Dr. Shaheem
އިސްލާމީ ޤައުމުތަކުގެ އެންމެ އިސްވެރިންގެ 15 ވަނަ ސަމިޓުގައި ޑރ.ޝަހީމް ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: މިނިސްޓްރީ

އުއްމަތަށް ޚިދުމަތްކުރައްވާފައިވާ އިލްމުވެރިންނަށް ހެޔޮ ދުޢާކުރުމަކީ މުސްލިމުންގެ އަޚުލާޤުގެތެރޭގައި ހިމެނޭ ކަމެއް: ޑރ. ޝަހީމް

އުއްމަތަށް ޚިދުމަތްކުރައްވާފައިވާ އިލްމުވެރިންނަށް ހެޔޮ ދުޢާކުރުމަކީ މުސްލިމުންގެ އަޚުލާޤުގެތެރޭގައި ހިމެނޭ ކަމެއް ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މީސްމީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ޑރ. ޝަހީމް ވިދާޅުވީ އިސްލާމީ އުންމަތަށް ޚިދުމަތްކުރައްވާފައިވާ ހެޔޮ ލަފާ އެންމެހައި އިލްމުވެރިންނަށް އިޙުތިރާމް ކޮށް ހެޔޮ ދުޢާކުރުމަކީ މުސްލިމުންގެ އަޚުލާޤުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އިލްމުވެރިންނަކީ މައުޞޫމް ބައެއްނޫން ކަމަށާ ފިޤުހީ ނުވަތަ ޢަޤީދާއާ ގުޅުން ހުންނަ ކަންކަމުގައި ބޮޑެތި ޢިލްމުވެރިންގެ އިޖުތިހާދުގެ ތެރެއިން، ބައެެއްކަންކަމުގައި އެއްބޭކަލަކާ އަނެއް ބޭކަލެއްގެ މެދުގައި ރައުޔުގެ ތަފާތު ހުރުމަކީ ޠަބީޢީކަމެއް ކަމަށެވެ.

ޚިލާފު އުފެދިއްޖެ ޙާލަތުގައި މުސްލިމުންގެ މައްޗަށް ލާޒިމުގެ ވެގެންވަނީ ޤުރުއާނާއި ސުންނަތުގައި ހިފުން ކަމަށް ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.

"ޚިލާފު އުފެދިއްޖެ ޙާލަތުގައި މުސްލިމުންގެ މައްޗަށް ލާޒިމުގެ ވެގެންވަނީ ޤުރުއާނާއި ސުންނަތުގައި ހިފުމެވެ." ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ.

ޑރ. ޝަހީމް މިއަދު މީސްމީޑިއާގައި މިފަދައިން ވިދާޅުވެ ޕޯސްޓެއް ކުރައްވާފައި މިވަނީ ކޮންކަމަކާއި ގުޅިގެން ކަމެއް ނޭނގެއެވެ. ނަމަވެސް ދާދިފަހުން އަވަހާރަވި އިބުރާހީމް ރައީސީއަށް ދިވެހީންގެ ގިނަބަޔަކު ފާޑުކިޔަމުން ގެންދިޔަކަން ފާހަގަ ކުރެވެއެވެ. ޝީޢީންގެ އަޣްލަބިއްޔަތެއް އޮންނަ އީރާނުގެ ރައީސް އިބުރާހީމް ރައީސީ އަވަހާރަވެފައި ވަނީ މިމަހުގެ 19 ވަނަ ދުވަހު ހިނގި ހެލިކޮޕްޓަރު އެކްސިޑެންޓެއްގައެވެ.

advertisement
ހިޔާލު ދެއްވާ!