ފަލަސްޠީނަށްް އެހީވުމަށް ޚާއްސަ ޓެލެތޯންއެއް ބާއްވަން ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން ނިންމައިފިއެވެ.
ޕީއެސްއެމްއިން ހާމަކޮށްފައިވާ ގޮތުގައި މި ޓެލެތޯންއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އެދިވަޑައިގަތުމަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޓެލެތޯންއެކެވެ.
މި ފެށޭ ޖޫންމަހުގެ 12 ވަނަ ދުވަހު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޓެލެތޯނާއި ގުޅޭގޮތުން ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ޒީނާ ޒާހިރު ވިދާޅުވީ ފަލަސްޠީނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށް ޓެލެތޯން ކުރިއަށްގެންދާނީ އިޖުތިމާޢީ ބޮޑު ހަރަކާތެއްގެ ގޮތުގައި ކަމަށެވެ.
ޓެލެތޯން ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ މީހުންނަށް އެފުރުޞަތު އެބައޮތް ކަމަށާ ޓެލެތޯންގައި ބައިވެރިވުމުގެ ފުރުޞަތު ޖަމްއިއްޔާތަކާއި ޓީވީ އަދި ނޫސް މަޖައްލާތަކަށްވެސް ވަނީ ހުޅުވާލެވިފައި ކަމަށާ ރަށްރަށުގެ ކައުންސިލްތަކާއި ކުންފުނިތަކަށްވެސް ބައިވެރިވުމުގެ ފުރުސަތު އެބައޮތް ކަމަށް ޒީނާ ވިދާޅުވިއެވެ.
ޒީނާ ވިދާޅުވީ ޙާލުގައިޖެހިފައިވާ ފަލަސްޠީނުގެ ރައްޔިތުންނަށް އެކަށީގެންވާ އެހީތެރިކަމެއް ލިބޭނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.
މީގެއިތުރުން ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށް ބާއްވާ ޓެލެތޯންގެ ފަންޑު ފޮށި މާލެ ސަރަހައްދުގެ އޮފީސްތަކާއި ސްކޫލުތައް ކައިރީގައި އަދި ޕާކުތަކާއި މީހުން ގިނައިން އެއްވެއުޅޭ ސަރަހައްދުތަކުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށް ޕީއެސްއެމްއިން ވަނީ ހާޟަކޮށްފައެވެ.
ޖޫންމަހުގެ 12ވާ ބުދަ ދުވަހުގެ ހެނދުނު 8އިން ރޭގަނޑު 12:00އަށް ޓެލެތޯން ކުރިއަށް ގެންދާއިރު މި ޚާއްސަ ލައިވް ކަވަރޭޖް ޓީވީއެމްއާއި، ޕީއެސްއެމް ނިއުސް އަދި ދިވެހިރާއްޖޭގެ އަޑުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ޓެލެތޯނާ ގުޅޭ މަޢުލޫމާތު [email protected] އަށް އީމެއިލް ކުރުމުން ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައި ކަމަށް ޕީއެސްއެމްއިން ހާމަކޮށްފައިވެއެވެ.