މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ މެނޭޖިން ޑިރެކްޓަރ އެކުންފުނީގެ ޗެއާޕާސަންގެ މަގާމުން އިސްތިއުފާ ދެއްވި އައިޝާ ނޫރައިން އައްޔަން ކުރަން ނިންމާފައިވާ ކަމުގެ މައުލޫމާތު "ރިވާޔާ" ނިއުސް އަށް ލިބިއްޖެއެވެ.
އެމްއެމްޕީއާރްސީގެ އެމްޑީގެ މަގާމުގައި ހުންނެވި ފާތިމަތު ތައުފީގު (ކުޑީ) އެމަގާމުން ވަކިކޮށްފައިވަނީ މި މަހުގެ 22 ވަނަ ދުވަހުއެވެ. ކުޑީ ވަކި ކުރެއްވި ސަބަބެއް އަދި މިހާތަނަށް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.
ނޫރައިން އެމްޑީއަކަށް އައްޔަނު ކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާކަން ސަރުކާރުގެ އޮފިޝަލަކު ވަނީ "ރިވާޔާ" ނޫހަށް އެކަން ކަށަވަރު ކޮށްދެއްވާފަ އެވެ. އެމްއެމްޕީއާރުސީގައި ބޮޑު ހައިޖާނެއް އުފެދި އެ ކޯޕަރޭޝަނުގެ ޗެއާޕާސަން އަައިޝާ ނޫރައިން ނަޖާހު މަގާމުން އިސްތިއުފާ ދެއްވީ މިމަހުގެ 21 ވަނަ ދުވަހުއެވެ.
ނޫރައިންއަކީ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޓްރޭޑް އެންޑް އިންވެސްޓްމަންޓްގެ އެޑްވައިޒަރު މުހައްމަދު އަލީ ޖަނާހު ދަރިކަނބަލުންނެވެ. އެމްއެމްޕީއާރުސީގެ ޗެއާޕާސަންކަމަށް ނޫރައިން އައްޔަން ކުރީ މިދިޔަ ޑިސެމްބަރު 27 ގައެވެ. ހޮޓެލްސް އެންޑް ރިސޯޓްސް އިންވެސްޓްމަންޓް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުގެ ވައިސް ޗެއާކަން ވެސް ކުރައްވާ ނޫރައިންއަކީ ލީޑާޝިޕް ކޯޗިން އަދި ކޮންސަލްޓިންގެ މަސައްކަތް ކުރައްވާ ބޭފުޅެކެވެ.
އެމްއެމްޕީއާރުސީއަކީ ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިޝްތިހާރުކޮށް، ޕްރޮމޯޓްކުރުމުގެ މަސައްކަތް ރަސްމީކޮށް ކުރިއަށްގެންދާ ސަރުކާރުގެ ބޮޑު ކުންފުންޏެކެވެ. އެ ޒިންމާގެ ދަށުން އެމްއެމްޕީއާރުސީން ގެންދަނީ ރާއްޖެ ޕްރޮމޯޓްކުރުމަށް ތަފާތު އެކި މަސައްކަތްތައް ކުރަމުންނެވެ.