ރައްޔިތުންނަށް އަމާން މާހައުލެއް ހޯދައިދިނުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒު: އިޙްސާން

ރައްޔިތުންނަށް އަމާން މާހައުލެއް ހޯދައިދިނުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒު ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެ އެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ފުލުހުންގެ 36 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އައްޑޫސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ ކުށް މަދުކޮށް އަމާން މާހައުލެއް ގާއިމްކުރުމަށް ސަރުކާރުން ކުރާ މަސައްކަތް ކާމިޔާބުކުރުމަށް ފުލުހުންގެ ސަފުތަކާއި އަލަށް ގުޅޭ ކޮންމެ އޮފިސަރަކުވެސް ގަދައަޅައި މަސައްކަތްކުރުމަށް އެދިވަޑައިގެންފައެވެ.

ރައްޔިތުންނަށް އަމާން މާހައުލެއް ހޯދައި ދިނުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒު ކަމަށާއި އެ އަމާޒު ހާސިލު ކުރުމަށް ފުލުހުން މަސައްކަތް ކުރަމުންދާއިރު، ތިން ކަމަކަށް އިސްކަން ދީގެން މަސައްކަތް ކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެއީ ރާއްޖެއިން މަސްތުވާތަކެއްތި އެއްކޮށް ނައްތާލުމާއި، ގޭންގު ކުށްތަށް ހުއްޓުވުމާއި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިޙްސާންގެ އިތުރުން ސްރީލަންކާގެ އިންސްޕެކްޓަރ ޖެނެރަލް އޮފް ޕޮލިސް ދޭޝްބަނދު ތެންނަކޫން ވެސް މި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވިއެވެ.

advertisement
ހިޔާލު ދެއްވާ!