ގޯސްކަންކަމުގެ ވާހަކަ ދައްކަންވާނީ ތިމާ ނުރުހޭ މީހާ އެކަން ކުރުމުން އެކަންޏެއް ނޫނެވެ. މިވާހަކަ ތަކަކީ ކޮންމެހެންވެސް ދައްކަން ޖެހޭ ވާހަކަތައް ކަމުގައި ދެކެމެވެ.
ރައްޔިތުންގެ ޓެކްސް ފައިސާއިން ބޮޑު މުސާރަ ނަންގަވައިގެން ސިޔާސީ މަގާމު ތަކުގައި ތިއްބަވާ ބައެއް ބޭފުޅުން ޓީވީތަކަށް އަރައި ކުރީގެ ރައީސުންނަށާއި ކުރީގެ މިނިސްޓަރުންނަށް ހަޖޫޖެހުމަކީ އަންނަން އޮތް ޖީލަށް ދެވޭ ވަރަށް ނުބައި މެސެޖެކެވެ. މިފަދަ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން މިއަށްވުރެ ޒިންމާދާރުވާން ޖެހޭނެއެވެ.
ދާދިފަހުން "ސަންގު ޓީވީ" އިން ފެށި ސިޔާސީ ޕޮރޮގްރާމެއް، މީހަކު ބުނެގެން މަތިމަތިން ބަލައިލީމެވެ. ތެދެކެވެ. ފެނުނީ ރަނގަޅު ވެރިކަމެއް ކުރަން، ރީތިއާދަތައް މުޖުތަމަޢުގައި އަށަގަންނަވަން ވަޢުދު ވެގެން އައި ބައެއްގެ ކިބައިން ފެނިގެން ނުވާނެފަދަ ދަށު ދަރަޖައިގެ އަމަލުތަކެކެވެ.
އެޕްރޮގްރާމްގައި ދައުލަތުގެ ކުންފުނިތަކުގެ އެމްޑީންނާއި ޑީއެމްޑީންގެ އިތުރުން ޑެޕިއުޓީ މިނިސްޓަރުން ފެނިގެންދިޔައެވެ. މައިގަނޑު ކަމަކަށް ކުރި ކަމަކީ ކުރީގެ ރައީސުންނާއި ވަޒީރުންނަށް ހަޖޫ ޖެހުމާއި ފާޑުފާޑު ވަނަން ކިޔައިގެން ޖެއްސުން ކުރުމެވެ.
ނިމިދިޔަ އެމްޑީޕީގެ ވެރިކަން ރައްޔިތުން ނިކުމެ ނިމުމަކަށް ގެނައީ ގައުމުގައި އަމަން އަމާންކަމާއި ހަމަޖެހުން ގެނެސްދެއްވާނެ ލީޑަރަކީ މިހާރުގެ ރައީސް ޑރ. މުޙައްމަދު މުއިޢްޒު އެކަމަށް ވަޢުދު ވެވަޑައިގަތުމުންކަން ޔަގީނެވެ. އޭރު ގައުމުގައި އޮތް އަދާވާތްތެރިކަމާއި ހަމަނުޖެހުން ނިމުމަކަށް ގެނެސް ހުރިހާ ސިޔާސީ ކުލައެއްގެ މީހުން ގޮވައިގެން ވެރިކަން ކުރާނެކަމުގެ އުންމީދު އެމަނިކުފާނު ރައްޔިތުންނަށް ދެއްވިއެވެ.
ރައީސް ވަނީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި ވެސް އެމަނިކުފާނު މުޖުތަމަޢު ބައްޓަން ކުރައްވަން ބޭބުންފުޅުވާ ގޮތް ހާމަކުރައްވައިފައެވެ. އެގޮތުން ޅ.ނައިފަރުގައި ދެއްކެވި ވާހަކަފުޅުގައި ދޮގު ހެދުމާއި ފުރައްސާރަ ކުރުމާއި، ހަގީގަތެއް ނެތް ކަންކަން މީހުންނަށް ކުރިމަތުކުރުމުން ދުރުހެލިވުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، އެއްބަޔަކު އަނެއް ބަޔަކަށް އަޅާލައި، އޯގާތެރި މުޖުތަމައެއް ގާއިމްކުރުމަށް އަޒުމު ކަނޑައެޅުމަށްވެސް ރައީސް ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.
ސަރުކާރު ދިފާއު ކުރުމާއި ސަރުކާރުން ރައްޔިތުންނަށް ކުރަމުންދާ ކަންކަމުގެ ވާހަކަ ރައްޔިތުންނާ ހަމަ އަށް ގެނެސްދިނުމަކީ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބަވާ ސިޔާސީ ފަރާތަށް ކުރައްވަން ޖެހޭ ކަމެކެވެ. އެކަން ކުރައްވަން ޖެހޭނީ އަޚްލާގީ މިންގަޑުގެ ތެރެއިން ޕްރޮފެޝަނަލް ކޮށެވެ.
އެހެން ނަމަވެސް އެމަނިކުފާނުގެ ދަށުން މަސައްކަތް ކުރައްވާ ސިޔާސީ ބައެއް ފަރާތްތަކުގެ ކިބައިން ފެނިގެން ދަނީ މުޖުތަމަޢުގައި ސުލްހަ މަސަލަސްކަން ނަގާލުމަށް ހިތްވަރުދޭ މަންޒަރެވެ. އެއްބަޔަކު އަނެއް ބަޔަކަށް ހަޖޫޖެހުމާއި ނެތި މޮށުމަކީ ސިޔާސީ މީހަކަށް ވެއްޖެއްޔާ ކުރައްވަން ޖެހޭ ކަމެކޭ ވެސް މި ފަރާތްތަކުގެ ޢަމަލުތައް ހުންނަ ގޮތުން ހީވެއެވެ.
ދައުލަތް ތަމްސީލުކުރަން ތިބޭ އިސްވެރިންގެ ފަރާތުން މިފަދަ ކަންކަން ފެންނާކަށް ރައްޔިތުން ނޭދޭކަން އެނގެނީ އެ ޕްރޮގްރާމަށް އާންމު ރައްޔިތުން ކޮށްފައިވާ ކޮމެންޓްތަކަށް ބަލާލުމުންނެވެ. އެހެންކަމުން މިފަދަ ކަންކަމަކީ ވަރަށް ނާތަހުޒީބު ހަމަ ގަބޫލުކުރާ ރައްޔިތުން ބަލައި ނުގަންނަ ކަމެއްކަން ހާމަވެގެންދެއެވެ.