މެކްސިކޯސިޓީގައި ހުންނަ އިސްރާއީލް އެމްބަސީގައި ރޯކޮށްލުން. ފޮޓޯ: އޭއެފްޕީ

ފަލަސްޠީނުގައި ހިންގާ ޤަތުލުއާންމުތަކާ ގުޅިގެން މެކްސިކޯގައި ހުންނަ އިސްރާއީލް އެމްބަސީގައި ރޯކޮށްލައިފި!

އުތުރު އެމެރިކާގެ ޤައުމެއްކަމުގައިވާ މެކްސިކޯސިޓީގައި ހުންނަ އިސްރާއީލް އެމްބަސީގައި ރޯކޮށްލައިފިއެވެ.

ފަލަސްޠީނުގެ ޣައްޒާގެ ރަފަހްގައި ޔަހޫދީން ހިންގަމުން އަންނަ ޤަތުލުއާންމާ ގުޅިގެން މެކްސިކޯގައި ކުރިއަށްދިޔަ މުޒާހަރާއެއް ހޫނުވެ މުޒާހަރާގެ ބައިވެރިން އެ ޤައުމުގައި ހުންނަ އިސްރާއީލް އެމްބަސީ ދޮށަށް އެއްވެ އެތަނުގައި ވަނީ ހުޅުޖަހައިފައެވެ.

ރިޕޯޓްތައް ބުނާގޮތުން މިމުޒާހަރާ ހުއްޓުވުމަށް އެޤައުމުގެ ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. އެމްބަސީ ހުންނަ އިމާރާތަށް ދިއުމަށް ބެރިކޭޑުޖަހާ ހުރަސްއެޅުމުން މުޒާހަރާގެ ބައިވެރިންވަނީ ފުލުހުންނާ ކުރިމަތިލާ ފުލުހުންނާ ދިމާއަށް ގައު އުކާފައެވެ. ފުލުހުންވަނީ އެ ގާތައް އަނބުރާ މުޒާހަރާގެ ބައިވެރިންނަށް އަމާޒުކޮށް އުކާފައިކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބެނެއެވެ.

ފަލަސްޠީނުގެ ދިދަ ހިފައިގެން ފަލަސްޠީނު ރަމްޒުކޮށްދޭ ސްކާފް، ކުއްފިއްޔާ އަޅައިގެން ގިނަބަޔަކު އުޅުނު މިމުޒާހަރާގައި ހަރަކާތްތެރިވި 200 ވަރަކަށް ބައިވެރިން ވަނީ ފަލަސްޠީނުގައި އިސްރާއީލުން ހިންގަމުން އަންނަ ޤަތުލުއާންމު ހުއްޓާލުމަށް ގޮވާލާ އަޑުއުފުލައިފައެވެ.

ޔަހޫދީ ނިރުބަވެރި ސިފައިން އާދިއްތަ ދުވަހުގެ ރޭގެ ވަގުތެއްގައި މީހުން ނިދަންތިއްބާ ހަމަލާދީފައިވަނީ ޣައްޒާގެ ދެކުނުން އޮންނަ ރަފަހުގެ ހުޅަނގުގައި، ގެދޮރުގެއްލިފައިވާ މީހުން ބޯހިޔާވަހިކަން ހޯދަމުން ދިޔަ ކޭމްޕަށެވެ. 10 މިސައިލް އެ ސަރަހައްދަށް ވައްޓާލާ ހިންގި ގަތުލުއާންމުގައި ޓެންޓްތަކުގައި ރޯވެ، 46 މީހަކު ވަނީ ޝަހީވެފައެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންކަން ފާހަގަކުރެވެއެވެ. އޭގެފަހުންވެސް ރަފަހްގެ އެހެން ޓެންޓްތަކަށް ޔަހޫދީން ހަމަލާދީ ޤަތުލުއާންމު ހިންގާފައިވެއެވެ.

މިދިޔައަހަރުގެ އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން، ހައްދުފަހަނައެޅި ޔަހޫދީން ޣައްޒާއަށް ދެމުންއަންނަ ހަމަލާތަކުގައި މިހާތަނަށް ފަލަސްޠީނުގެ 36،100 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްފައިވެއެވެ. އަދި 81،000 އަށްވުރެ ގިނަމީހުންނަށް ބޮޑެތި ޒަހަމްތައް ލިބިފައިވެއެވެ. މީގެއިތުރުން ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައި 10،000އަށްވުރެ ގިނަމީހުންވާކަމަށް ފަލަސްޠީނުގެ މަސްދަރުތަކުން ހާމަކުރެއެވެ.

advertisement
ހިޔާލު ދެއްވާ!