މިއަހަރު ބޮޑުޢީދު ޤައުމީ ފެންވަރުގައި ފާހަގަކުރާ 3 ރަށް ކަނޑައަޅައި އިޢުލާނުކޮށްފިއެވެ.
ދިވެހިބަހާ ސަޤާފަތާ ތަރިކައާބެހޭ ވުޒާރާއިން މިއަދު ކުރެއްވި އިޢުލާނެއްގައި ބުނީ ١٤٤٥ ވަނަ އަހަރުގެ އަޟްޙާ ޢީދު ޤައުމީ ފެންވަރުގައި ފާހަގަ ކުރުމަށް ހުށަހަޅާފައިވާ ޕްރޮޕޯޒަލްތަކުގެ ތެރެއިން، އެ ވުޒާރާއިން ކަނޑައަޅާފައިވަނީ މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ އަދި ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލި ކަމަށެވެ.
١٤٤٥ ވަނަ އަހަރުގެ އަޟްޙާ ޢީދު ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް ޝައުގުވެރިވާ ރަށްރަށުން ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައި އެ ވުޒާރާއިން ކުރި ނަންބަރު: (IUL)473-AP/473/2024/41 (25 އެޕްރީލް 2024) އިޢުލާނާ ގުޅިގެން 26 ރަށަކުން ޕްރޮޕޯޒަލް ހުށަހަޅާފައިވާ ކަމަށާ ނަމަވެސް މިއަހަރު އަޟްޙާ ޢީދު ފާހަގަ ކުރުމަށް ތިން ރަށެއް ކަނޑައެޅުމަށް ވަނީ ހަމަޖެހިފައި ކަމަށް އެ ވުޒާރާއިން ކުރިންވަނީ ބުނެފައެވެ.
ތަރިކައާބެހޭ ވުޒާރާއިން ބުނެފައިވަނީ ރަށްތައް ކަނޑައެޅުމުގައި ބަލާނެ ކަންތައްތަކުގެ ތެރޭގައި، ޢީދުގައި އެރަށަކުން ކުޅޭނެ ކުޅިވަރުތަކަށާއި، ކުރާނެ ޚަރަދުތަކާއި، އަގެއް ނުނަގައި އެރަށަކުން ކޮށްދޭނެކަންތައްތައް ހިމެނޭ ކަމަށެވެ.
ތަރިކައާބެހޭ ވުޒާރާއިން ހުޅުވައިލި ފުރުސަތަށް ބޮޑު ތަރުޙީބެއް ލިބިފައިވާ ކަމަށާ އެގޮތުން ރާއްޖޭގެ އުތުރުން 7 ރަށަކާއި، މެދުރާއްޖެތެރެއިން 10 ރަށަކާއި، ރާއްޖޭގެ ދެކުނުން 9 ރަށަކުން ހުށަހަޅާފައިވާ ކަމަށެވެ.
މިއަހަރުގެ ޙައްޖު ދުވަސް ދިމާވަނީ ޖޫންމަހުގެ 15 ވަނަ ދުވަހާކަން ފާހަގަ ކުރެވެއެވެ.