20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިއަދު މެންބަރުކަމުގެ ހުވާކުރައްވައިފިއެވެ.
މިއަދު ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލިހުގެ އިދާރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މެމްބަރުންނަށް ހުވާލައިދެއްވީ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙުމަދު މުއުތަސިމް އަދުނާނެވެ.
މިފަހަރު މަޖިލީހުގައި ތިއްބަވާ 93 މެންބަރުން ހުވާކުރެއްވުމާ ގުޅިގެން ކޮންމެ މެމްބަރަކު ވެސް ވަނީ އިޤުރާރުގައި ސޮއިކުރައްވައިފައެވެ.
މިއަދު ހެނދުނު 10:15 ގައި 20 ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ އޮންނާނެއެވެ. އެ ޖަލްސާގައި މަޖިލީހުގެ ރައީސާއި ނައިބު ރައީސް އިންތިޚާބު ކުރުން އޮންނާނެއެވެ.
މިއަދު ބޭއްވޭ މިދައުރުގެ ފުރަތަމަ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލިހުގައި މެދުކެނޑުމެއް ނެތި އެންމެ ގިނަ ދުވަސް ހޭދަކުރެއްވި ދ. މީދޫ ދާއިރާގެ މެމްބަރު އަޙުމަދު ސިޔާމް މުޙައްމަދެވެ. ސިޔާމް މިހާރު މެދުނުކެނޑި މަޖިލިހުގައި ހޭދަކުރައްވާތާ 20 އަހަރުވެއްޖެއެވެ.
ނިމިދިޔަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ބޭއްވި މަޖިލީސް އިންތިޚާބުގައި ޕީއެންސީން ވަނީ 66 ގޮނޑި ކާމިޔާބުކޮށްފައެވެ. އޭގެ ފަހުން އަމިއްލަ ގޮތުން އިންތިޚާބު ވެވަޑައިގެންނެވި ނުވަ މެމްބަރަކު ޕީއެންސީއާ ގުޅިވަޑައިގަތުމުން އެ ޕާޓީގެ މެމްބަރުންގެ އަދަދު ވަނީ 75 އަށް އަރައިފައެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސުޕަމެޖޯރިޓީ ނެގި އެމްޑީޕީއަށް މިފަހަރުގެ އިންތިޚާބުގައި ލިބުނީ 12 ގޮނޑިއެވެ. އެ އިންތިޚާބުގައި އެމްޑީއޭއަށް 2 ގޮނޑި، ޖުމްހޫރީ ޕާޓީއަށް 1 ގޮނޑި އަދި އެމްއެންޕީއަށް 1 ގޮނޑި ލިބިފައިވާއިރު މި 4 މެންބަރުންނަކީވެސް ސަރުކާރުގެ ތާޢީދާއިއެކު ހޮވިފައިވާ މެންބަރުންކަން ފާހަގަ ކުރެވެއެވެ.
އަމިއްލަ ގޮތުން އިންތިހާބުވެވަޑައިގެންނެވި 9 މެންބަރުން ސަރުކާރު ހިންގާ ޕާޓީ ޕީއެންސީއާ ގުޅިވަޑައިގެންނެވި ނަމަވެސް އެއްވެސް ޕާޓީއަކާ ގުޅިވަޑައިނުގަންނަވާ 2 މެންބަރަކު މަޖިލީހުގައި ތިއްބަވައެވެ.