މި ރާއްޖެ ކިތައްމެ ކުޑަޔަސް އިސްރާޢީލް އާ ދެކޮޅަށް އެޅޭނެ ފިޔަވަޅުތައް އެބަހުރި، ނޭޅިގެން މިއުޅެނީ ކީއްވެ؟

އިސްލާމީ އުންމަތަކީ އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވެ، އެއްބަޔަކަށް ޖެހޭ ކަންކަމުގައި އަނެއްބަޔަކު މޭ އައްޑަނަ އަކަށް ދިއްކުރަން ޖެހޭ ބައެކެވެ. ދުނިޔޭގައިވާ އިސްލާމީ އެންމެ މާތް ބިނާތަކާއި އާސާރީ އެތައް ތަނެއް އެކުލެވިގެންވާ ސައްތައިން ސައްތަ މުސްލިމުގައުމެއް އިސްރާއީލޭކިޔުނު ޔަހޫދީ ޖަމާއަތަކުން އެތައްބަޔަކު ޝަހީދުކޮށް ފަނާކޮށް ބިމާހަމަ ކުރާއިރު، ދުނިޔޭގެ ހަމަޖެހުން ގާއިމުކުރުމަށް ހަދާފައިވާ ޖަމިއްޔާ ޖަމާއަތްތައް ނުވަތަ "ހިއުމަން ރައިޓްސް" އޭ މި ކިޔުނު ބަޔެއްގެ އަޑެއް ބަޑެއްވެސް ނެތެވެ. ހިއުމަން ރައިޓްސް އޮތް އެއްޗަކަށް ނުވަނީ މުސްލިމުންނާ ދެކޮޅަށް ކާފިރުން ލާއިންސާނީ އަމަލު ހިންގާ ހިސާބުންނެވެ.

ދުނިޔޭގެ ބޮޑެތި އިސްލާމީ ޤައުމުތަކުން ފަލަސްތީނުގެ މި ލާއިންސާނީ އަމަލު ހުއްޓުވުމަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރާތަން ނުފެންނަ ކަމަށް މަސްރަޙް ދިރާސާ ކުރައްވާ ފަރާތްތަކުން ވިދާޅުވެއެވެ.

އިސްރާޢީލް އާ ދެކޮޅަށް ކޮންމެ ކޮންމެ ޤައުމަކަށް ހަނގުރާމަ ނުކުރެވިދާނެއެވެ. އެހެން ނަމަވެސް ކޮންމެ ގައުމަކަށް ވެސް އެ ގައުމެއްގެ ފެންވަރުން އެޅޭނެ ދަތިކުރުމުގެ ފިޔަވަޅުތައް ހުންނާނެ ކަމާމެދު ޝައްކެއް ނެތެވެ.

ކޮންމެ ދުވަހަކު އެތައް އަންހެނުންނެއް "ރޭޕް" ކޮށް އެތައް ކުޑަ ކުދިންނެއް ޝަހީދުކޮށް އެތައް ކުދިންނެއްގެ މައިންބަފައިން ޝަހީދުކޮށް، އަދި އެތައްބަޔަކަށް އެމީހުންގެ ލޯބިވާދަރިން ޝަހީދުވެގެންދާ ތަން ބަލަން ތިބުމަކީ އެއްވެސް އިންސާނެއްގެ ހިތައް ކުޅަދާނަ ވާނެ ކަމެއް ނޫނެެވެ. ނުވިތާކަށް މިހާރު ދިރިތިއްބާ އެތައް މުސްލިމުންނެއް ދުނިޔޭގެ އެންމެންގެ ލޯމަތީގައި އެޔޮއް އަންދާލަނީއެވެ. ޝަހީދު ކޮށްލި މުސްލިމުންގެ އަދަދު ތިރީސް ހާހަށް ވުރެ މަތީގައެވެ.

މި ސައްތައިން ސައްތަ އިސްލާމީ ޤައުމު ތިބެންވީ ބަލަހައްޓައިގެން ކަމެއް ވާކަމަށް ވެސް ނަހަދައި "ވީއަރ ވިތް ޕަލަސްޓައިން" އޭ ކިޔައިގެންތޯއެވެ؟ ބަޔަކަށް ދެވޭނެ އެންމެ ބޮޑު ހިތްދަތިކަމަކީ ކިރިޔާވެސް އެހީއެއް ވެދެވެން އޮތް ބަޔަކު އެހީ ނުވެ ތިބޭ މަންޒަރު ބަލާކަށް ނޫންތޯއެވެ.

ރާއްޖޭގެ އެކި ޖަމިއްޔާ ޖަމާއަތްތަކުން ރައްޔިތުންގެ އެހީތެރިކަމާއެކު އެ މުސްލިމުންނަށް ކާނާއާއި އަންނައުނު އަދި ދިރިހުރުމަށް ބޭނުންވާ ފެން ފޯރުކޮށްދިނުމުގައި އެބަ އެހީތެރިވެއެވެ. އެހެން ބޮޑެތި ގައުމުތަކަށް ވުރެ ބޮޑަށް އެކަންކަމުގައި ދިވެހިރައްޔިތުން އުޅެނީ ކުރީގައެވެ. އެއީ އެ އެރައްޔިތުންގެ ފެންވަރުން ކުރެވެން އޮތްވަރެވެ.

ނަމަވެސް ޤައުމެއްގެ ފެންވަރުން ކުރެވޭނެ އެއަށްވުރެ ބޮޑެތި ކަންކަަން އެ މުސްލިމުންގެ ހައްގުގައި ކުރެވެން އެބައޮތެވެ. އެގޮތުން އިސްރާޢީލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން ހުއްޓުވިދާނެއެވެ. އެއީ ބައެއް އިސްލާމީ ޤައުމުތަކުން އަޅާފައިވާ ވެސް ފިޔަވަޅެކެވެ. މީގެ އިތުރުން އިސްރާޢީލް އަށް ފައިދާވާ ބައެއް ވިޔަފާރި ތަކާއި އެގައުމުގެ އުފެއްދުންތައް "ބޮއިކޮޓް" ކޮށް އެހެން ޤައުމުތަކުން އެބާވަތްތައް އެތެރެކުރަން ފެށި ގައުމުތައް ވެސް މަދެއް ނޫނެވެ. އެއީ މިރާއްޖޭގައި ވެސް ހަމަ ކުރެވިދާނެ ކަމެކެވެ. އަދި އެކަމަށް ގިނަ ރައްޔިތުން ތާއީދު ވެސް ކުރެއެވެ.

ނަމަވެސް ސަރުކާރުން މިކަމުގައި އެއްވެސް އެއްޗެއް ނުބުނެ ހަނު އޮންނަށް ޖެހޭ އެއްވެސް ސަބަބެއް އަޅުގަނޑަކަށް ނުވިސްނުނެވެ. މިވާހަކަތައް ދައްކަނީ މަދު ބަޔެކެވެ. އެހެން ނަަމަވެސް މިއީ ފަލަސްތީނުގެ މުސްލިމުންނަށްޓަކައި ރާއްޖެފަދަ ސައްތައިން ސައްތަ އިސްލާމީ ޤައުމަކުން އަމަލުކޮށްގެންވާނެ ގޮތެއް ނޫނެވެ.

ސަރުކާރުން ދޭ މަސްދަޅަކުން ދޭ ފައިސާ ފޮއްޗަކުން ނުވަތަ "ފްރީ ޕަލަސްޓައިން ނުވަތަ ވީއަރ ވިތް ޕަލަސްޓައިން" އޭ ބުނެ ގައުމުގައި ދަމާ ބެނާ އަކުން އެ މުސްލިމުންނަށް ވާނެ ފައިދާއެއް ނެތެވެ. އޭގެ ބަދަލުގައި އެމީހުން ޝަހީދު ކުރަން ޔަހޫދީން ފައިސާ ހޯދާ މަގުތަށް ބަންދުކުރުމުގެ ވިސްނުން ގެންގުޅުން މާބުއްދިވެރިއެއް ނޫންތޯއެވެ؟ އެ މުސްލިމުންނަށް ދިރިހުރުމުގެ ހައްގު ހޯދުމަށް މަސައްކަތް ކޮށްދެއްވާށެވެ.

 

advertisement
ހިޔާލު ދެއްވާ!