އެޕްރީލް މަހުގެ 23 ވަނަ ދުވަހުން ފެށިގެން މަސްވެރިންނަށް ފައިސާ ނުލިބޭ ކަމަށް ފިޝަރީސް މިނިސްޓަރު، އަހުމަދު ޝިޔާމް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެއްޖެއެވެ.
ޖުމްލަ 62 މިލިއަން ރުފިޔާ މަސްވެރިންނަށް އަދިވެސް ދައްކަން ޖެހޭއިރު، އޭޕްރީލް މަހުގެ 22 ވަނަ ދުވަހު 22 މިލިއަން ރުފިޔާ ދެއްކި ފަހުން އެއްވެސް ފައިސާއެއް ދޫނުކުރެއެވެ.
މިނިސްޓަރު ޝިޔާމް ވަނީ ސަރުކާރަށް ދިމާވެފައިވާ މާލީ ގޮންޖެހުންތަކަށް ނިސްބަތްކޮށް މަސްވެރިންނަށް ފައިސާ ލިބުން ލަސްވާކަން ގަބޫލުކުރައްވާފައެވެ. އަދި މިމައްސަލަ ހައްލުކުރުމަށް ފިޝަރީޒް މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވެއެވެ.
އެބޭފުޅާ ވިދާޅުވާ ގޮތުގައި މިނިސްޓްރީން އުއްމީދު ކުރަނީ ވީހާވެސް އަވަހަކަށް މަސްވެރިންނަށް އެމީހުންގެ ފައިސާ ދީ ޚަލާސް ކުރުމެވެ.
މިހާރުގެ ސަރުކާރު ވެރިކަމާ ހަވާލުވިފަހުން ޖުމްލަ 681 މިލިއަން ރުފިޔާ މަސްވެރިންނަށް ދައްކާފައިވާ ކަމަށްވެސް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.