ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ)އަށް ތާއީދުކުރާ ދެމެންބަރަކު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އެންގެވުމާ ޚިލާފަށް އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް މަޖިލީހުގެ ރައީސް ކަމަށް ހޮވުމަށް ވޯޓް ދެއްވައިފިއެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މިއަދު ހުވާކުރައްވާފައިވާއިރު، ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި މިއަދު އެންމެ ފުރަތަމަ އޮތީ މަޖިލީހުގެ ރައީސާއި ނައިބް ރައީސު ހޮވުމެވެ.
މިއަދު ނެގުނު ވޯޓުގައި ލ. ފޮނަދޫ ދާއިރާގެ އިންތިޚާބު ކާމިޔާބު ކުރެއްވި އަބްދުއްރަހީމް އަބްދުﷲ އަށް ލިބިވަޑައިގަތީ 71 ވޯޓެވެ. އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް އަށް ލިބިވަޑައިގެންނެވީ 14 ވޯޓެވެ. ބާތިލް 7 ވޯޓު އޮތް އިރު، މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 93 އެކެވެ.
އެގޮތުން ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގައި 75 މެންބަރުންގެ ތިބިއިރު، އެމްޑީޕީއަށް ނިސްބަތްވާ 12 މެންބަރުން އެބަ ތިއްބެވެ. ޕީއެންސީގެ 75 މެންބަރުންގެ ތެރެއިން ހަތަރު މެމްބަރުން އަބްދުއްރަހީމަށް ވޯޓު ނުދެއްވައެވެ. ދެން މަޖިލީހުގައި ތަމްސީލް ކުރަނީ އެމްޑީއޭއާއި އެމްއެންޕީގެ އިތުރުން ޖޭޕީއެވެ. މި ހުރިހާ ޕާޓީތަކަކީ ވެސް ސަރުކާރުގެ ބައިވެރިންނެވެ. މީގެތެރެއިން ދެމެންބަރަކު މިވަނީ ސަރުކާރާ ދެކޮޅަށް ވޯޓު ދެއްވައިފައެވެ.
އެއާ ޚިލާފަށް މަޖިލީހުގެ ނައިބް ރައީސަކަށް ނަން ހުށަހެޅުއްވި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމަށް 80 ވޯޓު ލިބިފައިވާއިރު، އެމްޑީޕީއިން ހުށަހެޅި އަޙްމަދު ދީދީ އަށް ވަނީ 12 ވޯޓު ލިބިފައެވެ. އަދި ބާތިލް އެއްވެސް ވޯޓެއް ނެތެވެ. ބެލެވޭ ގޮތުގައި ނާޒިމަށް ނުލިބުނީ އެމްޑީޕީގެ 12 ވޯޓުގެ އިތުރުން ރިޔާސަތު ބެލެހެއްޓެވި މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމްގެ ވޯޓެވެ.