ތުލުސްދޫއަށް ކުއްތާ ބޭލީ ދެވިފައިވާ ހުއްދަ އާ ޚިލާފަށް، މައްސަލަ މިދަނީ ބަލަމުން: ފުލުހުން

ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް އައިސް އުޅުނު ފަތުރުވެރިންތަކެއް އެމީހުން ގެންގުޅޭ ކުއްތާއެއް ކ. ތުލުސްދޫއަށް ބޭލި މައްސަލަ ފުލުހުންނާއި މޯލްޑިވްސް ކަސްޓަމްސްއިން ބަލަން ފަށައިފިއެވެ.

ތުލުސްދޫއަށް އެ ކުއްތާ ބާލާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމު ވުމާއި ގުޅިގެން ޖަމިއްޔަތުއް ސަލަފުގެ އޮޕަރޭޝަންސް މެނޭޖަރު އަލީ ރަމީޒު ކުރެއްވި ޕޯސްޓަކަށް ކޮމެންޓް ކުރައްވަމުން ފުލުހުންގެ ތަރުޖަމާނު އަޙްމަދު ޝިފާން ވިދާޅުވީ އެއީ ދެވިފައިވާ ހުއްދަ އާ ޚިލާފަށް ކޮށްފައިވާ ޢަމަލެއް ކަމަށެވެ. އަދި އަނބުރާ އެ ކުއްތާ ޔޮޓަށް ގެންގޮސްފައިވާ ކަމަށް ޝިފާން ވިދާޅުވިއެވެ.

ކަސްޓަމްސްއިން ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ ކުއްތާއަކީ، ރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ގާނޫނު ގެ ފަސް ވަނަ މާއްދާގެ (ހ) ގެ ދަށުން ދިފާއީ ވުޒާރާގެ ހާއްސަ ހުއްދައެއް ލިޔުމަކުން ލިބިގެން ރާއްޖެއަށް ގެނެވޭ އެއްޗެއް ކަމަށެވެ.

މިހާރު ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ކުއްތާއަކީ، މި މަހުގެ 16 ވަނަ ދުވަހު ސެއިލިން ޔޮޓެއްގައި ރާއްޖެ ގެނެސްފައިވާ ކުއްތާއެއް ކަމަށާއި ހަމައެކަނި އެ ޔޮޓުގައި ޕެޓް ޑޯގެއްގެ ގޮތުގައި އެ ކުއްތާ ގެންގުޅުމަށް އެ ވުޒާރާއިން ހާއްސަ ހުއްދައެއް ދީފައިވާ ކަމަށް ކަސްޓަމްސްއިން ވިދާޅުވެފައި ވެއެވެ. އަދި އެ ޔޮޓު ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ދަތުރުކުރި ނަމަވެސް، ޔޮޓުން ކުއްތާ ނުބޭލޭނެ ކަމަށް އެ ހުއްދައިގައި ބަޔާންކޮށްފައިވާ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

ނަމަވެސް، ހުއްދައާ ހިލާފަށް، ކުއްތާ ޔޮޓުން ބާލައިގެން ރާއްޖޭގެ ރަށެއްގައި ގެންގުޅެފައިވާކަމަށް ބެލެވޭތީ، މައްސަލަ އިތުރަށް ތަހުގީގްކުރަމުންގެންދާ ކަމަށް ކަސްޓަމްސްއިން ވިދާޅުވެފައި ވެއެވެ.

advertisement
ހިޔާލު ދެއްވާ!