ފަޒީސް ހިޖާމާ ތެރަޕީއަށް އަނެއްކާވެސް ގިނަ ފާޑުކިޔުންތަކަކާއި ކުރިމަތިލާން ޖެހިއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުން މިފަހަރު ފާޑުކިޔުންތައް އަމާޒުވެފައިވަނީ ފޭސްބުކްގައި ހިއްސާކުރި ޕޯސްޓަކާއި ގުޅިގެންނެވެ.
"އެންޑޯވޯރިއާސް" ނަމަކަށް ކިޔާ ޕޭޖަކުން ވަނީ ފަޒީސް ހިޖާމާ ތެރަޕީ ޕޭޖުން ކުރި ޕޯސްޓަކާއި ގުޅިގެން ތުހުމަތު ތަކެއް ކޮށްފައެވެ.
އެމީހުން ބުނާގޮތުގައި އެމީހުންގެ ޕޭޖުގައި ކުރެވުނު ޕޯސްޓެއްގެ ކެޕްޝަން ކޮޕީ ކޮށް ފަޒީލާ އުސްމާން ނުވަތަ ފަޒީސް ހިޖާމާ ޕޭޖުގައި އެންޑޮމީޓްރިއޯސިސް ބަލިމީހުން ސަރޖެރީ ނުކޮށް ހިޖާމާ ޖެހުމަށް އިރުޝާދު ދީ ޕޯސްޓެއް ކުރިއެވެ.
އަދި އެ ޕޯސްޓުގައި އެންޑޯ ތަހައްމަލު ކުރަމުންދާ ބަލިމީހުން، ހިޖާމާއިން ބަލި ފަސޭހަވި ކުދިންނާއި ވާހަކަ ދައްކާލާން ބޭނުން ކަމަށް ބުނެ ކޮމެންޓް ކޮށްފައިވެއެވެ. އެވަގުތު އެންޑޮމީޓްރިއޯސިސް އަށް ހިޖާމާ ފަރުވާ ހޯދި ކަމަށް ބުނެ އެކި ލިޔުންތަކެއް ޕޭޖްއަށް ޕޯސްޓް ކުރުމަށްފަހު، ކޮމެންޓް ކުރި އެންމެންނަކީ ފޭކް އައީޑީ ކަމަށް ބުނެ ހުރިހާ ކޮމެންޓްތައް ޑިލީޓްކޮށް، އެ ފަރާތްތައް ފަޒީސް ހިޖާމާ ތެރަޕީއިން ބްލޮކް ކުރިކަމަށް އެންޑޯވޯރިއާސްއިން ބުނެއެވެ.
މީގެ އިތުރުން އެމީހުން ބުނަނީ ކޮމެންޓް ކުރި މީހުންނަށް ހަޑި ހުތުރު ބަހުން ޕްރައިވެޓް މެސެޖު ފޮނުވައި އިންޒާރު ދީފައިވާކަމަށެވެ. އެއަށްފަހު އަމިއްލަޔަށް ފޮނުވި ބައެއް މެސްޖްތައް ޑިލީޓް ކޮށްފައިވާކަމަށްވެސް އެންޑޯވޯރިއާސް އިން ބުނެއެވެ. މިކަމާ ގުޅިގެން މި ޕޭޖުން ވަނީ ފަޒީލާ އުސްމާން، ސުވާލު ކުރި ބައެއް މީހުންނާ ވާހަކަދެއްކި ޗެޓްތަކުގެއާއި ކޮށްފައިވާ ޕޯސްޓުގެ ކޮމެންޓް ސެކްޝަންގެ ސްކްރީންޝޮޓްތައްވެސް ހިއްސާ ކޮށްފައެވެ.
މިއާ ވިއްދާ ގިނަބަޔަކު ދަނީ ފަޒީސް ހިޖާމާ ތެރަޕީއަށް ފާޑުކިޔަމުންނެވެ. އެމީހުން ބުނާ ގޮތުގައި ފަރުވާ ދޭނެ ކަމަށް ބުނާ ބަލީގެ ސުވާލެއް އެހިޔަސް ހުތުރު ބަހުން ޖަވާބު ދޭކަށް ނުޖެހެއެވެ. އަދި ވިޔަފާރިއަށްޓަކައި ދޮގު މައުލޫމާތު ފަތުރާކަމަށްވެސް އެމީހުން ތުހުމަތު ކުރެއެވެ.
ހަމަމިއާއެކު އެންޑޯވޯރިއާސްގެ މި ޕޯސްޓަށް ކޮމެންޓު ކޮށްފައިވާ ފަރާތެއް ބުނާ ގޮތުން އޭނާ ހަމައެކަނި ކޮމެންޓު ކުރީ އެންޑޯ ރިލޭޓެޑް އެއްވެސް ސްކޭން އެއް ނެތްވާހަކައެވެ. އެއާއެކު ވީނުވީއެއް ނޭނގި ބްލޮކްވި ވާހަކަ އޭނާ ބުނެއެވެ.
މީގެ އިތުރުންވެސް ވަރަށް ގިނަ ބަޔަކު ވަނީ މިކަމާ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. އެމީހުން ބުނާ ގޮތުގައި ބްލޮކް ކުރުމަކީ ވަރަށް ފިނޑި އަމަލެކެވެ. އަދި ހަމައެއާއެކު ހިޖާމާ އަކީ ސުންނަތުން ސާބިތުވާ ފަރުވާއަކަށްވާއިރު، ކޮންމެ ބައްޔެއް ކަމުގައިވީނަމަވެސް ސައްހަ މައުލޫމާތު ދީ އަޚުލާޤީ ފެންވަރު ރަނގަޅު ކުރަން ޖެހޭ ކަމަށް ގިނަ ބަޔަކު ގޮވާލައެވެ. އަދި ގިނަ ބަޔަކު ތަހައްމަލު ކުރަމުންދާ މި ބައްޔަށް ޖޯކު ނުޖެހުމަށްވެސް ގިނަ ބަޔަކު އެދެއެވެ.
އެންޑޯވޯރިއާސްއިން ބުނަނީ ހިޖާމާއަކީ ސުންނަތުން ސާބިތު ފަރުވާއެއް ކަން އެފަރާތުން ގަބޫލުކުރާކަމަށެވެ. ނަމަވެސް ސުންނަތާއި އެއްގޮތަށް މި ފަރުވާ ކުރާ ކަމަށް ދައުވާ ކުރާ ފަރާތެއް މިފަދަ ދަށު ދަރަޖައިގެ އަމަލުތަކެއް ކުރީތީ އެފަރާތުން ކަންބޮޑުވުން ފާޅުކުރެއެވެ.
ފަޒީސް ހިޖާމާ ތެރަޕީގެ ފަރާތުން މިކަމާ ގުޅިގެން އަދި ބަހެއް ވިދާޅުވެފައެއް ނުވެއެވެ.