ދިވެހި ދައުލަތަށް އަދި ޕީޕީއެމް/ޕީއެންސީއަށް މ. ޒިޔާރަތްދޮށުގޭ އަޙްމަދު ހާފިޒް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ބާސްކެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެމްބީއޭ) އާއި ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގައި ބޮޑެތި މަސައްކަތްތަކެއް ކުރެއްވި އަޙްމަދު ހާފިޒް އަވަހާރަވުމާއި ގުޅިގެން އެ އާއިލާއަށް ތަޢުޒިޔާ ފޮނުއްވާފައެވެ.
ރައީސް ވިދާޅުވީ ޚާއްސަ ގޮތެއްގައި ރާއްޖޭގެ ކުޅިވަރަށް އަގުނުކުރެވޭފަދަ މުހިންމު ޚިދުމަތްތަކެއް ޙާފިޒް ކުރެއްވި ކަމަށާއި ޙާފިޒްގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި، އެމަނިކުފާނުގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރެއްވުން އެދި ދުޢާ ކުރައްވާ ކަމަށެވެ.
ކެންސަރު ބަލީގައި ދިގު މުއްދަތެއް ވަންދެން ފަރުވާ ހޯއްދަވަމުން ގެންދެވި ހާފިޒް އަވަހާރަވީ އުމުރުން 66 އަހަރުފުޅުގައި އައިޖީއެމްއެޗްގައެވެ.
އެމްބީއޭގެ ރައީސްކަންވެސް ދެ ދައުރަކު ކުރައްވާފައިވާ ހާފިޒުގެ ދައުރުގެ ތެރޭގައި ރާއްޖޭގެ ބާސްކެޓަށް ގިނަ ކާމިޔާބީތަކެއް ވަނީ ހޯދައިދެއްވާފައެވެ. އޭގެ ތެރޭގައި ބައިނަލްއަގުވާމީ މުބާރާތްތަކާއި ރާއްޖޭގައި ބޭއްވި މުބާރާތްތަކުގެ އިތުރުން ކުޅުންތެރިން ބިނާކުރުމުގައި ހާފިޒްގެ ދައުރު ފާހަގަކޮށްލެވެއެވެ.
ހާފިޒު ވަނީ ދިރާގުގެ ބޯޑުގެ މެމްބަރުކަން ކުރެއްވުމުގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފިޝަރީޒް މިނިސްޓްރީގެ ނައިބުކަން ކުރައްވާފައެވެ.