ހދ. ކުޅުދުއްފުށީ ހޮސްޕިޓަލުގެ އިހުމާލުން ކުއްޖެއްގެ ހާލު ސީރިއަސް ވެފައިވާ ކަމަށް އާއިލާއިން ތުހުމަތުކޮށްފިއެވެ.
ސޯޝަލް މީޑިއާ ޕޯސްޓެއްގައި އެރަށު އާއިލާއަކުން ވަނީ ކުޅުދުއްފުށީ ހޮސްޕިޓަލުން ވަނީ ވަރަށް ބޮޑަށް އިހުމާލުވެ، އަދި އެކަމުގެ ސަބަބުން ދަރިފުޅުގެ ހާލު ސީރިއަސް ކަމަށް ތުހުމަތުކޮށްފައެވެ. އާއިލާއިންވަނީ ކުއްޖާއަށް ލިބިފައިވާ އަނިޔާގެ ފޮޓޯތަށްވެސް ހިއްސާ ކޮށްފައެވެ.
ފޭސްބުކްގައި ހިއްސާކުރި މި ޕޯސްޓަށް ވަރަށް އަވަހަށް ސަމާލުކަން ލިބި، ގިނަބައެއްދަނީ މިކަމާ ގުޅޭގޮތުން ޚިޔާލު ފާޅުކުރަމުންނެވެ.
އާއިލާގެ މެމްބަރެއް މިވާހަކަ ހިއްސާކުރަމުން ބުނެފައިވަނީ މިމަހު 12 ވަނަ ދުވަހުން ފެށިގެން ފަސް ފަހަރަށް ކުއްޖާ ޑޮކްޓަރަށް ދެއްކިފައިވާނެކަމަށެވެ. އެހެންނަމަވެސް، ކޮންމެ ފަހަރަކުވެސް ގެޔަށް ފޮނުވާލަނީ ކުއްޖާގެ ހާލަތު "ނޯމަލް" ކަމަށްބުނެފައެވެ. ޓެސްޓް ހެދޭގޮތްވީ އެންމެފަހުން އެކަމަށް އާދޭސް ކޮށްގެން ކަމަށްވެސް އާއިލާއިން ބުނެއެވެ.
ކުއްޖާއަށް ޑެންގޫ ޖެހިފައިވާކަން އެނގުނީ އެހާހިސާބުންނެވެ. އަދި ހަމަމިއާއެކު ހުމާއި އިންފެކްޝަންގެ ސަބަބުން ޑީހައިޑްރޭޓް ވުމާއެކު އެހެނިހެން މައްސަލަތައް ދިމާވެގެން ކުއްޖާގެ ހާލުވަނީ ސީރިއަސްވެފައިވާ ކަންވެސް އެނގިގެން ދިޔައެވެ.
މީގެ އިތުރުން އައިސީޔޫއަށް ކުއްޖާ ލުމަށްފަހު ނަރުހަކު އެއްގަޑިއިރު ވަންދެން ކުއްޖާ ބެލެހެއްޓުމެއް ނެތި ދޫކޮށްލައިފައިވާކަމަށްވެސް އާއިލާއިން ބުނެއެވެ.
އާއިލާއިން އެދެނީ މިމައްސަލަ ރަނގަޅަށް ބަލާ މިކަމުގައި އިހުމާލުވެފައިވާ ޑޮކްޓަރުންނާއި ނަރުހުންނާ ދެކޮޅަށް ފިޔަވަޅު އަޅުމަށެވެ. އެއީ މިކަހަލަ ކަމެއް ތަކުރާރުވާން އެފަރާތުންވެސް ނޭދޭތީއެވެ.
އަދި ތިން އަތޮޅުގެ މީހުން ފަރުވާ ހޯދާ މި ހޮސްޕިޓަލުން މީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށްވެސް ގިނަ ބަޔަކު ގޮވާލައިފައިވެއެވެ. ހޮސްޕިޓަލުގެ ފެންވަރު މިއަށްވުރެ ރަނގަޅުވާން ޖެހެއެވެ. އެހެންނޫނީ ރީޖަނަލް ހޮސްޕިޓަލެކޭ ބުނަން ލަދުގަންނަން ޖެހޭނެ ކަމަށްވެސް އާއިލާއިން ބުނެއެވެ.
މިކަމާ ގުޅޭގޮތުން ހޮސްޕިޓަލުން ވަކި އެއްޗެއް ބުނެފައިނުވާއިރު މައުލޫމާތު ލިބިފައިވާ ގޮތުން އައިޖީއެމްއެޗްގެ ލަފާގެ މަތިން ކުއްޖާއަށް މިހާރު އަންނަނީ ފަރުވާދެމުންނެވެ.