ގާނޫނު ނަންބަރު 2008/2 (ވަޒީފާއާ ބެހޭ ގާނޫނު)ގެ 3 ވަނަ މާއްދާގެ (ހ)ގައި އެއްވެސް މީހަކު ލައްވައި، މަޖުބޫރުން މަސައްކަތް ކުރުވައިގެން ނުވާނެކަމަށް ބަޔާންކޮށްފައިވެއެވެ.
އަދި މި މާއްދާގެ (ށ)ގައި "މަޖުބޫރުން މަސައްކަތް ކުރުވުން" މާނަކޮށްދެނީ، މީހަކު އޭނާގެ އަމިއްލަ އިހްތިޔާރުގައި ދޭ ހިދްމަތެއް ހޯދުން ފިޔަވައި، އަދަބެއް ދޭނެކަމުގެ އިންޒާރުދީގެން ނުވަތަ ނުފޫޒުގެ ބާރު ބޭނުންކޮށް ބިރުދައްކައިގެން މީހެއްގެ ފަރާތުން ހިދްމަތެއް ހޯދުމަށްކަމަށާއި ނުވަތަ މަސައްކަތެއް ކުރުވުމަށްކަމަށް ބަޔާންކޮށް، މި ގާނޫނުގައި މަޖުބޫރުން މަސައްކަތްކުރުން މާނަކުރުމުގައި ނަމަވެސް މި މާނަކުރުމުގައި، ޝަރީއަތުން ކުރާ ހުކުމެއްގެ ދަށުން މީހަކު ލައްވާ ސަރުކާރުގެ ކަމާބެހޭ ފަރާތުގެ ކޮންޓްރޯލާއި ބެލުމުގެ ދަށުން ކުރުވާ މަސައްކަތް ނުވަތަ ހޯދާ ހިދްމަތަށާއި، މުޅި އާބާދީގެ ނުވަތަ އާބާދީގެ ބައެއްގެ މީހުންގެ ފުރާނަޔަށް ނުވަތަ ދުޅަހެޔޮކަމަށް ގެއްލުމެއް ލިބިދާނެކަމަށް ފެންނަ ކުއްލި ހާލަތްތަކުގައި، އެފަދަ ހާލަތްތަކުގައި ކުރުވަން އެކަށީގެންވާ ކަމަށް ގަބޫލުކުރެވޭ ނިސްބަތަށް ކުރުވާ މަސައްކަތް ނުވަތަ ހޯދާ ހިދްމަތަށް މަޖުބޫރުން މަސައްކަތްކުރުން ކަމަށް މާނަ ނުކުރެވޭނަކަމަށް ބަޔާންކޮށްފައިވެއެވެ.
ހަމައެހެންމެ، މި ގާނޫނުގެ 4 ވަނަ މާއްދާ (ތަފާތު ނުކުރުން) (ހ)ގައި ވަޒީފާ ދިނުމުގަޔާއި، އުޖޫރަ ކަނޑަ އެޅުމުގަޔާއި، އުޖޫރަ އިތުރު ކުރުމުގަޔާއި، ތަމްރީނު ދިނުމުގަޔާއި، ވަޒީފާގެ ޝަރުތުތަކާއި ވަޒީފާ އަދާކުރާނެގޮތް ކަނޑައެޅުމުގަޔާއި، ވަޒީފާއިން ވަކިކުރުމުގަޔާއި، ވަޒީފާ އަދާކުރުމުގައި ދިމާވާ އެހެނިހެން ކަންކަމުގައި، މީހުންގެ ނަސްލަށް، ކުލަޔަށް، އިޖްތިމާއީ ނިސްބަތަށް، ދީނަށް، ސިޔާސީގޮތުން ގެންގުޅޭ ހިޔާލުތަކަށް، ނުވަތަ ނިސްބަތްވާ ސިޔާސީ ޕާޓީއަށް، ޖިންސަށް، ކައިވެނީގެ ނިސްބަތަށް، އާއިލާގައި އަދާކުރާ ޒިންމާތަކަށް، މި ގާނޫނާއި ހިލާފުނުވާ ގޮތުން އުމުރަށް، ނުވަތަ ހުރި ނުކުޅެދުންތެރިކަމަށް ބަލައި، މަސައްކަތްކުރާ ހަމަހަމަ މީހުންގެ މެދުގައި އެއްވެސް ގޮތަކުން ތަފާތުކުރުމަކީ މަނާކަމެއްކަމަށވެސް މި ގާނޫނުގައި ބަޔާންވެގެންވެއެވެ.
ދެން ވިސްނާލަމާހެއްޔެވެ؟ ގާނޫނުގައި ބުނެފައިވަނީ މަސައްކަތްކުރާ ހަމަހަމަ މީހުންގެ މެދުގައި އެއްވެސް ގޮތަކަށް ތަފާތުކުރުމަކީ މަނާކަމެއްކަމަށެވެ. މިއަޮތީ ކަޅާއިހުދުން މިކަން ލިޔެވިފައެވެ. މި ތަފާތުކުރިން ސާބިތުކޮށްދެވޭނެހެއްޔެވެ؟ ވަޒީފާގެ މާހައުލުގައި ތަފާތުކުރުން ގެންގުޅުނުކަން ސާބިތުކޮށްދެވޭނެ ނިޒާމެއް ކަނޑައެޅިފައި އެބައޮތްހެއްޔެވެ؟ މި ތަފާތުކުރުން މިނެކިރާނެ ގޮތެއް ނުވަތަ އުސޫލުތަކެއް ކަނޑައެޅިފައި އެބައޮތްހެއްޔެވެ؟ ތަފާތުކުރުންކަމަށް ބެލުމުގައި މަސައްކަތްތުގެ މާހައުލަށާއި އިލްމަށް ބަލައިގެން ތަފާތުކުރުން ގެންގުޅެވިދާނެކަމަށްވެސް ބުނެފައިވަނީ ހަމަ މިގާނޫނުގައެވެ.
އެގޮތުން، ވަޒީފާއާ ބެހޭ ގާނޫނުގެ 4 ވަނަ މާއްދާގެ (ނ) ގައި ވަޒީފާއެއް އަދާކުރުމަށް ބޭނުންވާ ތައްލީމީ ފެންވަރާއި، ހުނަރާއި، ތަޖުރިބާއާއި މިނޫންވެސް މަސައްކަތާ ސީދާގުޅުންހުރި ކަންތައްތަކުގެ މައްޗަށްބެލުން މި މާއްދާގެ (ހ) އިން ހުރަހެއްނާޅާކަމަށް ބަޔާންކޮށްފައިވެއެވެ. މިހިސާބުން، އެއްކަލަ ވަޒީފާގެ މާހައުލުގައި އުޅޭ ވެރިންތައް އުދުއްސައި ގަންނަން ފަށައެވެ. ވަޒީފާގެ މާހައުލުގައި މުއައްޒަފުންގެ މެދުގައި ތަފާތު ކުރުން ގެންގުޅުމަށް އާދަވެ، އެކަން ކުރުމަށް ކަށީގައި ހިފާފައި ތިބި މީހުން ދައްކާނީ އިސްވެ މިބަޔާންކުރި މާއްދާގައި ބުނާ ވާހަކައެވެ. ތަފާތުކުރުން ނުގެންގުޅެމެވެ. އެސޮރަށްވުރެ މިސޮރު މަސައްކަތަށް ރަނގަޅުކަމަށް ބުނާނެއެވެ. މިހިސާބުން ދެން އިންސާނީ ހައްގު ކަށަވަރުވޭހެއްޔެވެ؟
ގާނޫނު އަސާސީގެ ދެވަނަ ބާބަކީ ހައްގުތަކުގެ ބާބެވެ. މި ބާބުގެ 17 ވަނަ މާއްދާގައި މިބާބުގައި ބަޔާންވެގެންވާ ހައްގުތަކާއި މިނިވަންކަން މިބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެއްވެސް ގޮތަކުން ތަފާތު ކުރުމެއްނެތި ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށް ބަޔާންވެގެންވެއެވެ. އެހެންނަމަވެސް، މިވަރުން އިންސާނީ ހައްގު ކަށަވަރުވޭހެއްޔެވެ؟
މިއަދު ދިވެހިރާއްޖޭގައި ނަފްސާނީބަލި އެންމެ ބޮޑަށް ފެތުރެމުންދާ މާހައުލަކީ ވަޒީފާގެ މާހައުލެވެ. ރައްކާތެރިކަމެއް ނެތެވެ؟ އޮތްހާވެސް އެއްޗަކީ ވަޒީފާގެ ބިރެވެ. ސިޔާސީ ކުލަވަރު ހުރިހާތަނެއްގައިވެސް އޮއިދެމި، ދައުލަތުގެ އިދާރާތަކާއި، ސަރުކާރާއި، މިނިވަން މުއައްސަސާތަކުގައިވެސް އޮތީ މިކަމެވެ. ވެރިން އެމީހުންގެ ގަދަބާރުދައްކައި މުވައްޒަފުން އަޅުންނަށް ހަދަނީއެވެ. ވެރިއަކު ނިންމާ ނިންމުމަކަށް ނުވަތަ ކުރާ އަމަލަކަށް ދެކޮޅު ބަސްބުނާ މުވައްޒަފަކީ ހަތުރެކެވެ. އެހިސާބުން އެ މުވައްޒަފުން އޮންނާނީ ބްލެކްލިސްޓުގައެވެ. ކިތަންމެ ބުރަކޮށް ކިތަންމެ ރަނގަޅަށް މަސައްކަތްކުރިނަމަވެސް، އެ މުވައްޒަފުންގެ ކުށް ނޫން އިތުރުކަމެއް ވެރިންނަކަށް ނުފެންނާނެއެވެ. ވަކިހިސާބަކުން، މުވައްޒަފު ނަފްސާނީވެ އިތުރު ކުށަކަށް އަރައިގަނެއެވެ.
އަދި ކޮބައިތޯއެވެ. ވެރިންގެ ބްލެކްލިސްޓަށް އަރައިފިނަމަ، އެ މުވައްޒަފަކު ވަކި ކުރުމުގެ ޕްލޭނެއް ސިއްރިއްޔާތުގައި ކުރެހިގެންދެއެވެ. ގާނޫނު ނަންބަރު 2008/2 (ވަޒީފާއާ ބެހޭ ޤާނޫނު) 21 ވަނަ މާއްދާގެ (ހ)ގައި މުވައްޒަފެއްގެ މަސައްކަތުގެ ގާބިލުކަން ނުވަތަ އަހްލާގީ މިންގަނޑު ރަނގަޅު ކުރުމަށް ފިޔަވަޅު އެޅުމަށްފަހުވެސް އޭނާގެ މަސައްކަތުގެ އަހްލާގާއި ނުވަތަ އޭނާ ވަޒީފާއަދާކުރާ ތަން ރަނގަޅު ގޮތުގައި ހިންގުމާ ގުޅިފައިވާ އޭނާގެ ޒިންމާ އަދާ ނުކުރާކަމުގެ އެކަށީގެންވާ ސަބަބަކާލައިގެން މެނުވީ، ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކު، އޭނާގެ ވަޒީފާއިން ވަކިކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައިވެއެވެ.
އެހެންނަމަވެސް، ސަރުކާރުގެ އިދާރާތަކުންނާއި މިނިވަން މުވައްސަސާތަކުން ނުހައްގުން މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ މަސައްކަތްކޮށްފައި ހުރިކަން މީސްމީޑީޔާގެ ތަފާތު އެކި ޕްލެޓްފޯމްތަކުން ވޭތުވެދިޔަ އަހަރުތަކުގައި ވަނީ ފެނިފައެވެ. ޝަރުއީ މަރުހަލާއިން ބޮޑެތި އަދަދުތަކުން ދައުލަތުގެ އިދާރަތުން ޖޫރިމަނާވެ، ބޮޑެތި އަދަދުތަކުން ގެއްލުނު ވަޒީފާގެ އުޖޫރަ، ވަޒީފާއިން ނުހައްގުން ވަކިކުރި މުވައްޒަފުންނަށް ދިނުމަށް ދައުލަތުގެ އިދާރަތަކަށް ޝަރުއީ ކޯޓުތަކުން ހުކުމްކުރިއެވެ. މިހިސާބުން މިކަން ދިވެހިރާއްޖޭގައި ސިއްކަޖެހެއެވެ.
އެހެންނަމަވެސް، މިކަމުގައި އަޅުގަނޑުގެ ހިޔާލު ތަފާތެވެ. އަޅުގަނޑު ދެކޭގޮތުގައި ނުހައްގުން މުވައްޒަފަކު ވަޒީފާއިން ވަކިކުރިން ޝަރުއީ މަރުހަލާއިން ސާބިތުވެއްޖެނަމަ، އެ މުވައްޒަފަކަށް ދައްކަންޖެހޭ އުޖޫރަ ނުވަތަ ދޭންޖެހޭ ބަދަލު ދޭންޖެހޭނީ ނުހައްގުން އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރި ޗިޓުގައި ސޮއިކުރި ވެރިޔާއެވެ. ކަނޑައެޅިގެން އެނގިހުރެ އަދާކުރަންޖެހޭ މަސްއޫލިއްޔަތެއް އަދާނުކުރުމުގެ ސަބަބުން ދައުލަތުގެ މާލިއްޔަތުން ހަރަދު ކުރަންޖެހޭނެކަމަށް އަޅުގަނޑު ނުދެކެމެވެ. މިކަމުގައި ތިބޭފުޅުންހުރި ހިޔާލަކީ ކޮބައިތޯއެވެ؟