ރާއްޖޭގެ އެތެރޭގެ ހަމަޖެހުން ބެލެހެއްޓުމުގެ ޒިންމާ ގާނޫނު އަސާސީން މަތިކޮށްފައިވާ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ “ޑެޕިއުޓީ މިނިސްޓަރު އަމްސޫދާ މުހައްމަދު” އެއްވެސް އަޚްލާގީ މިންގަޑަކަށް ބެލުމެއް ނެތި އާންމު ރައްޔިތުންނަށް ހަޑި ހުތުރު ބަހުން ސޯޝަލް މީޑިއާގައި ޕޯސްޓްތައް ކުރައްވަމުންގެންދަވާތީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމުން އޭނާއާ މެދު އެއްވެސް ފިޔަވަޅެއް އަޅަން ނިންމާފައިވޭތޯ އެހުމުން އެކަމަށް އެމިނިސްޓްރީއިން އެއްވެސް ޖަވާބެއް ނުދެއްވިއެވެ.
އެކަމަނާ އާމެދު އެއްވެސް ފިޔަވަޅެއް އަޅަން ނިންމާފައިވޭތޯ ބަލަން އެތައްފަހަރަކު މިނިސްޓްރީގެ އޮފިޝަލުންނަށް ގުޅުމުންވެސް ވިދާޅުވެފައިވަނީ އެސުވާލު މިނިސްޓަރާ ހިއްސާ ކުރައްވާފައިވާ ކަމަށާއި ނަމަވެސް އަދި އެއްވެސް ޖަވާބެއް ނުދެއްވާ މަށެވެ. އަދި ފަހުން އޮފިޝަލަށް ގުޅާ މެސެޖް ކުރުމުން ވެސް އެއްވެސް ޖަވާބެއް ދެއްވާފައި ނުވެއެވެ.
ރައްޔިތުންގެ ޓެކްސް ފައިސާއިން ބޮޑު މުސާރަ ނަންގަވައިގެން ތިއްބަވާ މިފަދަ ބޭފުޅުންގެ އަޚްލާގީ މިންގަޑެއް އޮންނަން ވާނެ ކަމަށް ގިނަ ބަޔަކު ދެކެއެވެ. މިގޮތަށް އަމަލުކުރާ މީހުންނާ ދޭތެރޭ އަޚްލާގީ ފިޔަވަޅު ނާޅުއްވާ ނަމަ އެއީ މިފަދަ މަގާމުގައި ތިއްބަވާ މަތީ ލެވެލްގެ އެހެން ބޭފުޅުންނަށް ލިބޭ ވަރަށް ބޮޑު ހިއްވަރެކެވެ.
ސަރުކާރަށް ފާޑުކިޔާ މީހުންނަށް ރައްދުދެއްވައި އަމްސޫދާ ވަނީ ގިނަ ޕޯސްޓްތައް ސޯޝަލް މީޑިއާ އަށް ދޫކޮށްލައިފައެވެ. އަމްސޫދާގެ ކިބައިން ފެނިގެންދަނީ ފެށުނީއްސުރެ ވެސް މީހުންގެ ސިފަޔަށް ޖޯކު ޖެހުމާއި މަލާމާތް ކުރުމާއި މިފަދަ ނޭދެވޭ މަންޒަރުތައް ކަމަށް އެކަމަނާއަށް ރައްދު ދެއްވާ ފަރާތްތަކުން ބުނަމުންދެއެވެ.
އަމްސޫދާއަށް ގިނަ ފާޑު ކިޔުންތަކެއް އަމާޒުވެފައިވާއިރު، ގިނަ ބަޔަކު ބުނެފައިވަނީ ދައުލަތުން މުސާރަދޭ މަގާމަކަށް ސިޔާސީ އެކްޓިވިސްޓެއް އަންނަ ހިސާބުން އެމީހަކީ ރައްޔިތުންގެ ޚާދިމެއް ކަމަށާއި، އާންމު ރައްޔިތު މީހާއަށް ފުރައްސާރަކޮށް އާންމުންނަށް ހުތުރު ބަހުން ރައްދު ދެއްވަން ޖެހޭ ބައެއް ނޫން ކަމަށެވެ.
ދައުލަތުގެ ޚަޒާނާއިން ބޮޑު މުސާރަ ނަންގަވައިގެން ސޯޝަލް މީޑިއާގައި ރައްޔިތުންނަށް ފުރައްސާރަ ކުރުމަކީ އެއްގޮތަކަށް ވެސް ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ބައެއް މީހުން ކޮމެންޓްކޮށްފައިވެއެވެ. އަދި އެމަގާމުން އޭނާ ވަކި ކުރުމަށް ވެސް ގިނަ ބަޔަކު ވަނީ ގޮވާލައިފައެވެ.
ރައީސް ޑރ. މުއިޢްޒު ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ވެރިކަމުގައި އެއްވެސް ރައްޔިތަކު ތަފާތު ނުކުރައްވާނެ ކަމަށާއި އާންމުގެ މެދުގައި މަސްލަހަތު ގެއްލޭ ކަންކަމަކީ އެމަނިކުފާނު އެއްގޮތަކަށް ވެސް ތާއީދު ކުރައްވާނެ ކަމެއް ނޫން ކަމަށެވެ.
އެހެން ނަމަވެސް ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބައެއް މިފަދަ ބޭފުޅުންގެ ފުށުން އެމަނިކުފާނު މިދެންނެވި ގޮތާ ޚިލާފަށް އަމަލު ކުރައްވަމުން ގެންދަވާކަން ފާހަގަ ކުރެވެއެވެ.
މިފަދަ އެކްޓިވިސްޓުންގެ ސަބަބުން ރައީސް ޑރ. މުޙައްމަދު މުއިޢްޒުގެ އަގު ވެއްޓި އެމަނިކުފާނަށް ރައްޔިތުން ކުރަމުން އައި އިތުބާރު ގެއްލުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
ރާއްޖޭގެ އެތެރޭގެ ހަމަޖެހުން ބެލެހެއްޓުމުގެ ޒިންމާ ގާނޫނު އަސާސީން މަތިކޮށްފައިވާއިރު އެކަން އެގޮތަށް ނުކޮށް މުޖުތަމަޢުގެ މަސްލަހަތު ގެއްލޭ ގޮތަށް ޢަމަލުކުރައްވަމުން ގެންދަވާތީ އެކަމަނާ އާ މެދު ފިޔަވަޅު އަޅައިދެއްވުމަށް ވެސް ބައެއް މީހުންވަނީ ސޯޝަލް މީޑިއާގައި ހޯމިނިސްޓަރު އިޙްސާން އަށް ގޮވައިލައްވާފައެވެ.