ ދުނިޔެއަށް ނަމޫނާ ދައްކަމުންނެވެ. ކުރިއަށް ގެންދިޔަ މުޒާހަރާގެ ސަބަބުން އެތައް އަހަރެއްގެ މަތިން މަސައްކަތް ކުރި ޑިގުރީ ނުރައްކަލަށް ވެއްޓޭކަން އެނގިހުރެއެވެ.
އެމީހުންގެ މިއަމަލު ދުނިޔޭގެ ފެންވަރުގައި ގުގުމާލިއިރު، ޔޭލް، ޔޫސީއެލްއޭ، އަދި ހާވާޑް ފަދަ އައިވީ ލީގުގެ ޔުނިވާސިޓީތައް ހިމެނޭ ގޮތަށް މަޝްހޫރު މުއައްސަސާތަކުގައި ވެސް ފަލަސްތީނަށްޓަކައި ކެނޑިނޭޅި އަޑުއުފުލަމުން ދިޔައެވެ.
އަދި ޔުނިވަރސިޓީތަކުން މިކުދިން ޑިމާންޑް ކުރަނީ ތިން ކަމެކެވެ. އެއީ ކުރިއަށް މިދާ ޖެނޮސައިޑްއިން އެއްވެސް ކަހަލަ ފައިދާއެއްވާ ބައެއް އަތުން އިންވެސްޓްމެންޓެއް ހޯދައިފައި އޮތިއްޔާ އެ އެއްޗެހި އަނބުރާ ދިނުމެވެ. ދެން އެމީހުން އެދެނީ ޔުނިވަރސިޓީ އިން ފައިސާ ނަގާ ތަންތަނާއި ފައިސާ ބަހާ ތަންތައް ހާމަކުރުމަށެވެ. އަދި އެންމެ ފަހު ކަމެއްގެ ގޮތުން މުޒާހަރާގައި ބައިވެރިވަމުންދާ ދަރިވަރުންނަށާއި ފެކަލްޓީ މެމްބަރުންނަށް އަމާންކަމާއެކު މުޒާހަރާ ކުރެވިޔަ ދިނުމަށެވެ. އެމީހުން ގޮވާލަނީ އެމީހުންނަށް ބިރުދައްކާ އިންޒާރު ދިނުން ހުއްޓާލުމަށެވެ.
ދުނިޔޭގެ އެކި ކަންކަޅޮތަކުގެ ޔުނިވަރސިޓީތަކުން މި "މޫވްމަންޓް"ގައި ބައިވެރިވަމުން ދާއިރު އަނިޔާވެރިކަމާއި އިންޒާރުތައް ކުރިމަތިވި ނަމަވެސް މި ހަރަކާތުގެ ބާރު ދަނީ އިތުރުވަމުންކަން ފާހަގަކުރެވެއެވެ. ދަރިވަރުންގެ ކެތްތެރިކަން ފާހަގަކުރެވެއެވެ. ޔުނިވާސިޓީ ގޯތިތެރޭގައި އެމީހުންގެ ކޭމްޕްތައް ރަމްޒުކޮށްދެނީ އިންސާފަށް ސާބިތުކަމާއެކު ވައުދުވުމެވެ. ދައްކުވައިދެނީ ފަލަސްތީނަށްޓަކައި އަޑުއުފުލަން ކެރޭ ބަޔަކު ތިބިކަމެވެ.
މިކުދިންނަށް ޖަޒުބާތީ ގޮތުން ލިބޭ ގެއްލުން ބޮޑެވެ ދަރިވަރުންނާއި ފެކަލްޓީ މެމްބަރުން މުޒާހަރާގައި ބައިވެރިވަމުން އެދިޔައީ އެމީހުންގެ ސަލާމަތާއި ތައުލީމީ މަގާމު ނުރައްކަލަށް ހުށަހަޅަމުންނެވެ.
އެމީހުންގެ ހިތްވަރާއި އަޒުމުން ދައްކުވައިދެނީ ބަދަލު ގެނައުމުގެ އެދުމާއި އިންސާފު ކުރިއަރާފައިވާ މުސްތަގުބަލަކަށް ދެކޭ އުންމީދެވެ.