މިރޭ އައި ބިންހެލުމުގެ ސަބަބުން ރާއްޖެއަށް ނުރައްކަލެއް ކުރިމަތިވާނެ ކަމަށް ލަފައެއް ނުކުރެވޭ: މެޓްއޮފީސް

މިރޭ އައި ބިންހެލުމުގެ ސަބަބުން ރާއްޖެއަށް ނުރައްކަލެއް ކުރިމަތިވާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ، މެޓްއޮފީހުން ބުނެފިއެވެ.

ރާއްޖެ ކައިރިން ޢަރަބި ކަނޑަށް މިރޭ ބިންހެލުމެއް އައިކަމަށް ބިންހެލުމުގެ ކަންކަން ބަލާ ދުނިޔޭގެ ބައެއް އިދާރާތަކުން ބުނެފައިވެއެވެ.

މި ބިންހެލުން އައިސްފައި ވަނީ ކުޅުދުއްފުއްޓާއި 234 ކިލޯމީޓަރު ކައިރިއަށް މިރޭ ރާއްޖެ ގަޑިން 8:26ގައި ކަމަށާ މި ބިންހެލުން އައިސްފައި ވަނީ 4.5 މެގްނެޓިއުޑް ބާރުމިނުގައި 10 ކިލޯމީޓަރު އަޑިން ކަމަށްވެސް ބުނެފައިވެއެވެ.

މިކަމާ ގުޅިގެން މެޓްއޮފީހުން ބުނީ މިރޭ ހދ. އަތޮޅުގެ ބައެއް ރަށްތަކުގެ ބިންގަނޑަށް ލޮޅުމެއް އައިކަމުގެ ރިޕޯޓްތައް ވަނީ ލިބިފައި ކަމަށާ އެއިދާރާއިން ބެލިބެލުމުން ހދ. ހަނިމާދޫގައި ގާއިމުކޮށްފައިވާ ބިންހެލުން ރެކޯޑްކުރާ މީޓަރަށް ރާއްޖޭ ގަޑިން މިރޭ 8:27 ހާއިރު ލޮޅުމެއްގެ އަސަރުކޮށްފައިވާ ކަމަށް ރެކޯޑް ކުރެވިފައިވާ ކަމަށެވެ.

މެޓް އޮފީހުން ބުނީ މި ލޮޅުމުގެ ސަބަބުން ރާއްޖެއަށް ނުރައްކަލެއް ކުރިމަތިވާނެ ކަމަކަށް ލަފައެއް ނުކުރެވޭ ކަމަށެވެ.

advertisement
ހިޔާލު ދެއްވާ!