ޙައްޖު ކޯޕަރޭޝަނުން ބޭއްވި ބައްދަލުވުމުގައި މިނިސްޓަރ ވާހަކަފުޅު ދައްކަވަނީ

ރައީސް މުޢިއްޒު ގެންދަވަނީ ދިވެހި ޙައްޖުވެރިންގެ ކަންކަން ވަރަށް ގާތުން ބައްލަވަމުން: ޝަހީމް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ދިވެހި ޙައްޖުވެރިންގެ ކަންކަން ވަރަށް ގާތުން ބައްލަވަމުންކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރާވަޑައިގަންވާ ޙައްޖުވެރިންނާ ބައްދަލުކުރުމަށް އެ ކޯޕަރޭޝަނުން ބޭއްވި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގަތުމަށްފަހު  އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މި އަހަރުގެ ޙައްޖު މޫސުން ފެށެން ކުޑަތަންވެފައިވާއިރު، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ދަނީ ޙައްޖުވެރިންގެ އަޅުކަމުގެ ކަންކަން ތަންޒީމްކުރެވިފައިވާ ގޮތް ވަރަށް ގާތުން ވިލަރެސް ކުރަމުންނެވެ. އެގޮތުން، އެ މިނިސްޓްރީގެ ފަރާތުން ދިވެހި ޙައްޖު މިޝަނުން ދަނީ މައްކާގައި ދިވެހި ޙައްޖުވެރިންނަށް ޚިދްމަތް ދިނުމަށް ކުރެވެމުންދާ މަސައްކަތްތައް ބަލާ އިންތިޒާމްތައް ހަމަޖެހިފައިވާކަން ކަށަވަރުކުރަމުންނެވެ.

ދިވެހި ޙައްޖު މިޝަނުން އެމިޝަންގެ ފޭސްބުކްގައި ޝާއިޢުކޮށްފައިވާ ވީޑިއޯއެއްގައިވާ ގޮތުން، ދިވެހި ޙައްޖުވެރިން ސައޫދީ އަރަބިއްޔާއަށް އައުމުގެ ކުރިން ވާންޖެހޭ ތައްޔާރީތައް މިހާރު ވަނީ ގާތްގަނޑަކަށް ނިިމިފައެވެ. އެގޮތުން އެ ވީޑިޔޯގައި ދިވެހި ޙައްޖުވެރިންނަށް މަޝާއިރުތަކުގައި ޚިދުމަތްދޭ  ކުންފުނިކަމަށްވާ ރަވާފް މިނާގެ މުޠައްވިފް އިޙްސާން ކާތިބު ވިދާޅުވެފައިވަނީ ދިވެހި ޙައްޖުވެރިން ސައޫދީ އަރަބިއްޔާއަށް އައުމުގެ ކުރިން ކޮންމެހެން ނިންމަންޖެހޭ ކަންކަން މިހާރު ދަނީ ނިންމަމުންކަމަށާއި، މިނާއާއި ޢަރަފާތުގައި ޙައްޖުވެރިންނަށްޓަކައި ހަމަޖައްސަންޖެހޭ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތްތައްވެސް ވަރަށް ބާރަށް ކުރިޔަށްދާ ކަމަށެވެ.

މި އަހަރުގެ ފުރަތަމަ ކޯޓާގައި ޙައްޖު ކޯޕަރޭޝަނުން ޙައްޖަށް ގެންދާ 1000 މީހުން ފުރުމަށް ހަމަޖެހިފައިވަނީ 3 ފްލައިޓެއްގައެވެ. މީގެތެރެއިން ފުރަތަމަ ފްލައިޓު ފުރުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރުދުވަހުއެވެ. މި ފްލައިޓުގައި ޖުމްލަ 298 ޙައްޖުވެރިން ސައޫދީ އަރަބިއްޔާއަށް ފުރާނެއެވެ.

advertisement
ހިޔާލު ދެއްވާ!