20 ވަނަ ރައްޔިތުންގެ މަޖިލީސް. ފޮޓޯ: މަޖިލީސް އިދާރާ

މިފަހަރުގެ މަޖިލީހަކީ ޒިންމާދާރު މަޖިލީހަކަށް ވާނެކަމަށް އުއްމީދުކުރަން: ރައީސުލްޖުމްހޫރިއްޔ

މިއަދު ހުވާކުރެއްވި ރައްޔިތުންގެ މަޖިލީހަކީ ޒިންމާދާރު މަޖިލީހަކަށް ވާނެކަމަށް އުއްމީދުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީސް މެންބަރުން މިއަދު ހުވާކުރެއްވުމާއި ގުޅިގެން މެންބަރުންނަށް މަރުޙަބާ ދަންނަވާ ރައީސް ކުރެއްވި މީސްމީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ ބަރުލަމާނީ ޙަޔާތުގައި މިހާތަނަށް ދެކޭ އެންމެ ޒިންމާދާރު، އެންމެ އިތުބާރުހުރި ޤައުމާއި ރައްޔިތުންނަށް އެންމެ މަންފާހުރި ގޮތުގައި ކަންކަން ނިންމާ މަޖިލީހަށް މި ފަހަރު މަޖިލިސް ވެގެންދާނެ ކަމަށް އުންމީދުކުރައްވާކަމަށެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވާ ކުރެއްވުމަށް މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި 93 މެންބަރުން ވަނީ ހުވާ ކުރައްވައިފައެވެ.

މެންބަރުން ހުވާކުރެއްވުމަށްފަހު މަޖިލީހުގެ ރައީސާ ނައިބު ރައީސް ހޮވުމަށް ބޭއްވި މަޖިލީހުގެ ފުރަތަމަ ޖަލްސާ މިއަދު ބާއްވާފައިވާއިރު މަޖިލީހުގެ ރައީސްކަށް 71 ވޯޓުން ހޮވިވަޑައިގެންނެވީ ފުނަދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ. ޢަބްދުއްރަޙީމް މިހާތަނަށް ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމުގައިކަން ފާހަގަ ކުރެވެއެވެ.

މަޖިލީހުގެ ނައިބު ރައީސަކަށް 80 ވޯޓުން ހޮވިފައިވަނީ ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ނާޒިމްއެވެ. ނާޒިމް ސިޔާސީ ދާއިރާއަށް އަލުން ނިކުންނެވީ 9 އަހަރު ދާއިރާއާ ދުރުގައި ހުންނެވުމަށްފަހުގައިކަން ފާހަގަ ކުރެވެއެވެ.

މިފަހަރުގެ މަޖިލީހުގައި ވެރިކަން ކުރާ ޕީއެންސީގެ 76 މެންބަރުން ތިއްބަވައެވެ. އަދި މިފަހަރުގެ މަޖިލީހުގައި މުޅިން އަލަށް ހޮވިފައިވާ 67 މެންބަރުން ތިއްބަވާނެއެވެ.

advertisement
ހިޔާލު ދެއްވާ!