ފަލަސްތީނަށް އެހީވާން ރައްޔިތުން ދިން ފައިސާއިން 17 އަހަރުގެ އަންހެން ކުއްޖަކު ގެނައީ ކީއްކުރަން؟

އިއްޔެ އަޅުގަނޑުމެން ދިވެހިންނަށް ލިބިގެން ދިޔަ އާދަޔާ ޚިލާފު ޚަބަރަކީ ދިވެހިންގެ އެހީގައި ފަލަސްތީނުގެ ކުއްޖަކު ރާއްޖެ ގެނެސްފައިވާ ކަމަށް "ޚިދުމަތް" ޖަމިއްޔާއިން ބުނި ޚަބަރެވެ.

މިޚަބަރު އަޑު އިވުމާއެކު، އަޅުގަނޑުގެ ސިކުނޑީގައި އެތައް ސުވާލުތަކެއް އެނބުރިގެން ދިޔައެވެ. މި ސުވާލުތައް އުފެދިގެން ދިޔައީ އެއްގޮތަކަށް ވެސް ފަލަސްތީނު ކުއްޖަކަށް އެހީތެރިވެދީގެންނެއް ނޫނެވެ. އެހެން ނަމަވެސް މިކަމުގައި އަޑި ނޭނގޭ އެތައް ކަމެއް ނުވަތަ ދިވެހި ރައްޔިތުން ފަލަސްތީނަށް އެހީތެރިވުމަށް އެތަކެއް ފައިސާއެއް ހޭދަ ކުރަމުންދާއިރު، މިކަމަކީ ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ހާމަކަން ބޮޑު ގޮތެއްގައި އެނގެން ޖެހޭނެ ކަމެއް ކަމުގައި އަޅުގަނޑު ދެކޭތީއެވެ.

ޚިދުމަތް ޖަމިއްޔާ އާއި އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން(އައިއޭސީ) އަކީ އެނގިފައިވާ ގޮތުގައި ފަލަސްތީނާއި އަދި އެނޫންވެސް ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރި ވުމަށް ދިވެހި ރައްޔިތުންދޭ ފައިސާ އާއި އަދި ދުނިޔޭގެ އެހެން ގައުމުތަކުގެ ޖަމިއްޔާތަކުންދޭ އެހީތައް މިދެންނެވި ހާލުގައި ޖެހިފައިވާ ފަރާތްތަކާ ހަމައަށް ފޯރުުކޮށްދިނުމުގެ ބައިވެރިއެއްގެ ރޯލް އަދާކުރާ ބައެކެވެ. ތެދަށް ދަންނަވާ ކަމުގައިވާނަމަ މިކަމަކީ އެބައިމީހުންނަށް ވަރަށް ވެސް ހެޔޮ ސަވާބާއި ދަރުމަ ލިބިގެންވާ އެކަމަށްޓަކައި އަޅުގަނޑުމެން ފަޚުރުވެރި ވާން ޖެހޭ ކަމެކެވެ. އަދި ހަމަ އެހެންމެ މިއީ ތެދުވެރިކަމާއި އިޚްލާސްތެރިކަމާއެކު ކުރަން އެމީހުންގެ މައްޗަށް ވާޖިބު ކަމެކެވެ. ސަބަބަކީ އެމީހުންނަކީ އެހީ ދޭން ބޭނުންވާ މީހުންނާއި އެހީ އަށް ޖެހިފައިވާ މީހުންގެ މެދުވެރިޔަކަށް ވީތީއެވެ.

މީސްމީޑިއާގެ މަންސަ ތަކުން ފެންނަން ހުރި މަޢުލޫމާތަށް ބަލާއިރު އިއްޔެ ރާއްޖެ ގެނެވުނު ފަލަސްތީނުގެ 17 އަހަރުގެ ޒުވާން އަންހެން ކުއްޖާ ރާއްޖެ ގެނެސްފައިވަނީ 20 ދުވަހުގެ މަސައްކަތުން، ދިވެހި ރައްޔިތުން ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި ހޭދަކުރުމަށް ދީފައިވާ ފައިސާއިންނެވެ. އެކަން ޚިދުމަތް ޖަމިއްޔާގެ ފޭސްބުކް ޕޭޖުން ވެސް އެބަ ހެކިދެއެވެ.

އެގޮތުން އަޅުގަނޑަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު ޚިދުމަތް ޖަމިއްޔާއިން ވަނީ މި ކުއްޖާ ރާއްޖެ އައުމަށްޓަކައި މިޞްރުގެ ބޯޑަރ ހުރަސްކުރުމަށް 5000 ޔޫއެސް ޑޮލަރު ދައްކައިދީފައެވެ. ބޭންކް ރޭޓުން ބަލާ ކަމުގައި ވާނަމަ އެއީ 77،100 ދިވެހި ރުފިޔާއެވެ. މީގެ އިތުރުން މިކުއްޖާގެ ދައްތައެއް އިނދެގެންއުޅޭ ދިވެހި ފިރިހެންމީހާގެ އާއިލާއިން އެދިގެން މި ކުއްޖާގެ ދަތުރުފަތުރަށް އައީއޭސީއިން ވަނީ 2200 ޔޫއެސް ޑޮލަރު ހޭދަކޮށްފައެވެ. މިއީ ދިވެހި ރުފިޔާއިން ބަލާކަމުގައި ވާނަމަ 33،924 ރުފިޔާއެވެ.

އެކުއްޖާ ރާއްޖެ ގެނެސްދިނުމަށްޓަކައި އެހީތެރިވުމަށް ޚިދްމަތް ޖަމިއްޔާގައި އެދިފައިވަނީ ޖަމިއްޔަތުލް ފަލާހުންކަމަށްް ޚިދުމަތް ޖަމިއްޔާއިން ބުނެވެ.  އެގޮތުން އެ ޖަމިއްޔާގެ ސްޕޯކްސްޕާސަން އަހުމަދު ފަޔާޒް މީޑިއާތަކަށް ވިދާޅުވެފައިވަނީ އެކުއްޖާ މިވަގުތު ރާއްޖޭގައި ހުރިއިރު، ދިރިއުޅެން ހަމަޖެހިފައިވަނީ މެލޭޝިއާގައި ކަމަށާއި ދެ ހަފްތާއެއްހާ ދުވަސް ތެރޭ އެކުއްޖާ މެލޭޝިއާއަށް ފުރާނެ ކަމަށެވެ. ފަޔާޒް ވިދާޅުވެފައިވަނީ އެކުއްޖާ ތައުލީމު ހާސިލު ކުރާނީ ވެސް މެލޭޝިއާގައި ކަމަށާއި އެކަމުގެ ޚަރަދުތައް ހަމަޖައްސާނީވެސް ދިވެހީން ދޭ އެހީގައި ކަމަށެވެ.

އިއްޔެ ރާއްޖެ ގެނެސްފައިވާ ކުއްޖާގެ ދައްތައެއް ކައިވެނި ކޮށްގެން އުޅެނީ ޖަމިއްޔަތުލް ފަލާހުގެ ރައީސް ޢަބްދުއްސައްތާރު އަބޫބަކުރުގެ ދަރިއަކާއި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ޢަބްދުއްސައްތާރަކީ ކުރިން މާލެ ސިޓީ ކައުންސިލަރުކަމުގެ މަގާމުގައި ހުންނެވި, މިހާރު ރައީސް އޮފީހުގެ މިނިސްޓަރުކަމަށް ރައީސް މުއިއްޒު އައްޔަން ކުރައްވާފައިވާ ޢަބްދުﷲ ނާސިރު (ހެރިންސް އައްލޯ)ގެ ބޭބެއެކެވެ. އެކުއްޖާ ރާއްޖެ ގެނައުމަށް އެދިފައިވަނީ ވެސް ފަލާހު ޖަމިއްޔާއިންނެވެ.

މީގެ އިތުރުން މައުލޫމާތު ލިބިފައިވާ ގޮތުގައި މި ގެނައި ކުއްޖާގެ އާއިލާގައި މަންމައާއި ބައްޕަ ހިމެނޭހެން އާއިލާގެ 7 މީހުން މިހާރުވެސް ހަނގުރާމަ ކުރަމުންދާ ފަލަސްތީނުގެ ޣައްޒާގައި ތާށިވެފައި އެހީއަށް އެދި އެދި އެބަތިއްބެވެ.

މިކަމުގައި އަޅުގަނޑު ސުވާލު އުފެދުނީ މިހާހިސާބުންނެވެ. ސުވާލު އުފައްދަން ނުޖެހޭ އެއްވެސް ސަބަބެއް ނެތެވެ.

މައިންބަފައިން ޝަހީދުވެ ޔަތީމުވެފައިވާ އެތައް ކުދިންނެއް ފަލަސްތީނުގައި އެބަތިއްބެވެ. ގަދަ ފިނީގައި އެއްވެސް ހިޔަލެއް ނެތި، ކޮންމެ ދުވަހަކު އެތައް މިސައިލު ހަމަލާތައް ދެމުންދާ ފަސްގަނޑެއްގައި ފަލަސްތީނުގެ އެތައް ކުޑަކުޑަ ކުދިންތަކެއް، ދިރިއުޅުމުގެ އެންމެ ބޭސިކް ޒަރޫރީ މުހުތާދުތައް ނުފުއްދިގެން ރޮއެ އާދޭސް ކުރަމުންދާއިރު، އެންމެ ކުއްޖަކަށް މިފަދަ ބޮޑު ޚަރަދެއް ދިވެހި ރައްޔިތުންގެ ފައިސާއިން ޚަރަދު ކުރާއިރު އޭގެ ތަފްސީލު ދިނުމަކީ ޚިދުމަތް ޖަމިއްޔާގެ މައްޗަށް ލާޒިމް ކުރާކަމެކެވެ.

އެކުދިން އުޅެމުންދާ ބިރުވެރިކަމާއި އެހާލަތު އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށް އެންމެ ގިނައިން ކިޔައިދެނީ ނުވަތަ ފޮޓޯއާއި ވީޑިއޯތަކުން ދައްކުވައިދެނީ މިދެންނެވި ޖަމިއްޔާތަކުންނެވެ. އެކަންކަން ފެނި ދިވެހި ރައްޔިތުންގެ ހިތަށް ކެތް ނުވެގެން އެކުދިންނަށް އެހީތެރި ވުމަށް މިގޮތަށް ދޭފައިސާ ހޭދަކުރުމަކީ ހިތާމަ ކުރަން ޖެހޭ ވަރަށް ބޮޑު މައްސަލައެކެވެ. މިއީ ކިތައް ކުދިންގެ ހައްގު ނިގުޅައިގަތުންބާއެވެ.

މިކަމުގައި ޚިދުމަތް ޖަމިއްޔާގެ ބަސް

މިކަމާއި ގުޅިގެން މިކުއްޖާ ގެނައުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރި ޚިދުމަތް ޖަމިއްޔާ އާ ސުވާލު ކޮށްލުމުން ބުނީ ޖަމިއްޔަތުލް ފަލާޙުން އެދިގެން އެކުއްޖާ މިސްރުގެ ބޯޑަރު ހުރަސް ކުރުމަށް ބޭނުންވާ 5000 ޔޫއެސް ޑޮލަރު ހަދިޔާކޮށްފައިވާނެ ކަމަށެވެ. އަދި އެ ޖަމިއްޔާއިން ގަބޫލު ކުރާގޮތުގައި ދިވެހިން ދޭ އެހީއަކީ ފަލަސްތީނުގެ ކޮންމެ ކަމެއްގައި ހޭދަ ކުރެވޭނެ ފައިސާއެވެ. އެހެންވެ ޖަމިއްޔަތުލް ފަލާހުން އެދުނުގޮތަށް އެކަން ކޮށްދީފައިވާނެ ކަމަށެވެ. އަދި އެއީ މައްސަލައެއް ކަމުގައި ނުދެކޭ ކަމަށެވެ.

މިކަމުގައި އައިއޭސީގެ ބަސް

އައިއޭސީއިން ވެސް ކޮންމެވެސް ވަރެއްގެ އެހީތެރިކަމެއް ވެދީފައިވާތީ އެ ޖަމިއްޔާ އާ ވެސް މި ނޫހުން ސުވާލުކޮށްލީމެވެ. އެޖަމިއްޔާއިން ބުނީ އެކުއްޖާ ގެންނަން ބޭނުންވި ދިވެހި އާއިލާ އިން ތަކުރާރުކޮށް އެދެމުންދިޔުމާ ގުޅިގެން އެކަމުގައި ބަލަންޖެހޭ ކަންކަން ބެލިކަަމަށެވެ. އެގޮތުން ބެލި ބެލުމުން އެކުއްޖާ ގެންނަން އެދުނު އާއިލާއަކީ ތަނަވަސް އާއިލާއެއްކަން އެނގުމުން އައިއޭސީން އެއްބަސްވީ ފަލަސްތީން ކުއްޖަކަށްވީތީ ހަމައެކަނި އެކުއްޖާގެ ދަތުރުފަތުރަށް ކޮންމެވެސް ވަރެއްގެ އެހީއެއް ވެދިނުމަށެވެ.

އިސްރާއީލުން ބޭނުންވަނީ ފަލަސްތީނު ރައްޔިތުން ފަލަސްތީނު ދޫކޮށް ދިޔުންކަމަށްވާއިރު، ފަލަސްތީން ރައްޔިތުން ފަލަސްތީނުން ނެރުމަކީ ފަލަސްތީނުގެ ރައްޔިތުން އެދޭކަމަކަށް ނުވާތީ އެޖަމިއްޔާއިން އަމަލުކުރާ އުސޫލަކީ ފަލަސްތީނުގެ ރައްޔިތުން ފަލަސްތީނުގައި ތިބެގެން އެމީހުންނަށް ބޭނުންވާ އެހީތެރިކަމާއި ރައްކާތެރިކަން އެމީހުންނަށް ފޯރުކޮށްދިނުމެވެ. އެހެން ނަމަވެސް ރާއްޖޭގެ ރައްޔިތުންނާ އިނދެގެން އުޅޭ އެގައުމުގެ ރައްޔިތުންނާއި އެމީހުންގެ ދަރިން، މައިންބަފައިން އަދި ރާއްޖޭގައި ގިނަދުވަހު މަސައްކަތް ކޮށްފައިވާ އެގައުމުގެ ރައްޔިތުންގެ އާއިލާ މީހުން ރާއްޖެ ގެނައުމުގައި އެހީތެރިވެދޭނެ ކަމަށެވެ. މި ގޮތަށް މިކަން ކުރަން ނިންމާފައި މިވަނީ މިގޮތަށް ރެންޑަމްކޮށް ފަލަސްތީން ރައްޔިތުން ގެންނަން ބޭނުންވެގެން ގިނަ ބަޔަކު އެޖަމިއްޔާގައި އެދޭތީ ފޮރިން މިނިސްޓްރީގެ ލަފާގެ މަތިންނެވެ.

އެގޮތުން އައިއޭސީން ބުނީ އެފަދަ އާއިލާތައް ގެނައުމަށް ވަކިން އެހީ ލިބޭ ކަމަށާއި އެކަން ކުރަނީ ވަކި އުސޫލެއްގެ ދަށުން ކަމަށެވެ. މިދެންނެވި އުސޫލުގެ ދަށުން ދާދިފަހުން ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ލެކްޗަރާއެއް ކަމަށްވާ ކުރުދީގެ އާއިލާ އައިއޭސީ މެދުވެރިވެގެން ގެނެސްދިން ކަމަށެވެ. އެހެން ނަމަވެސް އެކަން ކޮށްފައިވަނީ އިސްލާމިކް ޔުނިވާސިޓީއާއި ކުރުދީގެ ކިޔަވައިދެއްވި އެތައް ކުދިންނެއްގެ އެހީތެރި ކަމާއެކުގައި ކަމަށް އައިއޭސީން ވަނީ ބުނެފައެވެ. ރައްޔިތުން ފަލަސްތީނަށް ދޭ ފައިސާއިން މިފަދަ ކޭސްތަކުގައި ބޭނުން ނުކުރާކަމަށް އެޖަމިއްޔާއިން ބުނެފައިވެއެވެ. އައިއޭސީން ބުނެފައިވަނީ މީގެ ފަހުން މިކަހަލަ ކޭސްތަކުގައި އެޖަމިއްޔާގެ އެއްބާލުން ނުދޭނެ ކަމަށެވެ.

ދިވެހި ރައްޔިތުންގެ އަތުން 111،024 ދިވެހި ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ޚަރަދުކޮށްގެން އެކުއްޖާ ގެނެސް ދިވެހި ރައްޔިތުންގެ އެހީގެ ފައިސާއިން އެކުއްޖާ އެކަނި މެލޭޝިޔާގައި ބަހައްޓައިގެން ކިޔަވައިދޭން ޖެހޭ ސަބަބު އެފައިސާ ދޭ ދިވެހި ރައްޔިތުންނަށް އެނގެން ޖެހޭނެއެވެ. ސަބަބަކީ ޔަހޫދީންގެ އަނިޔާވެރިކަމުގައި ހާލުގައި ޖެހި، ކާއެއްޗެއް ނުލިބި ކޮންމެ ދުވަހަކު ފަލަސްޠީނުގައި ބަނޑަށް މަރުވަމުންދާ އެތައް ސަތޭކަ ކުދިންނަކަށް އެހީތެރިވުމަށް ދިވެހި ރައްޔިތުންދޭ ފައިސާ މި ހޭދަކުރަނީ ރަނގަޅަށްތޯ ކަށަވަރުކުރުކޮށްދިނުމަކީ މިފަދަ ޖަމިއްޔާތަކުގެ ވާޖިބެކެވެ.

advertisement

6 Comments

  1. ޢަބްދުއްރަޙުމާން ޢަލީ on

    މިޚަބަރު ލިއުއްވި ބޭފުޅާ އަށް އައިއޭސީން ދިނީ ކިހާފައިސާއެއްތޯ.ފަލަސްޠީނަށް އެހީވުމަށް ދިވެހި ރައްޔިތަކު ދިން އެންމެ ފައިސާ ފޮއްޗެއްވެސް މިކަމައް ހޭދަކޮއްފައެއް ނޯންނާނެ. ﷲ އަށް ބިރުވެތިވޭ. ފިތުނަ އުފެއްދުން ހުއްޓާލާ.

    • ފަލޫދާން on

      އެހެންވީމަ ކިޔެވިއެއްކަމަކު ދިވެހިންނަކީ ހަމަ 18 ވަނަ ގަރުނުގެ ކުޅަނދުމަދު ގަމާރުން. ފަލަސްތީނުގެ ޔަތީމުކުދިން ދިވެހިން ހެޔޮހިތުން ބަލައިދޭން އެދުމުން އެކަން އާންމުނަށް ވާނެ އެއްގޮތެއްވެސް ނެތް. ނަމަވެސް ކައިވެނި ކުރަން ހޭބުއްދި ފިލާފަތިބީތީ ބާލިއުވެފަ ހުރި ކުއްޖަކު ރައްޔިތުންގެ ލާރިން އެހެރީގެނެސްފަ. މާތްﷲ އަށްޓަކާ ތިކުދިން އެބިމުގަ ތިބިހާލުގަތިބިޔަދީ. މިގައުމަކީ ތުނބުޅި ދިގުވާވަރަކަށް ހަންޖަރުދިގުވާ ލުއްޗާއިން ތިބި ގައުމެއް. ﷲއަށް ބިރުވެތިވޭ

  2. ތި ކުއްޖާގެ ދައްތަ އިނދެގެން އުޅެނީ ޖަމީއަތުލް ފަލާހުގެ ރައީސް ސައްތާރުގެ ދޮށީ ފިރިހެން ދަރިޔާ، އޭނާގރ ހަގު ފިރިހެން ދަރިޔާ ކައިވެނިކުރަން ސަތުތު ކޮއްގެން ތިކުއްޖާގެނައީ. ސައްތާރުގެ އާއިލާ ދިރިއުޅެނީ މެލޭސިއާގަ. މިކުއްޖާ މެލޭސިޔާގަ ހުރުން ހަމަޖެހިފަ ވަނީ ސައްތާރުގެ އާއިލާއާ އެކުގަ. އެހެންވީމަ ދިވެހި ރައްޔިޔުންގެ ފައިސާ ހަރަދު ކޮއްގެން ނުވާނެ.

ހިޔާލު ދެއްވާ!