އަހަރުގެ މިހާތަނަށް ގެވެށި އަނިޔާގެ 278 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ ފެލިމީ ޕްރޮޓެކްޝަން އޮތޯރިޓީގެ ސީއީއޯ އައިމިނަތު ޝިރާނީ ނައީމު ވިދާޅުވެއްޖެ އެވެ.
ވޭތުވެދިޔަ 6 މަސްދުވަހު އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ކުރައްވާފައިވާ މަސައްކަތްތަކުގެ މައުލޫމާތު ނޫސްވެރިންނާއި ހިއްސާކުރެއްވުމަށް ބޭއްވެވި ބައްދަލުވުމުގައި ވާހަކަ ފުޅު ދައްކަވަމުން ޝިރާނީ ވިދާޅުވީ ނަފްސާނީގޮތުން ދޭ އަނިޔާތަކުގެ މައްސަލަތައް އިތުރުވަމުންދާ ކަމަށެވެ.
އަދި މީގެތެރޭގައި ހިމެނެނީ އަންހެނުން ޝާމިލުވާ 194 މައްސަލަ އާއި ފިރިހެނުންނަށް ގެވެށި އަނިޔާ ލިބިގެން ހުށަހަޅާފައިވާ 84 މައްސަލަ ކަމަށެވެ.
މީގެ އިތުރުން ޒާތީ ގުޅުންތަކުގެ މައްސަލަތަކުގެ ތެރެއިން ދެވޭ އަނިޔާތަކުގެ ތެރޭގައި ނަފްސާނީ އަނިޔާތަކުގެ މައްސަލަތައް އިތުރުވަމުންދާ ކަމަށް ފާހަގަކުރައްވާ ޝިރާނީ ވިދާޅުވީ އެފަދަ 162 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އޭގެތެރެއިން ކައިވެނިކޮށްގެން ނުވަތަ އިނދެވަރިކޮށްފައިވާ މައްސަލަތަކުގެ ތެރެއިން 123 މައްސަލަ އުޅޭ ކަމަށާއި މައިންބަފައިން ނުވަތަ ބަލަދުވެރިންގެ ފަރާތުން 92 މައްސަލައެއް އުޅޭ ކަމަށް ޝިރާނީ ވިދާޅުވިއެވެ.
"އެންމެ ގިނައިން ކުރިއާ ޚިލާފަށް ފާހަގަކުރެވެނީ ނަފްސާނީ ގޮތުން އަދި އަނގަބަހުން ކުރާ އަނިޔާ އިތުރުވަމުންދާ ކަމަށް، އެގޮތުން 162 މައްސަލައެއް ފާހަގަކުރެވިފައިވޭ" ޝިރާނީ ވިދާޅުވިއެވެ.
ހަމައެހެންމެ ސައިބާ ކްރައިމްސް ހިމެނޭ މައްސަލަތައްވެސް އިތުރުވަމުންދާ ކަމަށާއި ބްލެކްމެއިލް ކުރުންފަދަ ކަންތައްތައް އިތުރުވަމުންދާ ކަމަށްވެސް ޝިރާނީ ވިދާޅުވިއެވެ. އަދި މީގެއިތުރުން ބެލެނިވެރިންނަށް ކުދިންގެ ފަރާތުން މާލީގޮތުން އެކި ކަހަލަ އަނިޔާތައް ދެމުންދާކަމަށް ޝިރާނީ ވިދާޅުވިއެވެ.