ހާރޓް އެޓޭކް: ދިވެހިން އިތުރަށް ހޭލުންތެރިވާންވީ ކަމެއް!

ހިތަކީ މާތްﷲ ސުބްޙާނަހޫ ވަތަޢާލާ އިންސާނުންގެ ހަށިގަނޑުގައި އެންމެ ފުރިހަމައަށް ހައްދަވާފައިވާ އެއް ގުނަވަނެވެ. ފުއްޕާމެއަށް ލޭ ފޮނުވައި އޮކްސިޖަން ނަގައިގެން ހަށިގަނޑުގެ ހުރިހާ ހިސާބުތަކަށް އޮކްސިޖަން ފޯރުކޮށްދީ، ޑީ-އޮކްސިޖަނޭޓެޑް ބްލަޑް ނުވަތަ އޮކްސިޖަން ހުރިހާ ގުނަވަނަކަށް ފޯރުކޮށްދިނުމަށްފަހު ހުންނަ ހުސް ލޭ އަލުން ހިތަށް ނަގައިގަނެ ފުއްޕާމެއާ ހަމަޔަށް ދިޔުމުގެ މުޅި ސައިކަލަށް ނަގަނީ އެންމެ 0.8 ސިކުންތެވެ. ދުވާލެއްގެ މައްޗައް ލައްކަ އަކަށްވުރެ ގިނަ ފަހަރު މި ކާރޑިއެކް ސައިކަލް ހިނގަމުންދާއިރު ލޭ ދައުރުވާ ނާރެއް ބަންދުވެ، ހިތުގެ ހިނގުމަށް ބަދަލެއް އައިސްފި ކަމަށްވާނަމަ ހާރޓް އެޓޭކް ޖެހުމަށް މަގުފަހި ވެގެން ދެއެވެ. މިފަދައިން ލޭނާރެއް ބެދެން ދިމާވާ ސަބަބަކީ ފެޓް ނުވަތަ ކޮލެސްޓްރޯލް އަށަގަތުމެވެ.

ހިތަށް ލޭ ފޯރުކޮށްދޭ ނާރު ބަންދުވެއްޖެނަމަ ކުއްލިއަކަށް ހިތް ނުހުއްޓިދާނެއެވެ. ނަމަވެސް ހިތުގެ މަސައްކަތަށް ބުރޫއަރައި ހިތުގެ މަސްތައް މަރުވުމަކީ އެކަށީގެންވާ ކަަމެކެވެ.

ހާރޓް އެޓޭކެއް ޖެހޭނަމަ ފެނިދާނެ އަލާމާތްތައް:

– މެއަށް ތަދުވެ ވާތު ކޮނޑާއި ހަމައަށް ތަދު ދަތުރުކުރުން

– ކޮނޑުން ފެށިގެން އަތާއި، ބުރަކަށި، ކަރުމަތި އަދި ކޮލު ކަށިގަނޑުގައި ރިއްސުން

– ދާހިއްލުން

– ވަރުބަލިކުރުން

– ބޯއެނބުރުން

– މޭނުބައިކުރުމާއި ހޮޑުލެވުން

– ނޭވާކުރުވުން

– ކެއްސުން

ހާރޓް އެޓޭކްގެ އަލާމާތްތައް ފިރިހެނުންނާއި އަޅާބަލާއިރު އަންހެނުން ތަޖުރިބާ ކުރަން ޖެހޭ ގޮތް ތަފާތު ވެދާނެއެވެ. އަންހެނުންގެ ހިތުގެ ބޮޑުމިނާއި ނާރުތަކުގެ ފުޅާމިންވެސް އުފެދުމުގައި ފިރިހެނުންނަށްވުރެ ހަނިވެފައި ކުޑާވާނެއެވެ. ކޮންމެ ޖިންސެއްގެ މީހަކަސް ހާރޓް އެޓޭކް ޖެހޭވަގުތު އެންމެ ފުރަތަމަ ފާހަނގަވާ ކަމަކީ މެޔައް ތަދުވުމެވެ. މިތަދާއިއެކު ވައަތު ކޮނޑުންފެށިގެން އަތަށް ތަދުު ވުމަކީ އާންމު ކަމެކެވެ. ނަމަވެސް ބަައެއް ހާލަތުގައި ދެއަތުގައި ރިއްސުންވެސް އެކަށީގެންވެއެވެ.

ހާރޓްއެޓޭކެއް ޖެހުމަކީ އިންޒާރަކާއި ނުލައިވެސް ވެދާނެ ކަމެކެވެ. ނަމަވެސް ބައެއް މީހުންނަށް ކުރިޔާއިލައި އޭގެ ކުދި އަލާމާތްތައް ދިމާވެއެވެ. މިގޮތުން މެއަށް ކުޑަވަގުތުކޮޅަކަށް ތަދުއަަރައި ފަސޭހަވުން ހިމެނެއެވެ. މިހެން އަރާ ތަދަކީ "އެންޖެއިނާ" އެވެ. އެއީ ހިތަށް ވަގުތީ ގޮތުން ލޭ ފޯރުކޮށްދެވޭލެއް ލަސްވުމުން ވާ ތަދެކެވެ.

 

ހާރޓް އެޓޭކެއް ޖެހުމުން ކަންތައް ކުރަންވީ ގޮތް:

ހާރޓް އެޓޭކުގެ އަލާމާތްތައް އެކަނި ހުއްޓާ ދިމާވެއްޖެނަމަ ވީ އެންމެ އަވަހަށް އެހީތެރިއަކަށް ނުވަތަ ހޮސްޕިޓަލުގެ އެމަޖެންސީ ނަންބަރަށް ގުޅައި އެހީއަށް އެދޭށެވެ. އަދި އެހެންމީހަކަށް ހާރޓް އެޓޭކެއް ދިމާވާކަމަށް ހީވާނަމަ އެންމެ ފުރަތަމަ ކަމަކަށް އެންބިޔުލާންސަށް ގުޅައި ބަލިމީހާގެ ހަބަރު ދޭށެވެ. ބުއްދިވެރި ގޮތަކީ ބަލިމީހާ އަމިއްލަޔަށް ހޮސްޕިޓަލަށް ގެންދިޔުމުގެ ބަދަލުގައި އެންބިޔުލާންސަށް މަޑުކޮށްލުމެވެ. އަދި ބަލިމީހާޔާހަމަޔަށް ސިއްޙީ އެހީތެރިން ފޯރަންދެން ބަލިމީހާ މަސަލަސްކޮށްދީ ބިންމަތީގައި އިށީންނަން ނުވަތަ އޮށޯތުމަށް އެހީތެރިވާށެވެ. އަދި ޑޮކްޓަރުގެ ލަފާގެ މަތިން ބަލިމީހާ އެސްޕިރިން ބޭނުން ކުރަމުންދާ ކަމުގައިވަނީނަމަ، ބޭސް ގުޅައެއް ހަފައިގެން ދިރުވުމަށް އިރުޝާދުދޭށެވެ. މިވަގުތުގައި ބަލިމީހާއަށް ފެން ނުވަތަ އިތުރު ކެެެއުމެއް އަދި ބުއިމެއް ނުދީވޭތޯ ބަލަންވާނެއެވެ. ބަލިމީހާ ނޭވާލާތޯ އަދި ހިތުގެ ވިންދު ހުރިތޯ ބަލަމުން ގެންދަންވާނެއެވެ. އަދި ނޭވާލުމާއި ވިންދު ހުއްޓިއްޖެ ހާލަތެއްގައި އެހީތެރިޔާއަށް ސީ.ޕީ.އާރް ދޭން އިނގޭނަމަ ދިނުމަކީ ކުރަންޖެހޭނެ ކަމެކެވެ.

ހޮސްޕިޓަލަށް ގެންދެވުމަށްފަހު ހާރޓް އެޓޭކް ދިމާވާން މެދުވެރިވި ސަބަބު ދެނެގަތުމަށްފަހު ވީއެންމެ އަވަހަކަށް ފަރުވާދޭން ފެށިގެންދާނެއެވެ. އެގޮތުން މައިގަނޑު 2 ފަރުވާ އަކީ ގަނޑު ވެފައިވާ ލޭ ދިޔާ ކުރަން ބޭސް ދިނުމާއި ހިތުގައި ލޭ ދައުރުވުން ރަނގަޅު ކުރުމަށް ސާރޖަރީއެއް ކުރުމެވެ.

 

ހާރޓް އެޓޭކް ޖެހުމަށް ދިމާވާ ސަބަބުތައް:

ހިތުގައި ލޭ ދައުރުކުރާ މައި އެއްނާރަކީ "ކޮރޯނަރީ އާޓަރީ" އެވެ. އަދި ހާރޓް އެޓޭކް އެންމެ އާންމުކޮށް ޖެހެން މެދުވެރިވަނީ މި ނާރު ބެދުމުގެ ސަބަބުންނެވެ. މިހެން ދިމާވަނީ ނާރުގެ އެތެރެ ފަށަލާގައި ސަރުބި އެކުލެވޭ "ޕްލާކް" ކިޔާ މާއްދާއެއް އަށަގަނެ ލޭ ދައުރުވާ މިންވަރު ދަށްވުމުންނެވެ. އަދި ޕްލާކް ބޮޑުވެ ފަޅައިގެން ގޮސްފިނަމަ ލޭ ގަނޑުވެގެންދެއެވެ. މީގެ އިތުރުން އެހެން ސަބަބަކާއިހުރެ ނާރެއް ފިތިގެން ނުވަތަ އިންފެކްޝަނަކާއި ގުޅިގެން ހިތުގެ ބަޔަކަށް ލިބޭ ގެއްލުމަކާއި ހެދި ވެސް ހާރޓް އެޓޭކެއް ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. މީގެ އިތުރުން ހާރޓް އެޓޭކް ޖެހުމަށް މަގުފަހިވާ ކަންތައްތަކަކީ:

– ދުންފަތުގެ އިސްތިއުމާލުކުރުން

– ލޭގެ ޕްރެޝަރު މަތިވުން

– ފަލަވެ ބަރުހެލިވުން

– ހަކުރު ބަލި

– އާއިލާގައި ހިތުގެ ބަލިތައް ދައުރުވުން

– ގަވާއިދުން ކަސްރަތު ނުކުރުން

– ގިނައިން ތެޔޮ އެކުލެވޭ ކާނާ ބޭނުންކުރުން

– މަސްތުވާތަކެތި ބޭނުންކުރުން

– ދިފާއީ ނިޒާމަށް ޖެހޭ ބައްޔެއްގެ ސަބަބުން

 

ހާރޓް އެޓޭކެއް ޖެހުމަށްފަހު ރަނގަޅުވާން ނަގާނީ ކިހާ ދުވަހެއްކަން ބިނާވަނީ ހިތަށް ލިބިފައިވާ ގެއްލުމެއްގެ މައްޗަށެވެ. އަދި ރަނގަޅުވުން އަވަސްކޮށް އިތުރު ހާރޓް އެޓޭކެއް ޖެހުމުގެ ފުރުސަތު ކުޑަކުރުމަށް އާންމު ދިރިއުޅުމަށް ކުދި ކުދި ބަދަލުތަކެއް ގެންނަންވާނެއެވެ. މިގޮތުން ކުރެވިދާނެ ކަންތައްތަކަކީ:

– ޑޮކްޓަރުގެ އިރުޝާދާއި އެއްގޮތަށް ގަވާއިދުން ބޭސް ބޭނުންކުރުން

– ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވުން

– އިސްކޮޅާއި އެއްވަރަށް ބަރުދަން ބެހެއްޓުމަށް ގަވާއިދުން ކަސްރަތު ކުރުން

– ސިއްޙަތައް ފައިދާހުރި ކާނާ ބޭނުންކުރުން އަދި ކެެއުމުގައި މޭވާއާއި ތަރުކާރީގެ މިންވަރު އިތުރުކުރުން

 

އަހަރެމެންގެ މި ކުޑަކުޑަ ދިވެހި ރާއްޖޭގައިވެސް ތަފާތު އެކި ހިތުގެ ބަލިތައް ތަހައްމަލް ކުރާ މީހުންގެ އަދަދު މިދަނީ އިތުރު ވަމުންނެވެ. ވޯލްޑް ހެލްތް އޯރގަނައިޒޭޝަން (ޑަބްލިއު.އެޗް.އޯ) ގެ 2019 ވަނަ އަހަރުގެ ތަފާސް ހިސާބު ތަކުން ދައްކާ ގޮތުގައި ބައްޔެއް ޖެހިގެން އެންމެ ގިނަ މަރު ރިކޯޑް ކުރެވިފައިވަނީ "އިސްކީމިކް ހާރޓް ޑިޒީސް" ނުވަތަ ހިތުގެ ލޭދައުރުވާ ނިޒާމަށް ދިމާވާ ގެއްލުމާއި ގުޅޭ ބައްޔެއްގައެވެ. ހާރޓް އެޓޭކަކީ އުމުރު މަތިވާ ވަރަކަށް ޖެހުމުގެ ފުރުސަތު ބޮޑުވާ ކަމަކަށް ވުމުން، ޒުވާން އިރުއްސުރެންފެށިގެން ސިއްޙަތަށް ފައިދާހުރި އާދަތަކާއިއެކު ދިރިއުޅުން ބައްޓަން ކޮށް ތިމާއާއި ތިމާގެ ލޯބިވާ މީހުންގެ ހައްޤުގައި ހޭލުންތެރިވާންޖެހޭ ކަމެކެވެ.

 

advertisement
ހިޔާލު ދެއްވާ!