ޓެކްސީ އަގުތަކާމެދު އާންމު ރައްޔިތުންގެ ކަންބޮޑުވުމަށް އޮތް ހައްލަކީ މީޓަރު ހަރުކުރުން ކަމަށް ދަތުރުފަތުރާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ވިދާޅުވީ މާލޭގެ މަގުތައް ތޮއްޖެހިފައިވަނީ މާލޭގެ ބިމަށް ނުކަތާވަރަށް އުޅަނދުފަހަރު ގިނަވުމުން ކަމަށާ އެމައްސަލަ ހައްލުކުރައްވަން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުުން އަންނަ ކަމަށެވެ.
ވަޒީރު ވިދާޅުވީ މާލޭމަގުމަތީގައި ހުންނަ ބޭނުން ނުކުރާ އުޅަނދު ނައްތާލުމުގެ ޕްރޮގްރާމްގެދަށުން މިހާތަނަށް 281 އުޅަނދު ނައްތާލާފައިވާ ކަމަށެވެ.
ވަޒީރު އަމީން ވިދާޅުވީ ކުރީ ސަރުކާރުން ކަނޑައަޅާފައިވާ އަގުތައް ބަދަލުކުރުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށާއި އެންމެ ރަނގަޅު އެއް ނިޒާމަކަށް ވެގެންދާނީ ޓެކްސީ ސާވިސްގެ ތެރެއަށް މީޓަރު ހަރުކޮށްފައި ހުންނަ ޓެކްސީ ގެނައުން ކަމަށެވެ. މީޓަރު ހަރުކޮށްފައި ހުންނަ ޓެކްސީ ތައާރަފު ކުރާނީ މޯބައިލް ފޯނުން އެޕްލިކޭޝަނެއް މެދުވެރިކޮށް އެކަން ކުރެވޭ ގޮތަށް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގައި 1870 ޓެކްސީ ރަޖިސްޓަރީކޮށްފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.