ތުލުސްދޫއަށް ފަތުރުވެރިއަކު ބޭލި ކުއްތާއެއް ބޭލި މައްސަލަ ބަލަމުން އަންނަކަމަށް ކަސްޓަމްސްއިން ބުނެފިއެވެ.
ކަސްޓަމްސްއިން ބުނާ ގޮތުގައި އެކުއްތާއަކީ ހަމައެކަނި ޔޮޓުގައި ގެންގުޅުމުގެ ހުއްދަ ދޫކޮށްފައިވާ ކުއްތާއެކެވެ.
ތުލުސްދޫ ބަނދަރަށް ކުއްތާއެއް ބާލާ މަންޒަރު ފެންނަ ވީޑިއޯއެއް އިއްޔެއިން ފެށިގެން ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާއެކު ވަރަށް ގިނަ މީހުން ވަނީ މިކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.
ތުލުސްދޫ ބަނދަރަށް ކައިރި ކުރި ދޯންޏަކުން ފޭބި ފަތުރުވެރިއެއް އަތުގައި އޮތް ކުއްތާއެއް ބަނދަރު މައްޗަށް ދޫކޮށްލުމުން އޭތި ދުއްވައިގަންނަ މަންޒަރު އެވީޑިއޯ އިން ފެނެއެވެ.
ފުލުހުން މިކަމާ ބެހޭގޮތުން ވިދާޅުވެފައިވަނީ އެކުއްތާއަކީ ރާއްޖެ އެތެރެކުރުމަށް ހުއްދަ ހޯދައިގެން އެތެރެކޮށްފައިވާ ކުއްތާއެއް ކަމަށެވެ. ނަމަވެސް ޔޮޓުން ބޭލުމުގެ ހުއްދަ ކަސްޓަމްސް އިން ދީފައި ނުވާ ކަމަށް އެ އިދާރާއިން އަންގާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ކަސްޓަމްސްއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ކުއްތާއެއް ރާއްޖެ އެތެރެކުރެވޭނީ ޑިފެންސް މިނިސްޓްރީގެ ޚާއްސަ ހުއްދައެއް ލިބިގެންނެވެ. އަދި އިއްޔެ ތުލުސްދޫއަށް ބޭލި ކުއްތާއަކީ މަހުގެ 16 ވަނަ ދުވަހު ރާއްޖެއައި ޔޮޓެއްގައި ގެނެސްފައިވާ ކުއްތާއެކެވެ. އަދި ޑިފެންސް މިނިސްޓްރީގެ ހުއްދަ އޮތީ ހަމައެކަނި އެ ޔޮޓުގެ ޕެޓް ޑޯގެއްގެ ގޮތުގައި ގެންގުޅުމަށް ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
އެގޮތުން އެ ޔޮޓު އެކި ތަންތަނަށް ދަތުރުކުރިނަމަވެސް، ކުއްތާ ޔޮޓުން ނުބޭލޭނެކަން ހުއްދައިގައި ބަޔާންކޮށްފައި އޮތް ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
އަދި ބަޔާން ކޮށްފައިވާ ޝަރުތާ ޚިލާފުވެފައިވުމާއެކު މިމައްސަލަ އިތުރަށް ބަލަމުން އަންނަކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ.