އޯޝޭނިއާ ޤައުމެއް ކަމަށްވާ ޕަޕުއާ ނިއު ގިނީ އަށް ކުރަމުންދާ ވިއްސާރައިގައި އެޤައުމުގެ ބިންގަނޑު ކަނޑައިގެންގޮސް ހިނގި ހާދިސާއާއި ގުޅިގެން އެޤައުމުގެ ބޮޑުވަޒީރު ޖޭމްސް މަރާޕޭއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި އެވެ.
އެމަނިކުފާނު ވިދާޅުވީ އެޤައުމުގައި ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާގައި އެޤައުމުގެ އެތައް ސަތޭކަ ބައެއްގެ ފުރާނަ ގެއްލުން ޚަބަރާއެކު ފުން ހިތާމައެއް ލިބިވަޑައިގަތް ކަމަށެވެ. އަދި އެތައް ބައެއްގެ ފުރާނައާއި ދިރިއުޅުމާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބުމަކީ ހިތަށް ގެންނަންދަތި ހިތާމަވެރި ހާދިސާއެއްގެ ގޮތުގައި ރައީސް ސިފަކުރައްވާފަވެއެވެ.
ރައީސް ވިދާޅުވީ ދިވެހި ސަރުކާރާއި ރައްޔިތުންނާއި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި ޕަޕުއާ ނިއުގިނީގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއިއެކު ހަމްދަރުދީ ފޮނުވާ ކަމަށާއި މި ދަތި ދަނޑިވަޅުގައި، އެކުވެރި ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގެ ޤައުމެއްގެ ގޮތުން، ދިވެހި ރައްޔިތުން ޕަޕުއާ ނިއުގިނީގެ ރައްޔިތުންގެ ހިތާމައިގައި ބައިވެރިވާ ކަމަށެވެ.
މީހުން ސަލާމަތް ކުރުމުގައި ހާދިސާ ހިނގި ސަރަޙައްދުގައި މިހާރު ކުރިއަށްދާ މަސައްކަތް ކާމިޔާބުކަމާއެކު އަވަސް ފުރުޞަތެއްގައި ނިމުމަށް އުންމީދުކުރައްވާ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
އަދި މި ހާދިސާގައި އަނިޔާވި ފަރާތްތަކަށް އަވަސް ޝިފާއެއް މިންވަރުކޮށްދެއްވުން އެދި ދުޢާ ކުރައްވައި ފުރާނަ ގެއްލުން ފަރާތްތަކުގެ އާއިލާތަކަށް ތަޢުޒިޔާ ރައްދުކޮށްދެއްވުން އެދިވަޑައިގަންނަވާ ކަމަށް ވެސް އެމަނިކުފާނު ފޮނުއްވި މެސެޖުގައި ވިދާޅުވިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ޕަޕުއާ ނިއު ގިނީ އަށް ކުރި ވިއްސާރައިގައި އެޤައުމުގެ ބިންގަނޑު ކަނޑައިގެންގޮސް 300 އެއްހާ މީހުން ވަނީ މަރުވެފައެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ބިންގަނޑު ކަނޑައިގެންގޮސް ފޭބި ކިސަޑުތަކާއި ވެލީގެ ދަށުގައި 1000 އަށްވުރެ ގިނަ މީހުންވަނީ ވަޅުލެވިފައެވެ.