އެއްވެސް ކުށަކާއި ނުލައި، ފަލަސްތީނުގެ ރައްޔިތުން ޝަހީދުކުރަމުންދާ ޔަހޫދީ އިސްރާއީލްގެ މައްސަލަ އަކީ އިސްރާއީލާ ފަލަސްތީނާ ދެގައުމުގެ ދެމެދުގައި އޮތް ފޮރިން މައްސަލައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާޙް ވިދާޅުވެއްޖެއެވެ.
ފަލާޙް މިހެން ވިދާޅުވެފައި މިވަނީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މި ސަރުކާރަށް ސުޕަމެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހެއް އޮތް އިރު އިސްރާއީލްގެ ޕާސްޕޯޓް "ބޭން" ކުރުމަށް ގާނޫނަށް ބަދަލުގެނެއުމުގެ ބާރު ލިބިފައިވާކަން ފާހަގަ ކުރައްވައި އެކަން ނުކުރައްވައިގެން އުޅެނީ ކީއްވެގެންތޯ ނޫސްވެރިޔާ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ފަލާޙް ވިދާޅުވީ އިސްރާއީލުގެ މައްސަލަ އަކީ ދެގައުމުގެ ދެމެދުގައި އޮތް ފޮރިން މައްސަލައެއް ކަމަށެވެ.
އެހެންކަމުން އެކަމުގައި ދިވެހި ސަރުކާރުން ގޮތް ނިންމާނީ ދިވެހި ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށް ކަމަށާއި އެގޮތް ނިންމުމުން އެގޮތަކަށް މަޖިލީހުން އަމަލުކުރާނެ ކަމަށް ފަލާޙް ވިދާޅުވިއެވެ.
ފަލާޙް މިހެން ވިދާޅުވުމާއި ގުޅިގެން ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، ޑިފެންސް މިނިސްޓަރުގެ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫން ވަނީ މިކަމާ ގުޅިގެން ސަރުކާރަށް ފާޑު ކިޔުން އަމާޒުކޮށްފައެވެ.
އެގޮތުން ފާރިސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަލަޞްތީނުގެ ރައްޔިތުންނަށް އިސްރާއީލުން ދެމުންގެންދާ އަނިޔާއަކީ އެެއްވެސް ހާލެއްގައި “ދެޤައުމެއްގެ މެދުގައި ހިނގަމުންދާ މައްސަލައެއް” ނޫން ކަމަށެވެ.
އެކަމަކީ އިސްތިއުމާރީ ބާރަކުން މައުޞޫމު، ނިކަމެތި ބަޔަކު، އެމީހުން ނިސްބަތްވާ އަމިއްލަ ޤައުމުން ނެތިކޮށްލުމަށް ހިންގާ ޤަތުލު ޢާއްމެއް ކަމަށާއި ދެޤައުމެއްގެ ދެމެދުގާ ހިނގާ ހަނގުރާމައެއްގެ ގޮތުގާ މިކަން ސިފަކުރަން އުޅެނީ ހަމައެކަނި ޒަޔަނިސްޓުން ކަމަށް ވެސް ފާރިސް ވިދާޅުވިއެވެ.
ޔަހޫދީ އިސްރާއީލުން، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ގަތުލުއާއްމާ ގުޅިގެން ދިވެހިރައްޔިތުން އަންނަނީ އިސްރާއީލުގެ ޕާސްޕޯޓް "ބޭން" ކުރުމަށް އަޑު އުފުލަމުންނެވެ. ނަމަވެސް ސަރުކާރުން އެކަމުގައި ހަނު ތިއްބަވާކަން ފާހަގަ ކުރެވެއެވެ.