އާންމުންގެ ޖަމްޢިއްޔާއިން ހިޔާފުލެޓް ސަރަހައްދުގައި ފިޔާ ބަހަމުން އެބަގެންދެއެވެ.
ހުޅުމާލެ ފޭސް2ގައި ހުންނަ ހިޔާފުލެޓްތަކުގައި ދިރިއުޅޭ މީހުން އުފައްދާފައިވާ ޖަމްޢިއްޔާއެއްކަމުގައިވާ އާންމުންގެ ޖަމްޢިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި އެ ޖަމްޢިއްޔާއިން ބަހަމުން ދަނީ ޗައިނާ ޗެމްބަރ އޮފް ކޮމާސްއިން ހަދިޔާކުރި 44 ޓަނުގެ ފިޔަލެވެ.
އެ ޖަމްޢިއްޔާއިނ ދެންމެ ހާމަކުރި ގޮތުގައި މިހާތަނަށް 2000 އަށްވުރެ ގިނަ މީހުނަށް ވަނީ ފިޔާ ބަހައިފައެވެ.
ފިޔާ ބަހަމުން ގެންދަނީ ހިޔާ ސަރަހައްދުގެ 4 ވަނަ ޓަވަރުގައި ކަމަށް ވެސް އެ ޖަމްޢިއްޔާއިން ވަނީ ބުނެފައެވެ. އަދި އެ ޓަވަރުގައި ފިޔާ ބެހުމުގެ މަސައްކަތް ކުރަމުން ދަނީ އެ ސަރަހައްދުގައި ޖާގަ އޮތުމުން ކަމަށްވެސް އެ ޖަމްޢިއްޔާއިން ވަނީ ބުނެފައެވެ.
ފިޔާ ބަހަމުން ގެންދަނީ ވަކި ފުލެޓެއްގެ ބަޔަކަށް ނޫން ކަމަށާ އެންމެންނަށް ވެސް މަރުޙަބާ ކިޔާ ކަމަށް ވެސް އެ ޖަމްޢިއްޔާއިން ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވެއެވެ.
މިކަމުގައި އެހީތެރިވެ ދެއްވީތީ އެ ޖަމްޢިއްޔާއިން ވަނީ ޗައިނާ އެމްބަސީއަށާ އެޗްޑީސީ އަދި އެސްޓީއޯއަށް ޝުކުރު އަދާކުރައްވައިފައެވެ.