ތިރީގައި މި ބަޔާންކުރަނީ ދިވެހިރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދުނިޔޭގެ ސަމާލުކަން މިހާތަނަށް ހޯދަމުންއައި ޓެގްލައިން ކަމަށްވާ "ސަނީ ސައިޑް އޮފް ލައިފް" ގެ ބަދަލުގައި، ރާއްޖޭގެ މިހާރުގެ ޙާލަތަގެ މައްޗަށް ފިކުރުހިންގާ، ޚާއްޞަކޮށް ވާދަވެރި، މުއްސަނދި ޤައުމުތަކުން ރާއްޖޭގެ ފަތުރުވެރިކަން ނަކަލުކުރަމުންދާ ނިސްބަތަށް ރިޢާޔަތްކޮށް، ކުރިމަގުގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވާ، އިޝްތިހާރުކޮށް، މާކެޓްކުރުމަށް ފަސޭހަކުރުމަށް ހުށަހަޅާ އާ "ޓެގްލައިން" އާއި، މިހާރު ބޭނުންކުރާ ޓެގްލައިނާއި، އެކަތި އަނެކައްޗާ އަޅާކިޔާ އެކަތި އަނެކައްޗާ ތަފާތުވާ އަދި، ފައިދާކުރާނެ ސަބަބުތަކެވެ.
މިހާރު ބޭނުންކުރާ ޓެގްލައިނަށް ނަޒަރު ހިންގާއިރު، ދޭހަކޮށްދެނީ "އަވީގެ ޙަޔާތެއް ވޭތުކުރެވިދާނެ މަންޒިލެއް" ކަމެވެ. އިރުގެ އަވި ލިބުމަކީ ހަމައެކަނި ދިވެހިރއްޖެއަށް ޚާއްޞަ ކަމެއްނޫނެވެ. ދިވެހިރާއްޖެއަށްވުރެ ގިނަވަގުތު، ދުވާލުގެ އަލި ނުވަތަ އަވިދޭ ޤައުމުތަށް ދުނިޔޭގައި އެބަހުއްޓެވެ. އަދި މިހާރު ދިވެހިރާއްޖެ ބަރޯސާވަނީ ހަމައެކަނި ހުޅަނގުގެ ފިނި ޤައުކުތަކުގެ ފަތުރުވެރިންނަށް އެކަންޏެއްވެސް ނޫނެވެ. އިރުމަތީގެ ޤައުމުތަކުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުރުވެރިންގެ ޢަދަދު ނިޞްބަތުން، މާބޮޑަށްވެސް ގިނަވެއްޖެއެވެ.
ހަމައެއާއެކު، ފަތުރުވެރިކަމުގެ ނަފާ އިތުރުކުރުމަށް، އާ މާކެޓްތަކަށް ދިވެހިރާއްޖެ ތަޢާރަފްކޮށް، އެމާކެޓް ތަކުގައި ރާއްޖެ އިޝްތިހާރުކޮށް، ޕްރަމޯޓްކުރަން ފަށަންވީ ވަގުތުޖެހި ލަސްވަމުންދާ ކަމުގައި ދެކެމެވެ. އެހެންކަމުން، ޤުދުރަތުން ރާއްޖެއަށް ދެއްވާފައިވާ އެންމެހާ ނިޢުމަތްތަށް، ތަމްސީލުވާފަދަ ޓެގްލައިނެއް ވުޖޫދުކޮށް، ވީހާވެސް އަވަހަކަށް ބޭނުންކުރަން ފަށައިގަންނަން ވެއްޖެކަމުގައި ދެކެމެވެ.
މި ހުށަހަޅާ އާ ޓެގްލައިން ޚިޔާރުކުރުމުގައި ފަތުރުވެރިކަމުގެ ޞިނާޢަތުގައި، ރާއްޖޭގައި ހަދާ ހަމައެނި ޕްރައިމަރީ ރިސާރޗް ކަމަށްވާ، 'ވިޒިޓާ ސާރވޭ' އަށް ވަރަށް ބޮޑަށް ރިޢާޔަތް ކުރެވިފައި ވާނެއެވެ. ވޭތުވެދިޔަ ފަނަރަވަރަކަށް އަހަރުދުވަހު ދިވެހިރާއްޖެއަށް ޒިޔާރަތްކުރި މީހުންގެ ތެރެއިން، ނިސްބަތުން ވަރަށް ބޮޑުޢަދަދެއްގެ (ސުޕަ މެޖޯރިޓީ) ފަތުރުވެރިން، އެއްބަހުން ދިވެހިރާއްޖެ ސިފަކުރާ ގޮތަކީ، "ސުވަރުގެ" (ޕެރަޑައިޒް ނުވަތަ ހެވަން) މިބަހެވެ.
އާ ހުށަހެޅުން: މިހާރު ބޭނުންކުރާ ޓެގްލައިނުގެ ބަދަލުގައި، ދިވެހިރާއްޖޭގެ ބްރޭންޑާއެކު ބޭނުންކުރަން ހުށަހަޅާ އާ ޓެގްލައިނަކީ:
"ދަ ކިންގްޑަމް އޮފް ޕެރަޑައިޒް"(The kingdom of Paradise) (#TheKingdomOfParadise) or އެވެ.
މި ޓެގްލައިނުން ދޭހަވަނީ އާދައިގެ ކަންކަމާ ތަފާތު ކުރާ ލަގްޒަރީ، ސުވަރުގެވަންތަ ތަޖުރިބާއެއް ލިއްބައިދޭނެ މަންޒިލެއް ކަމެވެ. މި ޓެގްލައިނުން އަންގައިދެނީ މިނިވަން ކަމާއެކު ޚާއްޞަކަން އެކުލެވިފައިވާ، ތަޖުރިބާތަކަކާއެކު، މަތީފަންތީގެ ޚިދުމަތް ލިއްބައިދޭނެ، ޗުއްޓީއެއް ހޯދަން ބޭނުންވާ، މަތީ ފަންތީގެ ފަތުރުވެރިންގެ މުހުތާދުތަކާއި ފުރިހަމައަށް ގުޅިލާމެހިފައިވާ، ޝަރަފުވެރި މަންޒިލެއް ކަމުގެ އިޙްސާސެކެވެ. ކުރިން ބޭނުންކުރި ޓެގްލައިނުން ހަމައެކަނި ރަމްޒުކޮށްދެނީ، އިރުގެ އަވި ލިބޭ މަންޒިލެއްކަމެވެ. އެއީ ދިވެހިރާއްޖެއަށް އެކަނި ޚާއްޞަކަމެއް ނޫނެވެ.