ޕަޕުއަ ނިއު ގިނީގެ ބިންގަނޑު ކެނޑި ވަޅުލެވުނު މީހުންގެ އަދަދު 2000 އަށްވުރެ އިތުރުވެދާނެ ކަމަށް ލަފާކޮށްފި

އޯޝޭނިއާ ޤައުމެއް ކަމަށްވާ ޕަޕުއާ ނިއު ގިނީ އަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ހިނގި ބިންގަނޑު ކެނޑުމުގެ ހާދިސާގައި ކިސަޑުގެ ދަށުގައި ވަޅުލެވުނު މީހުންގެ އަދަދު 2000 އަށްވުރެ އިތުރުވެދާނެ ކަމަށް ލަފާކުރެވޭ ކަމަށް އެޤައުމުގެ އޮފިޝަލުން ބުނެފިއެވެ.

މިހާދިސާ ހިނގާފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އެ ޤައުމުގެ އެންގާ ޕުރޮވިންސުގެ ކެލްކޮލަމް އަވަށުގައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ބިންގަނޑު ކެނޑިފައިވާ ސަރަޙައްދަށް ދަތުރު ކުރެވެން އޮތް ހަލިމަގުތަކަށް ގެއްލުންވެ، ކިސަޑުތަކުގެ ވަޅުލެވިފައިވާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތްތަކަށް ހުރަސް އެޅިފައިވެއެވެ.

އަދި އެ ސަރަޙައްދުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.

ހަމައެހެންމެ ގިނަ ޢަދަދެއްގެ ބަޔަކު ދިރިތިއްބާ ސަލާމަތް ކުރެވޭނެ ކަމުގެ އުންމީދެއް ނެތް ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މި ހާދިސާގައި މަރުވެފައިވާ ކަން ކަށަވަރު ކުރެވިފައިވާ މީހުންގެ ޢަދަދު 670 އަށް އުފުލިފައިވެއެވެ.

އަދި މި ހާދިސާގައި 150 އަށްވުރެ ގިނަ ޢިމާރާތް ވެއްޓިފައިވާ އިރު ފަސްއެޅި, ވަޅުލެވިފައިވާ ޢިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުންގެ ރުއިމުގެ އަޑު އިވެމުންދާ ކަމަށް އެ ސަރަހައްދުގައި މަސައްކަތް ކުރާ މީހުން ބުނެފައިވެއެވެ.

ޕަޕުއާ ނިއު ގިނީގެ ބޮޑު ވަޒީރު ޖޭމްސް މަރާޕޭ ވިދާޅުވީ ކެލްކޮލަމް އަވަށުގެ ގެތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށާއި އެ ޤައުމުގެ ދިފާޢީ ބާރާއި ޕަބްލިކް ވަރކްސް އަދި ހައިވޭއާ ބެހޭ އިދާރާއިން ބިންގަނޑު ކެނޑުނު ސަރަޙައްދުތަކުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

advertisement
ހިޔާލު ދެއްވާ!