ކިޔަވައިގެން މެނުވީ ފުލުހުންގެ ޚިދުމަތް ކުރިއަށް ނުދާނެ: ސީޕީ ޝުޖާއު

ކިޔަވައިގެން މެނުވީ ފުލުހުންގެ ޚިދުމަތް ކުރިއަށް ނުދާނެ ކަމަށާއި ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެން ނުދާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.

ޝުޖާއު މިފަދައިން ވިދާޅުވީ ފުލުހުންގެ 36 ވަނަ އަސާސީ ތަމްރީނު ކޯސް ނިންމުމަށް ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ރޭ ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝުޖާއު ވިދާޅުވީ ރައްޔިތުންގެ އިތުބާރު ހޯދުމަށްޓަކައި ފުލުހުންނަކީ ޕްރޮފެޝަނަލް ބަޔަކަށް ވުމަށް އުނގެނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

އަދި ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެން ނުދާނެ ކަމަށާއި ރައްޔިތުންގެ އިތުބާރު ހޯދުމަށްޓަކައި ފުލުހުންނަކީ ޕްރޮފެޝަނަލް ބަޔަކަށް ވުމަށް އުނގެނުކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަ ފުޅު ދައްކަވަމުން ޝުޖާއު ވިދާޅުވީ  ފުލުހުންގެ އަސާސީ ތަމްރީނު ނިންމުމަށްފަހު ފުލުހުންގެ ފަހުރުވެރި ޔުނީފޯމުގައި ގައުމީ ޚިދުމަތަށް ނުކުންނައިރު ކޮންމެ އޮފިސަރެއްގެ ފަރާތުން ފެންނަން އެދޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

އަދި ގައުމުދެކެ ލޯބިވާކަމާއި ގައުމީ ލޭ ކޮންމެ އޮފިސަރެއްގެ ހަށިގަނޑުގައި ހިނގާކަން ފެންނަންޖެހޭ ކަމަށާއި އޮފިސަރުންނާ ހަވާލުކުރެވޭ މަސްއޫލިއްޔަތުތައް އަދާކުރާގޮތުން އެ ސިފަތައް ހުރިކަން ދެނެގަންނަން އުނދަގޫ ނުވާނެކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.

ހަމައެހެންމެ ރައްޔިތުން ކަންބޮޑުވާ ކޮންމެކަމަކީ ފުލުހުންގެ ކަންބޮޑުވުމެއްކަން އަމަލާއި ބަހުން ދައްކަން އެބަޖެހޭކަމަށާއި ހަވާލުކުރެވޭ ޑިއުޓީ އަދާކުރުމުގައި ރައްޔިތުންގެ ކަންބޮޑުވުން ހުރި ކަންކަމަށް އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރަން ޖެހޭކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.

advertisement
ހިޔާލު ދެއްވާ!