ހަނީފް ވަޒީފާއިން ވަކިކުރީ ޑޮލަރު މުއާމަލާތެއްގައި ހިނގި ޚިޔާނަތަކާ ގުޅިގެން: ޒީނާ ޒާހިރު

ޕީއެސްއެމްގެ ފައިނޭންސްގެ ހެޑް އަހުމަދު ހަނީފް މެނޭޖްމަންޓަށް އެންގުމެއް ނެތި ޕީއެސްއެމްގެ ގަވާއިދާ ހިލާފަށް މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޒީނާ ވިދާޅުވީ މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ހިންގާފައިވާ މުއާމަލާތްތައް ވަނީ ޕީއެސްއެމުން ހަދާފައިވާ އުސޫލުތަކާއި ގަވައިދުތަކާ ވެސް ހިލާފަށް ކަމަށާއި ޑޮލަރު މާރުކުރި މީހާއާ ދެމެދު އެއްބަސްވުމެއް ވެސް ނެތްކަމަށެވެ.

ކުންފުނީގެ ބަޖެޓުން ޑޮލަރު ގަތުމަށްޓަކާ 2020 ވަނަ އަހަރުން ފެށިގެން އަމިއްލަ ފަރާތަކަށް ގިނަ އަދަދެއް ޖަމާކޮށް، ޝައްކު އުފުދޭ ފަދަ ގޮތަކަށް މުއާމަލާތްތަކެއް ހިންގާފައިވާކަން ފާހަގަވުމާ އެކު، އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައިވާކަމަށް ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރު ވިދާޅުވިއެވެ.

ޒީނާ ވިދާޅުވާ ގޮތުގައި ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުލިބި ހުރި ކަމަށް ލިޔެކިޔުންތަކުން ދައްކައެވެ. އަދި އެބޭފުޅުން މަގާމާއި ހަވާލުވިއިރު ޕީއެސްއެމްގެ ތިޖޫރީގައި އެންމެ ފައިސާއެއް ވެސް ނެތެވެ. އަދި ޕީއެސްއެމްގެ ޑޮލަރު އެކައުންޓުގައި ވެސް އެންމެ ޑޮލަރެއްވެސް ނެތްކަމަށް ޒީނާ ވިދާޅުވެއެވެ.

ހަނީފުގެ އިންޓެގްރިޓީއާއި ގުޅޭގޮތުން ކަންބޮޑުވުންތަކެއް ތަހުގީގުން ހާމަވެފައިވާކަން ޒީނާ ފާހަގަކުރެއްވި އެވެ. އެހެންކަމުން އޮޑިޓަރ ޖެނެރަލްގެ އޮފީހުން މިހާރު ދަނީ އޭގެ ފަހުން އެކުންފުނީގެ މާލީ ހަރަކާތްތަކުގެ ޚާއްޞަ އޮޑިޓެއް ކުރަމުންނެވެ.

"މި މައްސަލަ ކުރިއަށް ދާއިރު އަޅުގަނޑުމެން، މުވައްޒަފުންގެ ފަރާތުން ވެސް ޝަކުވާ އެބަ އާދޭ. އޭރުގެ ފައިނޭންސް ހެޑަކަށް ހުންނެވި ބޭފުޅާ، އެ މުވައްޒަފުންގެ އަތުން 50،000ރ.، 60،000ރ.، 80،000ރ. ނަގާފައި. އެ ރުފިޔާ އަނބުރާ ނުލިބި ހުރި ކަން،" އޭނާ ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން މިދިޔަ އޭޕްރީލް މަހު ފައިނޭންސް ހެޑް ހަނީފް ސަސްޕެންޑް ކުރެވިފައިވާއިރު މިހާރު އޭނާ ވަނީ މަގާމުން ވަކިކޮށްފައެވެ.

advertisement
ހިޔާލު ދެއްވާ!