ފޮޓޯ: އިންޓަރނެޓް

ލޭގެ ތަހުލީލުތަކަށް ސުންކު ދޭއިރު ހުސްގޮހޮރާ ހުންނަންޖެހޭތަ؟

ބައްޔެއް ދެނެގަނެ އެބައްޔަށް ފަރުވާ ދިނުމަށްޓަކައި ޑޮކްޓަރުން ބަރޯސާވާ އެންމެ އަސާސީ ވަސީލަތަކީ ލެބޯޓަރީ ތަހުލީލުތަކުގެ ނަތީޖާއެވެ. އޭގެތެރެއިން ބައެއް ތަހުލީލުތަކަކީ ހުސްގޮހޮރާ (ފާސްޓިންގ) ނުވަތަ ކެއިންބުއިމުން ދުރުހެލިވެހުރެ ސުންކު ދޭންޖެހޭ ތަހުލީލުތަކެވެ. މިގޮތުން އެންމެ އާއްމުކޮށް ތަހުލީލުކުރެވެނީ ލެޔެވެ.

ލެއަކީ އިންސާނާގެ ހަށިގަނޑުގައި މުހިއްމު ރޯލެއް އަދާކުރާ އަދި އެންމެ އާންމުކޮށް ތަޙުލީލު ކުރެވޭ މާއްދާއެވެ. މިގޮތުން ހަށިގަނޑުގެ ހުރިހާ ހިސާބަކަށް ބޭނުންވާ އޮކްސިޖަން ފޯރުކޮށްދިނުމާއި، ހަށިގަނޑަށް ބޭނުންނުވާ މާއްދާތައް ސާފުކޮށް، އިންފެކްޝަންތަކުން ސަލާމަތްވުމަށް ދިފާއީ ނިޒާމަށް އެއްބާރުލުންދީ، މުހިންމު އެކި ހޯމޯންތައް  ދައުރުކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރަނީ ލެޔެވެ. އަދި މިކަންކަން ވަކި ނިޒާމެއްގެ ދަށުން ހިނގުމަށްޓަކައި ލެޔަށް ބޭނުންވާ މާއްދާތައް ފޯރުކޮށްދެވެނީ ކާނާގެ ޒަރީއާއިންނެވެ.

އެެހެންނަމަވެސް، ކާނާގެ ތެރޭގައި ހިމެނޭ ހަކުރާއި، ފެޓާއި ކާބޯހައިޑްރޭޓާއި ޕްރޮޓީން ފަދަ މާއްދާތަކަކީ ހަމަ ކާލުމާއެކު އެ މާއްދާތައް ލޭގެ ތެރެއަށް ފޭދިގެންދާ މާއްދާތަކެއް ނޫނެވެ. އަދި އެފަދަ މާއްދާތައް ލޭގެ ތެރޭގައި ދެމިހުންނަ ވަގުތުވެސް އެއް މާއްދާ އަނެއް މާއްދާއާ ތަފާތެވެ. ލޭގެ ތަހުލީލުތަކަށް ހުސްގޮހޮރާ ހުރެ ސުންކު ނަގަނީ މި ސަބަބާހެދިއެވެ.

މިސާލަކަށް ބަލާނަމަ ލޭގައި ހަކުރު އެކުލެވޭ މިންވަރު ބެލުމަށްޓަކައި ސުންކު ދިނުމުގެ ވަގުތުކޮޅެއް ކުރިން ހަކުރު އެކުލެވޭ ކާނާއެއް ނުވަތަ ބުއިމެއް ބޭނުންކޮށްފިނަމަ، ލޭގައި ހިމެނޭ ހަކުރުގެ މިންވަރު ވަރަށް މަތިކަމަށް ދައްކާނެއެވެ. އަދި ހަށިގަނޑުގެ އެކި ނިޒާމުތަކުން ލޭގައި ހިމެނޭ ހަކުރުގެ މިންވަރު ތަންޒީމްކުރުމަށްޓަކައި ލައްވަވާފައިވާ ނިޒާމުތަކުގެ މަސައްކަތްތަކަކީ ވަގުތު ކަނޑައެޅިފައިވާ މަސައްކަތްތަކަކަށްވާތީ، އެކަމަށް ރިއާޔަތްނުކޮށް ސުންކު ނަގައިފިނަމަ ތަހުލީލުތަކުގެ މަގްސަދު ހާސިލެއްނުވާނެއެވެ. ހަމައެހެންމެ، ތަހުލީލުތަކުގެ ނަތީޖާއިން އެމީހެއްގެ ކިބާގައި ނެތް ބައްޔެއްގެ އަސަރު ހުރިކަމަށް ޝައްކުކުރެވުމުގެ ފުރުޞަތު އޮންނާނެއެވެ.

މަތީގައި ދެންނެވުނު ސަބަބުތަކާއި އެހެނިހެން އިތުރު ބައެއް ސަބަބުތަކަށްޓަކައި ތަފާތު ބަލިތައް ދެނެގަތުމަށް ލޭގެ ތަހުލީލުތައް ކުރާއިރު ހުސްގޮހޮރާހުރެ ސުންކު ނަގަންޖެހެނީ ބައެއް ތަހުލީލުތަކަށެވެ. މީގެ ތެރެއިންވެސް އެންމެ އާއްމު 2 ތަހުލީލަކީ ހަކުރު ހުރި މިންވަރު ބެލުމަށާއި ކޮލެސްޓްރޯލްގެ މިންވަރު ދެނެގަތުމަށް ކުރެވޭ ތަހުލީލެވެ.

މިފަދަ ތަހުލީލެއް ކުރުމަށް ޑޮކްޓަރު އިރުޝާދު ދެއްވައިފިނަމަ، އެ ޓެސްޓު ހެދުމަށްޓަކައި ލެބޯޓްރީން މެމޯ ހައްދާ ވަގުތުގައި ތަހުލީލުތަކަށް ސުންކު ނެގުމުގެ ކުރިން ހުސް ގޮހޮރާ ހުންނަންވީ ވަގުތު ބުނެދޭނެއެވެ. އެ ލެބޯޓްރީއެއްގައި ބޭނުންކުރާ މެޝިނަރީއާއި ތަހުލީލު ކުރުމަށް ބޭނުންކުރާ އެހެން ސާމާނުތަކަށް ނިސްބަތްކޮށް މިގޮތަށް ދޭ ވަގުތު އެކި ލެބޯޓްރީތަކުގައި ތަފާތުވެދާނެއެވެ.

ހަކުރު ހިމެނޭ މިންވަރު ބެލުމަށް ކުރެވޭ ތަހުލީލެއްނަމަ އެންމެ ފަހުން އެއްޗެއް ކޭފަހުން ނުވަތަ ބުއި ފަހުން 8 ގަޑިއިރު ހަމަވުމަށްފަހު، 12 ގަޑިއިރު ހަމަނުވާނަމަ، ކޮންމެ ވަގުތަކުވެސް ސުންކު ނެގިދާނެއެވެ. 12 ގަޑިއިރު ހަމަވެއްޖެނަމަ ހަކުރު ހުރި މިންވަރު ބަލަން ސުންކު ނެގިޔަސް އެ ތަހުލީލުގެ ނަތީޖާއަށް ބަރޯސާ ނުވެވޭނެއެވެ.

ހަމައެހެންމެ، ކޮލެސްޓްރޯލް ހުރި މިންވަރު ކުރެވޭ ތަހުލީލެއްނަމަ ހަކުރު ހިމެނޭ މިންވަރު ބެލުމަށް ކުރެވޭ ތަހުލީލެއްނަމަ އެންމެ ފަހުން އެއްޗެއް ކޭފަހުން ނުވަތަ ބުއި ފަހުން 10 ގަޑިއިރު ހަމަވުމަށްފަހު، 14 ގަޑިއިރު ހަމަނުވާނަމަ، ކޮންމެ ވަގުތަކުވެސް ސުންކު ނެގިދާނެއެވެ. 14 ގަޑިއިރު ހަމަވެއްޖެނަމަ ކޮލެސްޓްރޯލް ހުރި މިންވަރު ބަލަން ސުންކު ނެގިޔަސް އެ ތަހުލީލުގެ ނަތީޖާއަށް ބަރޯސާ ނުވެވޭނެއެވެ.

އެހެންކަމުން، ސުންކު ނެގުމަށްޓަކައި ތައްޔާރުވުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމަށް ބަލާލާނަމެވެ.

1- ވަގުތަށް ފަރުވާތެރިވުން: ލެބޯޓްރީން ތަހުލީލުތަކަށް މެމޯ ހައްދާއިރު، ސުންކު ނެގުމަށްޓަކައި ހާޟިރުވުމަށް ބުނާ ގަޑިއަށް ލެބޯޓްރީއަށް ޙާޟިރުވުމަކީ ވަރަށްބޮޑަށް ސަމާލުކަންދޭންޖެހޭ ކަމެކެވެ. ނޫންނަމަ، ހުސްގޮހޮރާ ހުރެވުނީ ބޭކާރު އަދިބޭނުން ނުހިފޭ ސަބަބަކަށްޓަކައި ކަމުގައި ވެދާނެއެވެ.

2- ފެން ބުއިން: ފެންބުއިމުގެ ސަބަބުން ތަހުލީލުގެ ނަތީޖާއަށް ބުރޫނާރާނެއެވެ. އެހެންކަމުން ހުސް ގޮހޮރާ ހުންނައިރު ފެން ބުއިމަކުން މައްސަލައެއްނެތެވެ. މިގޮތަށް ބޭނުންކުރާއިރު އެއްވެސް ބާވަތެއްގެ ރަހައެއް ނުވަތަ ކުލައެއް ޖައްސާފައި ހުންނަ ފެން ބުއިމަކީ ކޮށްގެންވާނެކަމެއްނޫނެވެ.

3- ބޭސް ބޭނުންކުރުން: ހުސް ގޮހޮރާ ހުންނައިރު، ގަވާއިދުން ބޭނުންކުރަންޖެހޭ ބޭސް ބޭނުންކުރުމަކީ މައްސަލައެއްނޫނެކެވެ. ނަމަވެސް މަލްޓިވިޓަމިން ފަދަ ބޭސްތައް ބޭނުންކުރުން އެންމެ އެކަށީގެންވަނީ ޑޮކްޓަރުގެ ލަފާގެ މަތިންނެވެ.

ހުސްގޮހޮރާ ހުރެ ކުރަންޖެހޭ ތަހުލީލުތަކަށް ސުންކު ދިނުމަށްޓަކައި ހަމައެކަނި ކެއުންބުއިމުން ދުރުހެލިވުމަކީ ހައްލެއްވެސް ނޫނެވެ. އޭގެ އިތުރުން ތިމާ ދުރުހެލިވާންޖެހޭ ކަންތައްތަކެއް ހުރެއެވެ. އޭގެ ތެރޭގައި:

1- ދުންފަތުގެ އިސްތިއުމާލު ކުރުން: ދިރާސާތަކުން ދައްކާ ގޮތުގައި ތަހުލީލަށް ސުންކު ދިނުމުގެ ކުރިން ސިނގިރޭޓް ނުވަތަ ވޭޕް ބޭނުންކުރުމުން ލޭގައި އޮކްސިޖަން ހުންނަ މިންވަރަށް ބަދަލުއައުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ.

2- ޗުވިންގަމް ކެއުން: ޗުއިންގަމުގެ ހަކުރު ނުހިމެނޭ ވައްތަރު ކަމުގައިވިޔަސް އެއީ ގިނައިރު ހަފަންޖެހޭ އެއްޗެއްކަމުން އެއިން ހަޖަމްކުރުމުގެ މަރުހަލާތައް އަވަސްކުރުވުމަށް އެހީވެދެއެވެ. އަދި އޭގެ ސަބަބުން ޓެސްޓުގެ ނަތީޖާ ތަފާތު ވެދާނެކަމަށްޓަކައި ހުސް ގޮހޮރާ ހުންނައިރު ޗުއިންގަމް ބޭނުންނުކުރުން ބުއްދިވެރިއެވެ.

3- ކަސްރަތު ކުރުން: ގަވާއިދުން ކަސްރަތު ކުރުމަކީ ހަށިގަނޑަށް ފައިދާހުރި ކަމަކަށްވިޔަސް ހުސްގޮހޮރާ ހުދެ ކުރެވޭ ތަހްލީލަކަށް ސުންކު ދިނުމުގެ ކުރިން ކަސްރަތުކޮށްފިނަމަ ލޭގައި ކޮލެސްޓްރޯލާއި ހަކުރު ހުންނަ މިންވަރަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ.

މީގެ އިތުރުން ހުސް ގޮހޮރާ ހުރެ ކުރެވޭ ތަހުލީލުތަކަށް ސުންކު ނަގަނީ ހެނދުނުގެ ގަޑީގައި ކަމަށްވުމުން ނިދާ ގަޑިއަކީ ހުސްގޮހޮރާ ހުންނަ ވަގުތުކަމަށް ހެދިދާނެއެވެ. ހަމައެހެންމެ، ހުސްގޮހޮރާ ހުންނަ ވަގުތު އިރުޝާދު ދެވިފައިވާ މިންވަރަށްވުރެ އިތުރުވިޔަނުދީ ސުންކު ހަވާލު ކުރުމަށް އިސްކަންދޭންވާނެއެވެ.

ބަލި ދެނެގަތުމަށް ކުރެވޭ ކޮންމެ ތަހުލީލަކީވެސް ބަލިމީހާއަށް ދެވޭ ފަރުވާ ބިނާ ކުރުމުގައި ނުހަނު މުހިންމު ބަހާއެއްކަމުން، އޭގެ ނަތީޖާގެ ކޮލިޓީ ކަށަވަރު ކުރުމަކީ ސިއްޙީ ހިދުމަތްތެރިނާއި  ބަލިމީހާގެ ފަރާތުންވެސް ސަމާލުކަން ދޭންޖެހޭނެކަމެކެވެ. ލެބޯޓަރީ ތަހުލީލުތައް ކުރުމަށް ޑޮކްޓަރު ލިޔެފައިވާނަމަ އެ ތަހުލީލަކަށް ތައްޔާރުވުމާއި މެދު ބަލިމީހާގެ ހުރި ސުވާލުތައް އަހައި މައުލޫމާތު ސާފު ކުރަންވާނެއެވެ. އަދި ތަހުލީލުގެ ނަތީޖާއަށް ބުރޫއަރާނެ އެންމެހައި ކަންތައްތަކުން ދުރުވެހުރެ ތަހުލީލަށް ސުންކު ހަވާލުކުރެވޭތޯ ބަލަންވާނެއެވެ.

advertisement
ހިޔާލު ދެއްވާ!