އެތައް ބައެއްގެ ސަމާލުކަން ހޯދި ދޫންޏެއް، ފެނިގެންދިޔައީ މަދަދަށް އެދި މާތް ﷲ އަށް ދަންނަވާތަން!

ދާދި ފަހުން ވައިރަލްވެފައިވާ ވީޑިއޯއަކުން ދައްކުވައިދެނީ ކަރަންޓު ވައިރިން އަޅާފައިވާ ތަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގުމުން ފަޔާ ފައިޓަރުންތަކެއް އެ އަލިފާން ނިއްވާ މަންޒަރެވެ. އެކަރަންޓު ވައިރިން އަޅާފައިވާ ތަނުގައި ދޫނި ހާއްޔެއް ހުންނަތަން ވެސް އެ ވީޑިއޯއިން ފެނެއެވެ.  ނަމަވެސް އަލިފާނުން ރައްކާތެރިވުމަށް މި ބުނި ހާލިވެސް ހަލާކު ކޮށްލާ ބިމާހަމަކުރާ މަންޒަރު ވެސް ފެނެއެވެ.

ދެން އެ ވީޑިއޯއިން ފެންނަނީ އެތައް ދުވަހެއްގެ ބުރަ މަސައްކަތުން އެ ހާލި ހަދަން މަސައްކަތްކުރަމުންދިޔަ ދޫނި ހާލި ހެދުމަށް ތުނބުގައި އޮފިކޮޅެއް އެލުވައިގެން ހާއްޔަށް އަންނައިރު، އެހާލި ނެތުމުން އެދޫނި އުފުލާ ހިތާމައެވެ. ތުނބުގައި އެލުވައިގެން ގެނައި އޮފިކޮޅުވެސް ދޫވެގެން ވެއްޓުނެވެ. އަދި އުޑުމައްޗަށް ބަލާލަނީ އިލާހީ އެހީތެރިކަމަށް އެދި އާދޭސްކުރާ ފަދައިން ގޮވަމުންދެއެވެ.

މި ވީޑިއޯއަށް ދުނިޔޭގެ އެތައްބައެއްގެ ސަމާލުކަން ލިބިގެންދިޔައިރު، ގެއްލުމާއި މާޔޫސްކަމުގެ އިހުސާސް ގިނަބަޔަކަށް ކުރުވިއެވެ. އެ ދޫނީގެ ހިތާމަވެރި ރުއިމުގެ ތެރޭގައި ބޮޑު މުސީބާތެއްގެ ކުރިމަތީގައި އެހީތެރިކަމަށް އެދި ދެންނެވީ މި ދުނިޔެއާއި ދުނިޔޭގައި ވާހާ އެއްޗެއް އުފެއްދި އަދި އެދޫނިވެސް އުފެއްވި ފަރާތްކަމުގައިވާ އެއްކައުވަންތަ ޚާލިޤުވަންތަ މާތް ﷲގެ ކިބައިންނެވެ.

ނަމަވެސް ވާހަކައަށް ހިތްގައިމު ބަދަލެއް އަންނަނީ މި ދޫނީގެ ވީޑިއޯ އާންމު ވުމާއި ގުޅިގެން ފަޔަރ ފައިޓަރުންނަށް މިޚަބަރު ލިބުމާއެކީގައި ހަމައެތަނުގައި އެޔަށްވުރެ ފެންވަރު ރަނގަޅު ހާއްޔެއް އެދޫންޏަށް ހަދަން ނިންމާ ހިސާބުންނެވެ.

ވައިރަލް ވެގެންދިޔަ މިވީޑިއޯއިން ލިބިގެންދަނީ އިންސާނުންނަށް ވަރުގަދަ ފިލާވަޅެކެވެ. ދިރިއުޅުމުގައި މުޅިން ބަލިވެފައިވާ ކަމުގެ އިހުސާސް ކުރެވޭ ވަގުތުތަކާއި، އަޅުގަނޑުމެން ބިނާކޮށްފައިވާ ހުރިހާ އެއްޗެއް ފުނޑުފުނޑުވެ، އަލުން ބަލުން ހުރިހާ ކަމެއް ފެށުން ނޫން ގޮތެއް ނެތް ވަގުތުތަކާވެސް ކުރިމަތިލާންޖެހޭނެ ކަމެވެ. އަދި އެކަމުގައި އެހީތެރި ކަމަށް އެދެން ޖެހޭ ފަރާތަކީ އަހަރެމެންގެ ރައްބު ކަމެވެ. އެ ދޫނީގެ ވާހަކައިން އަޅުގަނޑުމެންނަށް ދަސްކޮށްދެނީ އަޅުގަނޑުމެންގެ އެންމެ އަނދިރި ދުވަސްވަރުވެސް އުއްމީދެއް އޮތްކަމެވެ. އަދި ހެޔޮގޮތުގައި ކުރާ ދުޢާ މާތް ﷲ  ހީވެސް ނުކުރާ ގޮތްގޮތަށް ކަންކަން ތަރުތީބު ކުރައްވާނެ ކަމެވެ.

މި ހާދިސާއަކީ އީމާންތެރިކަމުގެ މުޙިންމުކަމާއި ޖަމާޢަތުގެ ހެޔޮއެދުމުގެ ބާރު ހަނދާންކޮށްދޭ ހާދިސާއެކެވެ. އެ ދޫނި އުޑުމައްޗަށް ބަލާލާފައި އާދޭސް ކުރި އިރު ހީވީ އެ ކުޑަ ކުޑަ މަޚްލޫގަކީވެސް ބުއްދި ދެއްވާފައިވާ މަޚްލޫގުންހެން މާތްﷲގެ މަދަދަށް އެދި އާދޭސް ކުރާހެންނެވެ. މި ވީޑިއޯއިން ހިތްވަރު ލިބެނީ، އަޅުގަނޑުމެންނަށް ހާލުގައި ޖެހިފައިވާ ވަގުތުތަކުގައި، އެއީ މާތްﷲ މަތިން ހަނދުމަކޮށް އެހީތެރިކަމަށް އެދެން ފަސްނުޖެހުމަށެވެ.

މި ވާހަކައިން ނަގައިގަނެވެނީ ހަމައެކަނި ދޫންޏަކާއި އޭގެ ހާލީގެ ވާހަކައެއް ނޫނެވެ. މާތް ﷲ މި ދުނިޔޭގައި ލައްވާފައިވާ ދޫނި ސޫފާ ސޫއްޕަކީ ވެސް އަޅުގަނޑުމެން އިންސާނުން އެ އެއްޗެއްސައް ހެޔޮކޮށް ހިތަން ޖެހޭ އެއްޗެހި ކަމެވެ. ބޭކާރު ގޮތުގައި އެފަދަ އެއްޗެއްސައް ގެއްލުން ދީގެން ނުވާނެ ކަމެވެ.

މީގެއިތުރުންވެސް އެއީ އަޅުގަނޑުމެންގެ ޙާލަތު ކިތަންމެ ގޯސް ކަމުގައި ހީވިޔަސް އުންމީދު ދޫކޮށް ނުލައި ދިރިއުޅުމުގައި މަސައްކަތް ކުރަން ޖެހޭ ކަމެވެ. އަދި އަޅުގަނޑުމެން ދުވަހަކުވެސް ހަގީގަތުގައި އެކަނިވެރިއެއް ނޫންކަން ހަނދާންކޮށްދޭ ވާހަކައެކެވެ. އަބަދުވެސް އެހީތެރިކަމުގެ އަތެއް ދިނުމަށް ތައްޔާރަށް ފަރާތެއް ވާކަމާއި، ވިއްސިވިހާލިވެފައިވާ ޙަޔާތް އަލުން ބިނާކުރެވޭނެ ގޮތެއް، އެފަރާތް މިންވަރުކުރައްވާނެކަމެވެ.

އެހެންކަމުން، މި ވާހަކައިން އަޅުގަނޑުމެން އިބުރަތް ލިބިގަނެ އީމާންތެރިކަން ދެމެހެއްޓުމަށާއި، ހާލުގައި ޖެހިފައިވާ ވަގުތުތަކުގައި މާތް ﷲ އަށް ދުޢާ ދެންނެވުމުގެ އިތުރުން، އެހީ ބޭނުންވާ ފަރާތްތަކަށް ދީލަތި އަތް ދިއްކުރުމުގެ މުޙިންމު ކަމެވެ. އަދި އެހެން މީހުން ހާލުގައި ތިބިތަން ފެނުމުން އޯގާތެރިކަމާއެކު ޖަވާބުދާރީވުމަށް ބާރުއަޅަމާ ހިނގާށެވެ.

ނޯޓް: މި ވީޑިއޯއަކީ މީސްމީޑީއާގައި ވައިރަލް ވެފައިވާ ވީޑިއޯއެކެވެ. ނަމަވެސް ސީދާ ކޮން ގައުމެއްގައި ހިގާފައިވާ ހާދިސާއެއް ކަމެއް އެވީޑިއޯއިން އެނގޭކަށް ނެތެވެ.

advertisement
ހިޔާލު ދެއްވާ!