ރާއްޖެއަށް އިސްރާއީލުގެ ރައްޔިތުން އެތެރެވުން މަނާކުރުމަށް އިމިގްރޭޝަން ޤާނޫނަށް އިސްލާޙެއް ހުށަހަޅައިފިއެވެ.
އިސްރާއީލް ޕާސްޕޯޓް މަނާކުރަން އިމިގްރޭޝަން ޤާނޫނަށް އިސްލާޙް ގެންނަ ބިލެއް މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަޙުމަދު ނަސީމް، މިމަހުގެ 29 ގައެވެ.
މީސްމީޑިއާގައި މީކާއީލް ޙިއްސާކޮށްފައިވާ އެ ބިލުގައި ފާހަގަކޮށްފައިވާ ގޮތުން، އެ ބިލު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ އިސްރާއީލުން ފަލަސްޠީނުގެ ދަރިފަސްކޮޅު ނައްތާލުމަށް ހިންގަމުންދާ ޤަތުލުއާންމާއި ދެކޮޅަށް ރާއްޖެއިން ފިޔަވަޅުތަކެެއް އެޅުމުގެ ގޮތުން، ރާއްޖެއަށް އިސްރާއީލުގެ ރައްޔިތުން އެތެރެވުން މަނާކުރުމަށް ކަމަށެވެ.
އިސްރާއީލްގެ ރައްޔިތުން ރާއްޖެ އެތެރެވުން މަނާކުރުމަށް ސަރުކާރަށް ގޮވާލާ 19 ވަނަ މަޖިލީހުން ޤަރާރެއް ފާސްކޮށްފައި ވީނަމަވެސް ސަރުކާރުން މިހާތަނަށް މިކަމުގައި ޢަމަލުކުރާނެ ގޮތެއް ސާފުކޮށްދީފައި ނުވާތީއާއި، މިކަން ކުރެވޭނެ ވަކި މުއްދަތެއްވެސް އެނގެން ނެތީތީ، ޤާނޫނީ ފިޔަވަޅު އެޅުމަށް އަވަސްކުރުމަށްވެސް މީކާއީލްގެ އިސްލާޙުގައި ވަނީ ގޮވާލައްވާފައެވެ.
އިސްރާއީލުގެ ޕާސްޕޯޓުގެ އިތުރުން އެހެން ޤައުމެއްގެ ޕާސްޕޯޓު ގެންގުޅޭ އިސްރާއީލު މީހުން ވެސް އެތެރެވުން މަނާ ކަމަށް މި އިސްލާޙުގައި ވަނީ ފާހަގަކުރައްވާފައެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މީކާއީލް މި އިސްލާޙް ހުށަހަޅުއްްވާފައި މިވަނީ ޔަހޫދީން ޣައްޒާގައި ހިންގަމުންދަނީ ޤަތުލުއާންމެއް ކަމަށްބުނެ ދުނިޔޭގެ ކަންކޮޅުތަކުގައި އެކަމާ ދެކޮޅަށް އަޑުއުފުލަމުން އެ އަޑު ގަދަވަމުން ދާ ދުވަސްވަރެއްގައިކަން ފާހަގަ ކުރެވެއެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާގެ އާންމު ރައްޔިތުންނަށް ދެމުން އަންނަ ލާއިންސާނީ ހަމަލާތަކުގައި މިހާތަނަށް 36،224 މީހުންވަނީ ޝަހީދުވެފައި ކަމަށާ 81،777 މީހުންނަށް ބޮޑެތި ޒަހަމްތައް ލިބިފައިވާ ކަމަށް ފަލަސްޠީނުގެ މަސްދަރުތަކުން ހާމަކޮށްފައިވެއެވެ.