ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު، ޞަލާޙުއްދީން ސްކޫލްގައި ބޭއްވި ޙަފްލާއެއްގެތެރެއިން ފޮޓޯ: އެޑިޔުކޭޝަން މިނިސްޓްރީ

ސްކޫލްތައް އޭސީ ކުރުމުގެ މަސައްކަތް މިހަފްތާތެރޭގައި ފަށާނަން: ތަޢުލީމާބެހޭ ވަޒީރު

ސަރުކާރުގެ ހުރިހާ ސްކޫލެއްގެ ކުލާސްރޫމްތައް އޭސީކުރުމުގެ މަސައްކަތް މިހަފްތާތެރޭގައި ފައްޓަވާނެ ކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލު ޝަފީޢު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާއިގުޅިގެން ދުނިޔެ ހޫނުވުމުގެ ސަބަބުން ސްކޫލްތައް ހޫނުވެ، ކުދިން ސްކޫލަށް އަންނަންބޭނުން ނުވުމުގެ ސަބަބުން އެކުދިންގެ ކިޔެވުމަށް އަސަރުކުރުމަކީ ގިނަ ޤައުމުތަކަށް ދިމާވެފައިވާ މައްސަލައެއް ކަމަށެވެ.

ވަޒީރު ވިދާޅުވީ ކްލާސްރޫމްތައް ހޫނުވާ މައްސަލަ ހައްލުކުރުމަށްޓަކައި ކުރިއަށް ގެންދާ އޭސީ މަޝްރޫޢުއަކީ ޚަރަދު ހިނގާނޭ މަޝްރޫޢެއް ނަމަވެސް އެކަން ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ އެދިލައްވާފައިވާ ކަމަށެވެ.

މިހަފްތާގައި އެ މަޝްރޫޢު ފަށްޓަވާއިރު، އޭސީތަކަށްދާ ކަރަންޓްގެ %30 އަކީ އިރުގެއަލިފަދަ އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އުފައްދާ ކަރަންޓަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު އިރުޝާދުދެއްވާފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

މި މަސައްކަތް ކުރިއަށް އޮތް ދެ އަހަރުތެރޭ ނިންމާލެވޭވަރު ވާނެކަމަށް ވަޒީރު ވަނީ ކުރިން ވިދާޅުވެފައެވެ.

96،000 އަށްވުރެ ގިނަ ދަރިވަރުންނާއިއެކު ދިރާސީ އަހަރުގެ ކިޔެވުން އިއްޔެ ފަށާފައިވާއިރު، ސަރުކާރުގެ 217 ސްކޫލެއްގައި 83،000 އެއްހާ ދަރިވަރުން ތަޢުލީމު ޙާސިލްކުރަމުން ގެންދެއެވެ.  އޭގެތެރެއިން 17،000 އެއްހާ ދަރިވަރުންނަކީ މާލޭ ސަރަހައްދުގައި ތަޢުލީމު ޙާސިލްކުރާ ދަރިވަރުންނެވެ.

advertisement
ހިޔާލު ދެއްވާ!