އައު މެމްބަރުން ރައްޔިތުންނަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމަށް އުންމީދު ކުރަން: ސާލިހު

20 ވަނަ ރައްޔިތުންގެ މަޖިލީހަށް އަލަށް ހުވާ ކުރެއްވި މެމްބަރުން ރައްޔިތުންނަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާނެކަމަށް އުންމީދު ކުރައްވާ ކަމަށް ކުރީގެ ރައީސް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެ އެވެ.

ޞާލިޙު މިފަދައިން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޞާލިޙު ވިދާޅުވީ އިއްޒަތްތެރި މެންބަރުންނަށް ރައްޔިތުން ހަވާލުކުރެއްވި މުހިއްމު ވާޖިބު އެންމެ ފުރިހަމައަށް އަދާކުރައްވައި ޤާނޫނު އަސާސީ އާއި ޑިމޮކްރަސީގެ ރިވެތި އުސޫލުތަކުގެ މަތީގައި ދެމިތިއްބަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގެން މިއަދު މަޤާމުގެ ހުވާ ކުރެއްވި ހުރިހާ މެންބަރުންނަށް ތަހުނިޔާ އަރިސް ކުރައްވަމުން އެމަނިކުފާނު ވިދާޅުވީ  ޤައުމަށާއި ރައްޔިތުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހަށް އައު މެމްބަރުން ހުވާ ކުރެއްވީ ރައްޔިތުންގެ މަޖިލިހުގެ އިދާރާގައި މިއަދު ހެނދުނު 9:00 ގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.  އެ މެމްބަރުންނަށް ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ.

މީގެ އިތުރުން ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ އުއްމީދަކީ އަލަށް ހުވާކުރި ވިހިވަނަ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންނަށް އެންމެ މަންފާހުރި ކަންކަން ނިންމާ މަޖިލީހަކަށް މިފަހަރު މަޖިލީސް ވެގެން ދިއުން ކަމަށެވެ.

advertisement
ހިޔާލު ދެއްވާ!