ޙައްޖު މޫސުން ލައިގެންފިއެވެ. ވަގުތު ކަނޑައެޅިފައިވާ މައްސަރު ތަކެއްގައި ޙައްޖުވުމަށް ޤަޞްދު ކޮށްގެން އެ ނިޔަތުގައި ތިބި މުސްލިމުން ދުނިޔޭގެ އެކި ކަންކޮޅުތަކުން މައްކާގެ މާތްވެގެންވާ މުގައްދަސް ބިމަށް ދަނީ ދަތުރުކުރަމުންނެވެ. ޙައްޖުގެ އަޅުކަން އަދާކުރުމުގެ މަތިވެރި ނިޔަތުގައެވެ. ދީނީ ޙަމާސާއި ފޯރީގައެވެ. މުޅި ދުނިޔޭގައިވެސް އޮންނަ ދީނީ އެންމެ ބޮޑު ޖަމާޢަތުގައި ބައިވެރިވުމަށް މި ކުޑަކުޑަ ދިވެހިރާއްޖޭގެ ޙައްޖުވެރިންވެސް މިހާރު ތިބީ ދަތުރު ހައްދަވައިި ތައްޔާރުވެގެންނެވެ.
ޙައްޖު ދަތުރުގެ މަގްސަދަކީ ކޮބާ؟
ޙައްޖުގެ އަޅުކަން އަދާކުރުމަށް އެތައް މިލިއަން މުސްލިމުންނެއް އެދިއެދި ތިއްބާ މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ އެ ފުރުޞަތު ދިވެހިރާއްޖޭގެ ހާހެއްހާ މީހުންނަށް ދެއްވުމަކީ ކުޑަ ނިޢުމަތެއް ނޫނެވެ. ބޮޑުވެގެންވާ ނިޢުމަތެކެވެ. އެހެންކަމުން އަޅުގަނޑުމެންގެ މަގްސަދަކަށް ވާންވާނީ މި ލިބުނު ނިޢުމަތުގެ ބޭނުން ރަނގަޅަށް ހިފައި ޙައްޖުގެ އަޅުކަން އޭގެ އެންމެ ފުރިހަމަގޮތުގައި އަދާކުރުމަށްފަހު އެނބުރި ވަޠަނަށް އައުމެވެ.
ދަންނަވަންތޯއެވެ! ހައްޖުގެ އަޅުކަމަކީ ފަސޭހަ އަޅުކަމެއް ނޫނެވެ. ޙައްޖުގެ ޖަޒާއަކީ ސުވަރުގެކަމަށްވާއިރު ޙައްޖުގެ އަޅުކަން އަދާކުރުމުގައި ދަތި އުދަގޫތަކެއް ހުންނާނެއެވެ. ވެދާނެކަމަށް ހިތަށް ގެންނަން އުނދަގޫ ކިތަންމެ ތަކުލީފެއް ކުރިމަތިވާނެއެވެ. ޙައްޖުގެ އަޅުކަން އަދާކުރަމުންދާއިރު އެތައް ގޮތަކުން މާތް ﷲ އަޅުގަނޑުމެން އިމްތިޙާން ކުރައްވާނެއެވެ. އަޅުގަނޑުމެންގެ މަގްސަދަކަށް ވާންވާނީ އެފަދަ ހުރިހާ އިމްތިޙާނަކުން ފާސްވެ، އުރެދުމެއް އަރާރުންވުމެއް ނެތި ޙައްޖުގެ އަޅުކަން ފުރިހަމަކުރުމަށްފަހު ހުރިހާ ފާފަތަކެއް ފުހެވިފައިވާ ޙާލު އަޅުގަނޑުމެންގެ އަހުލުންގެ ގާތަށް ދިވެހިރާއްޖެއަށް އެނބުރި ދިޔުމެވެ.
ދަތުރަށް ތައްޔާރުވުން:
ޙައްޖުގެ ދަތުރަކީ އެތައް ގޮތަކުން އަޅުގަނޑުމެން ތައްޔާރުވާންޖެހޭ ދަތުރެކެވެ. މާލީގޮތުންނާއި ނަފްސާނީގޮތުންނާއި ޖިސްމާނީގޮތުން ޙައްޖުގެ އަޅުކަން އަދާކުރުމުގެ ގާބިލުކަން ޙައްޖުވެރިޔާގެ ކިބާގައި ހުންނަންވާނެއެވެ. ޙައްޖަށް ދިޔުމަށްޓަކައި ފައިސާދައްކާ ޚަލާޞްކޮށް، ޙައްޖުގެ ޖާގައެއް ކަށަވަރުވާހިނދު ޙައްޖުގެ ދަތުރަށް ޙައްޖުވެރިޔާގެ ސިކުނޑި ހާނާލުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ. މި ލިޔުމުގައި އަޅުގަނޑު ބަލާލާނީ ޙައްޖު ދަތުރެއްގެ ތެރޭގައި ހިމެނޭ ކަންކަމުގެ އިޖްމާލީ ފިކުރެއް ކިޔުންތެރިންނަށް ފޯރުކޮށްދިނުމަށެވެ. ދީނީ ނަޒަރަކުންނެއް ނޫނެވެ.
ދަތުރުގެ އިދާރީ ކަންކަން ނިންމުން:
ދިވެހި ސަރުކާރުގެ ކަމާބެހޭ މުއައްސަސާއަށް ހައްޖު ކޯޓާ ލިބުމުން އެ އަހަރެއްގައި ޙައްޖަށް ގެންދިޔުމުގެ ހުއްދަ ދޫކުރެވޭ ކުންފުނިތަކަށް ކޯޓާ ބަހާނެއެވެ. ކޯޓާ ލިބުމާއެކު ކުންފުނިތަކުގެ ޙަވާލުގައި ޙައްޖުގެ ޖާގަ ކަށަވަަރުކުރައްވާ ފަރާތްތަކަށް ކުންފުނިތަކުން ގުޅާނެއެވެ. އަދި ޙައްޖު ދަތުރުގެ ކުރިން އިދާރީ ގޮތުން ނިންމަންޖެހޭ ކަންކަން ނިންމުމުގެ އިރުޝާދު ފޯރުކޮށްދޭނެއެވެ. އެހެންކަމުން، އެ ލިބޭ އިރުޝާދާ އެއްގޮތަށް ހުރިހާ ބޭފުޅުންވެސް އަމަލުކުރެއްވުމަކީ ވަރަށް މުހިއްމު ކަމެކެވެ.
އިދާރީ ކަންކަމުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނޭނީ ޕާސްޕޯރޓް ހެއްދުމާއި ވެކްސިންޖެހުމާއި މެޑިކަލް ޗެކަޕް ހެއްދުމެވެ. މީގެ އިތުރުން ކުންފުންޏާއި ޙައްޖުވެރިޔާއާ ދެމެދު އެއްބަސްވުންތަކުގައި ސޮއިވެސް ކުރެވޭނެއެވެ. ޕާސްޕޯރޓް ހެއްދުމުގެ ކަންކަން ކުރިޔަށް ގެންދަވާނީ އިމިގްރޭޝަނުން ކަނޑައަޅުއްވާފައިވާ އުޞޫލުތަކުގެ ތެރެއިންނެވެ. ވެކްސިންޖެހުމަށް ކުންފުނިން އަންގަވާ ގަޑިތަކުގައި ވެކްސިންވެސް ޖައްސަވާށެވެ. މާލޭގައިނަމަ ދަމަަނަވެށިންނެވެ. ރަށެއްގައި އެރަށެއްގައި ހުންނަ ޞިއްޙީ ޚިދްމަތްދޭ މައި މަރުކަޒުން އެ އިންތިޒާމް ހަމަޖައްސައިދޭނެކަމަށްވެއެވެ. ޙައްޖުގެ އަޅުކަމަށް ބޭނުންވާނީ 3 ވެކްސިނެކެވެ. އެއީ މެނިންޖައިޓިސްއާއި އިންފުލުއެންޒާއާއި ޕޯލިޔޯ ވެކްސިނެވެ. މެޑިކަލް ޗެކަޕް ހައްދަވަންވާނީ ލިބިފައިވާ އިރުޝާދާ އެއްގޮތަށް ކަނޑައެޅިފައިވާ މަރުކަޒުތަކުން އެކަންޏެވެ.
ޑޮކްޓަރަށް ދެއްކެވުން:
ޙައްޖު ކުންފުނީގެ ބޭނުމަށް ޙައްޖުވެރިންގެ މެޑިކަލް ޗެކަޕް ހެދޭނެއެވެ. މީގެ އިތުރުންވެސް ޙައްޖަށް ފުރުމުގެ ކުރިން ޢާއްމުކޮށް ދައްކަވާ ޑޮކްޓަރުންނަށް ދައްކަވާށެވެ. ހައްޖަށް ފުރަން ތައްޔާރުވާކަން ދަންނަވާށެވެ. އަދި ޙައްޖުގެ މުއްދަތަށް ބޭނުންވާ ބޭހާއި އިރުޝާދު ޑޮކްޓަރުންގެ ކިބައިން ހޯއްދަވާށެވެ.
ފުރުމުގެ ކުރިން ބާޒާރުކުރުން:
ސަޢޫދީ ޢަރަބިއްޔާގައި ނިސްބަތުން ތަކެތި އަގުހެޔޮވާނެއެވެ. އެހެންނަމަވެސް، ދަތުރަށް ކޮންމެހެން ބޭނުންވާތަކެތި މާލެއިން ގަތުމަކީ އެންމެ ރަނގަޅު ކަމެކެވެ. ބާޒާރު ކުރައްވާއިރު ސަމާލުކަން ދެއްވަންވީ ބައެއް ކަންކަން އެބަހުއްޓެވެ.
އޭގެތެރޭގައި ރީތިވުމަށް ބޭނުންކުރާ ސާމާނު މާ ގިނައިން ނުގަތުން ރަނގަޅުވާނެއެވެ. ބޮޑަށް ވިސްނަންވީ އިޙްރާމަށް ބޭނުންވާ ތަކެތި ހަމަކުރުމަށެވެ. އޭގެތެރޭގައި އިޙްރާމް ހެދުމުގައި ހުންނައިރު އުނަގަނޑުގައި ނުވަތަ ކަރުގައި އަޅުވާލާނެ ދަބަހެއް ވަރަށް މުހިއްމެވެ. އަތުގައި ގެންގުޅޭ ފައިސާއާއި މޯބައިލް ފޯނާއި ޕާސްޕޯރޓާއި ގަޑިން ގަޑިއަށް ކާންޖެހޭ ބޭހުގެ ތެރެއިން އެއް ދުވަހަށް ބޭނުންވާ މިންވަރުގެ ބޭސް ގެންގުޅުއްވާނީ މި ދަބަހުގައެވެ. އިޙްރާމުގައި ހުންނައިރު އެރުމަށް ހުއްދަކުރެވިފައިވާ ޑިޒައިނެއްގެ ފައިވާނެއްވެސް ހޯއްދަވަންވާނެއެވެ.
ދެން އެންމެ މުހިއްމުވާނީ ދިވެހި އުފެއްދުންތަކެވެ. އޭގެތެރޭގައި ރިހާކުރާއި މަސްމިރުހާއި ވަޅޯމަހާއި ތެލުލިފަތްފަދަ ތަކެތި ހިމެނެއެވެ. މި ތަކެއްޗަކީ ޙައްޖުގައި އުޅޭއިރު ދިވެހި ކެއުންތައް ނުލިބިދާނެ ޙާލަތެއްގައި ބޭނުންކުރުމަށްޓަކައި ގެނައުން އައުލާކަން ބޮޑު ތަކެެއްޗެވެ. މިތަކެތިވެސް މާ ގިނައިން ގެނައުމަކީ ބުއްދިވެރިކަމެއް ނޫނެވެ. މިހާރު ދިވެހި ހުރިހާ ކުންފުނިތަކުންވެސް މި ތަކެތި މެނޫގައި ހިމަނާފައި ހުންނާތީއެވެ.
މީގެ އިތުރުން ޑޮކްޓަރު ލިޔެދެއްވި ބޭސް ސިޓީއަސް ބޭސް ނަންގަވާށެވެ.
އަތްދަބަސް ތައްޔާރުކުރުމާއި ފޮށި ޙަވާލުކުރުން:
އަތްދަބަހާއި ފޮށި ތައްޔާރުކުރައްވާއިރު ސަމާލުކަން ދެއްވަންޖެހޭ ވަރަށް މުހިންމު ކަންކަން ހުންނާނެއެވެ. ޙައްޖުވެރިން ފުރާވަޑައިގަތުމުގެ 1 ދުވަސް ކުރިން އާންމުގޮތެއްގައި ކުންފުންޏާއި ލަގެޖް ޙަވާލުކުރައްވަން ޖެހިވަޑައިގަންނަވާނެއެވެ. އެހެންކަމުން، އަތްދަބަހުގައި ނުގެންދެވޭ ތަކެތި ލަގެޖް ފޮށްޓަށް ލެއްވުމަށް ސަމާލުކަންދެއްވާށެވެ. އޭގެތެރޭގައި ބާޒާރުން ގަތް ރިހާކުރު ފުޅިފަދަ ހުރިހާ ދިޔާތަކެއްޗާއި، ރީތިވުމަށް ބޭނުންކުރާ ސާމާނާއި، ފޯއްކޮށަން ގެންގުޅުއްވާ ކުދި ވަޅިއާއި ކަތުރުފަދަ ތަކެތި ހިމެނެއެވެ.
ބޮޑު ފޮއްޓަށް ލުން މަނާ ބައެއް ތަކެތިވެސް ހުންނާނެއެވެ. އޭގެތެރޭގައި ހިމެނޭ މައިގަނޑު 2 ބާވަތަކީ ބެޓެރީއާއި ޕަވަރ ބޭންކެވެ. މިފަދަ އެއްޗެއް ގެންދަވާނަމަ އަތްދަބަހަށް އަޅުއްވާށެވެ. މީގެ އިތުރުން ދަތުރުމައްޗަށް ބޭނުންވާ ހުރިހާ ތަކެއްޗެއްވެސް ގެންދަވާނީ އަތްދަބަހުގައެވެ. އޭގެތެރޭގައި އާންމުކޮށް ކާ ބޭހާއި އަގުބޮޑު ތަކެތި ހިމެނެއެވެ.
އަދި އެއަރޕޯރޓުން އިޙްރާމް އަޅުއްވަން ބޭނުންފުޅުނުވާ ބޭފުޅުން އިހްރާމް ހެދުމާއި އިހްރާމަށް ބޭނުންވާ އެހެން ހުރިހާ އެއްޗެއް އަތްދަބަަހަށްލުމަށް ސަމާލުކަން ދެއްވަންވާނެއެވެ. އެއީ އިޙްރާމް ހެދުމާއި، އުނަގަނޑުގައި އަޅުވާ ދަބަހާއި، ފައިވާނެކެވެ.

ފުރަން އެއަރޕޯރޓަށް ދިޔުން:
ޙައްޖާޖީންނާއި ޙައްޖާޖީންގެ ޢާއިލާތައް އެއަރޕޯރޓަށް ޖަމާވާއިރު އެއަރޕޯރޓް އޮންނާނީ ވަރަށްބޮޑަށް ތޮއްޖެހިފައެވެ. އެހެންކަމުން، އެއަރޕޯރޓުގައި ހޭދަކުރައްވާ ވަގުތުތަކުގައިވެސް އެއަރޕޯރޓަށް ވަދެ ނިކުމެވާ ފަރާތްތަކަށް ދަތިނުވާނޭހެން ޢަމަލުތައް ބެހެއްޓެވުމަށް ސަމާލުކަންދެއްވަންވާނެއެވެ. ހަމައެހެންމެ، ޙައްޖު ކުންފުނިން އަންގަވާފައިވާ ގަޑިއަށް ސަމާލުކަން ދެއްވައިގެން އެއަރޕޯރޓަށް ވަޑައިގަތުމަށް އަހުމިއްޔަތުކަން ދެއްވާށެވެ.
ޕާސްޕޯރޓަށް ރައްކާތެރިވުން:
ޢާންމު އިންތިޒާމަކީ، ޙައްޖުވެރިން ގޭޓަށް ވަދެގެންދާއިރު އެބޭފުޅެއްގެ ޕާސްޕޯރޓް އެ ބޭފުޅަކާއި ޙަވާލުކުރުމެވެ. އެހެންކަމުން، އެ ހިސާބުން ފެށިގެން ޕާސްޕޯރޓަށް ސަމާލުވާންވާނެއެވެ. ޕާސްޕޯރޓް ބޭއްވުނުތަނެއް ނޭނގޭނަމަ، ދަތުރުގެ ތެރޭގައި ވަރަށްބޮޑެތި ތަކްލީފުތަކާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެއެވެ. އެންމެ ރަނގަޅުގޮތަކީ ކޮނޑުގައި އަޅުވާލެވޭ ކަހަލަ ނުވަތަ އުނަގަނޑުގައި އަޅުވާލެވޭ ކަހަލަ ދަބަހެއްގައި ޕާސްޕޯރޓް ގެންގުޅުއްވުމެވެ.
ރާއްޖެއިން ޖިއްދާއަށް ދެވުމުން އިމިގްރޭޝަނުން ނިންމަންޖެހޭ ކަންކަން ނިމި ބަސްތަކާ ހަމައަށް ދެވެންދެން ޕާސްޕޯރޓް އޮންނާނީ ޙައްޖުވެރިޔާގެ ޙަވާލުގައެވެ. ބަސްތަކަށް އަރާވަޑައިގަތުމުގެ ކުރިން ސައޫދީގެ އިންތިޒާމްތައް ހަމަޖެހިފައިވާގޮތުގެ މަތިން ޕާސްޕޯރޓްތައް ޙައްޖުވެރިންގެ އަތުން ނެގޭނެއެވެ. ދެން އަނބުރާ ޕާސްޕޯރޓްތައް ލިބިވަޑައިގަންނަވާނީ ޖިއްދާ އެއަރޕޯރޓުން ރާއްޖެއަށް ފުރާވަޑައިގަންނަވާއިރުއެވެ.
އެއަރޕޯރޓަށް ވަދެވަޑައިގަތުން:
ވައިގެ ދަތުރުފަތުރުތަކަކީ ވަކި އިންތިޒާމުތަކެއްގެ ދަށުން ކުރިޔަށްދާ ވަރަށްބޮޑު އޮޕަރޭޝަނެކެވެ. ސަލާމަތީގޮތުން ކަށަވަރުކުރަންޖެހޭ ކަންކަންވެސް ހުންނާނެއެވެ. އަދި ޙައްޖު ފްލައިޓުތަކުގައި 300 އާ ގާތްކުރާ ޢަދަދަކަށް ޙައްޖުވެރިން ދަތުރުކުރައްވާތީ، ހަމަޖައްސަންޖެހޭ އިޖުރާއާތުތަކަށް ވަގުތުވެސް ބޭނުންވާނެއެވެ.
ކަމާބެހޭ ފަރާތްތަކުން މިކަންކަމަށް ރިޢާޔަތްކޮށް ގޭޓަށް ވަނުމަށްޓަކައި ވަކި ގަޑިއެއް ކަނޑައަޅުއްވާނެއެވެ. އެ ގަޑިއަކީ އެތެރެއަށް ވަނުމަށްޓަކައި ކިޔުގައި ޖެހެންވީ ވަގުތެވެ. އެތެރެއަށް ވަނުމަށް އިޢްލާންކުރެއްވުމުގެ ކުރިން ހަނދާނާއި ތާރީޚަށްޓަކައި ރައްކާކުރައްވާ ޢާއިލީ ފޮޓޯތައް ނަންގަވާ ނިންމަވަންވާނެއެވެ. އަދި ވަގުތު ޖެހުމާއެކު ލަސްނުކުރައްވާ އެތެރެއަށް ވަދެވަޑައިގަތުމަށް ހުރިހާ ބޭފުޅުންވެސް ސަމާލުކަންދެއްވަންވާނެއެވެ.

ސެކިޔުރިޓީ ޗެކިންގ ނިންމުން:
ޙައްޖުވެރިންގެ ފުރާވަޑައިގަތުމަށް އެއަރޕޯރޓަށް ވަޑައިގަންނަވާއިރު ޙައްޖުވެރިންގެ ލަގޭޖް ހުންނާނީ ޗެކިންގ ކުރެވިފައެވެ. ސެކިޔުރިޓީ ޗެކިންގ ނުކުރެވި ހުންނާނީ ޙައްޖުވެރިންގެ އަތްދަބަސް އެކަންޏެވެ. އެހެންކަމުން ސެކިޔުރިޓީގެ ކަންކަން އަވަހަށް ނިންމާލުމަށްޓަކައި އަތްދަބަހުގައި އުފުލުން މަނާ އެއްވެސް އެއްޗެއް އަތްދަބަހުގައި ނެތްކަން ޔަގީންކުރައްވާށެވެ. އޭގެތެރޭގައި ދިޔާތަކެއްޗާއި ތޫނުތަކެތި ހިމެނެއެވެ. އާއްމުގޮތެއްގައި ޙައްޖުވެރިންގެ އަތްދަބަހުން ނަގަންޖެހޭ ތަކެތީގެ ތެރޭގައި ހިމެނެނީ ފޯއް ކޮށަން ގެންގުޅޭ ބާވަތުގެ ކުދި ވަޅިއާއި ކަތުރާއި ލައިޓަރު ފަދަ ތަކެއްޗެވެ. މިފަދަ އެއްޗެއް އަތްދަބަހުގައި އޮތްނަމަ އެ އެއްޗެއް ނެގުމުން ނޫނީ ސަފު ކުރިޔަަށް ނުދާނެތީ މަނާ އެއްވެސް އެއްޗެއް އަތްދަބަހަށް ނުލެއްވުމަށް ސަމާލުކަން ދެއްވަންވާނެއެވެ.
މަތިންދާބޯޓުގައި ކުރާ ދަތުރު:
ދިވެހިރާއްޖޭގެ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓުން ސެކިޔުރިޓީ ކަންކަން ނިމުމުން ޙައްޖުވެރިން ފްލައިޓަށް އެރުވޭނެއެވެ. ބައެއް ޙައްޖުވެރިންނަކީ އަލަށް މަތިންދާބޯޓުގައި ދަތުރުކުރައްވާ ބޭފުޅުންކަމުގައި ވާނެއެވެ. އެފަދަ ބޭފުޅެއްނަމަ، ގުރޫޕުގެ އެހީތެރިއެއްގެ ކިބައިން އެބޭފުޅަކު ބޭނުންވާ މައުލޫމާތެއް ސާފުކުރައްވަންވާނެއެވެ.
މަތިންދާބޯޓުގައި ދަތުރުކުރައްވާއިރު އެންމެބޮޑު ސަމާލުކަމެއް ދެއްވަންވާނީ އިޙްރާމް ބެންނެވުމަށެވެ. އިޙްރާމް ބަންނަވާނީ މީޤާތާ އަރާ ހަމަވުމުންނެވެ. މީޤާތާ އަރާ ހަމަވާނީ ޖިއްދާއަށް ބޯޓު ޖެއްސުމުގެ ގާތްގަނޑަކަށް 30 މިނެޓު ކުރިންނެވެ. ޖިއްދާއަށް ދަތުރުކުރާ ހުރިހާ މަތިންދާބޯޓެއްގައިވެސް މީގާތާ އަރާ ހަމަވުމުން އެކަން އިޢްލާން ކުރާނެއެވެ. އަދި ކުންފުނީގެ އެހީތެރިންވެސް އެކަން ބޯޓުގައި އިޢްލާންކުރައްވާނެެއެވެ.
އެންމެބޮޑަށް ސަމާލުކަން ދެއްވަންވާނީ މަތިންދާބޯޓުން ފައިބާވަޑައިގަންނަވާއިރު އަމިއްލަފުޅު އެއްވެސް އެއްޗެއް ބޯޓުގައި ނުބޭއްވޭކަން ކަށަވަރުކުރުމަށެވެ. މަތިންދާބޯޓުން ފައިބާވަޑައިގަތުމުގެ ކުރިން ޕާސްޕޯރޓް އަތުގައި އޮތްތޯ ޗެކްކުރެއްވުމަކީ ލާޒިމުކަމެކެވެ. ޙައްޖުވެރިންގެ ޕާސްޕޯރޓް ބައެއްފަހަރު އިށީންދެ އިންނަ ގޮނޑީގެ ކުރީގައި އޮންނަ ޖީބުތެރޭގައި ބާއްވާފައި ދެވޭތީއެވެ. ފްލައިޓުން ޙައްޖުވެރިން ފޭބުމުން ބޯޓުގައި ޙައްޖުވެރިއެއްގެ އަމިއްލަފުޅު އެއްޗެއް ބޭއްވިފައި އޮތްތޯ ޗެކްކުރަމުން ދިޔައިރު 2017 ވަނަ އަހަރު މި ދެންނެވި ޖީބުގެ ތެރެއިން އަޅުގަނޑަށް ޕާސްޕޯރޓެއް ފެނުނެވެ.
ޖިއްދާ އެއަރޕޯރޓު:
ޖިއްދާ އެއަރޕޯރޓަކީ ވަރަށް ކާރޫ ބާރޫ ބޮޑު އެއަރޕޯރޓެކެވެ. އަދި ޙައްޖު މޫސުން ކައިރިވާ ވަރަކަށް އިތުރަށް ބާރުބޮޑުވާނެއެވެ. އެހެންކަމުން، ގިނަ ވަގުތުތަކެއް އިމިގްރޭޝަން ކައުންޓަރުގައި ހޭދަކުރަން ޖެހިދާނެއެވެ. ޖިއްދާ އެއަރޕޯރޓަށް ފައިބާވަޑައިގެން އިމިގްރޭޝަންގެ ކަންކަމަށް ޕާސްޕޯރޓާއި ވިސާގެ ކޮޕީއެއް ބޭނުންވާނެއެވެ. ބައެއް ޙާލަތްތަކުގައި ބޯޑިންގ ކާޑުވެސް ބޭނުންވެއެވެ. އެހެންވީމާ، ކައުންޓަރުގެ ކިޔުގައި ހުންނައިރު މިތަކެތި ހަމަކޮށް ތައްޔާރުވެވަޑައިގަންވާށެވެ.
ކައުންޓަރުގައި ހުންނައިރު ސަޢޫދީގެ އިމިގްރޭޝަނުން ވަރަށް ގިނަ ކަންކަން ފުރިހަމަކުރާނެއެވެ. އޭގެތެރޭގައި ޕާސްޕޯޓު ޗެކްކުރުމާއި، ޙައްޖުވެރިންގެ ދެ އަތުގެ ފިންގަރޕްރިންޓް ނެގުމާއި ޕާސްޕޯރޓް ފޮޓޯއެއް ނެގުން ހިމެނެއެވެ.
ފިންގަރޕްރިންޓް ނެގުމަށްޓަކައި އަތުގެ އިނގިލިތައް ޖައްސަންވީގޮތް އިމިގްރޭޝަން ސްޓާފުން ޙައްޖުވެރިންނަށް ބަހާއި ޢަމަލުން ދައްކާނެއެވެ. އެހެންކަމުން އެބޭފުޅުން އިޝާރާތުން އެދައްކާގޮތަށް ޢަމަލުކުރައްވާށެވެ. މެޝިނުގައި ފުރަތަމަ ޖައްސާނީ 2 ބޮޑުވައި އިނގިލި އެކީގައެވެ. އެއަށްފަހު ކަނާތުގެ ބާކީ 4 އިނގިއްޔެވެ. އެންމެ ފަހުން ވާތުގެ ބާކީ 4 އިނގިއްޔެވެ. ފޮޓޯ ނެގުމަށްޓަކައި ކައުންޓަރުގައި ހަރުކުރެވިފައިވާ ކެމެރާއަށް ބެލުމަށް އިޝާރާތްކުރުމުން އެއަށް ޢަމަލުކުރައްވާށެވެ.
އިމިގްރޭޝަންގެ ކަންކަން ނިމުމުން، އެއަރޕޯރޓުން ނިކުމެވަޑައިގަތުމުގެ ކުރިން ކޮންމެ ބޭފުޅަކުވެސް އެބޭފުޅެއްގެ ލަގެޖް ހޯއްދަވަންވާނެއެވެ. ލަގެޖް ފޮށި ލިބުމުން އަތުގައި ގެންގުޅުއްވާ ތަކެއްޗާއެކު އެއަރޕޯރޓުން ނިކުމެވަޑައިގަތުމުން ޙައްޖުގެ ޚިދްމަތްދޭ ސަޢޫދީ ޢަރަބިއްޔާގެ ކުންފުނީގެ ފަރާތުން ޙައްޖުވެރިންނާ ޙަވާލުވާނެއެވެ. އަދި ބަސްތަކަށް ޙައްޖުވެރިން އެރުވުމަށްފަހު ހޮޓަލަށް ފުރުވާލާނެއެވެ. މިކަންކަމުގައި ދިވެހިރާއްޖޭގެ ޙައްޖު މިޝަނުންނާއި ޙައްޖު ކުންފުނިން އެހީތެރިކަން ފޯރުކޮށްދެއްވާނެއެވެ.
ޖިއްދާ އެއަރޕޯރޓުން ބަސްތަކަށް އެރުން:
ޙައްޖުގެ ޚިދްމަތްދޭ ސަޢޫދީ ޢަރަބިއްޔާގެ ކުންފުނީގެ ފަރާތުން ޙައްޖުވެރިންނާ ޙަވާލުވުމަށްފަހު ޙާލަތާއި ވަގުތަށް ބެލުމަށްފަހު ބަސްތަކަށް އެރުވުމުގެ އިންތިޒާމް ހަމަޖައްސަވާނެއެވެ. ޢާއްމުގޮތެއްގައި އިރުޝާދުލިބޭނީ ސަފެއް ހެދުމަށްފަހު ކިޔުގައި މަޑުކުރުމަށެވެ. އަދި ބަހުގައި ޖާގަ އޮތް މިންވަރަކުން ސަފުގައި ތިއްބެވި ތަރުތީބުން ބަސްތަކަށް އަރުވަމުން ގެންދާނެއެވެ.
އެހެންކަމުން، ސަފަށް އަރުއްވާއިރު އެއް ގުރޫޕެއްގައި ހިމެނޭ ހުރިހާ ބޭފުޅުން ކައިރިކައިރީގައި ތިއްބެވުން އެދެވިގެންވެއެވެ. ނުވަތަ ސަފުގައި ތިބެ ބަހަށް އަރަމުންދާއިރު ގުރޫޕުގެ ބަޔަކު އެހެން ބަހަކަށް އަރަންޖެހޭކަން އެނގިއްޖެނަމަ ކުންފުނީގެ ނުވަތަ ޙައްޖު މިޝަންގެ ބޭފުޅަކަށް އިޝާރާތްކޮށްލައްވާށެވެ. ބަހަށް އެރުމަށްފަހު އެހެން ބަހަކަށް ބަދަލުވުމަކީ ވުމަށްވުރެ ނުވުން ކައިރިކަމަކަށްވާތީއެވެ.
ޖިއްދާއިން މައްކާއަށް ދިޔުން:
ޖިއްދާ އެއަރޕޯރޓުން މައްކާއަށް ކުރާ ދަތުރަކީ ގާތްގަނޑަކަށް 2 ގަޑިއިރުގެ ދަތުރެކެވެ. މި ދަތުރުގައި ޙައްޖުވެރިންގެ އިސްތިޤްބާލަށްޓަކައި ސަޢޫދީ ސަރުކާރުން ކަނޑައަޅުއްވާފައިވާ މަރުކަޒުތަކުގައި ބަސް މަޑުކުރާނެއެވެ. އެ މަރުކަޒުތަކުން ފޯރުކޮށްދެއްވާ ޚިދްމަތްތަކަށްފަހު ބަސް ދެން ދަތުރުކުރާނީ މައްކާގެ ހޮޓަލަށެވެ. މިގޮތަށް ދަތުރުކުރަމުންދާއިރު، ޗެކް ޕޮއިންޓުތަކަށްވެސް މަޑުކުރާނެއެވެ.
ހޮޓަލަށް ވަދެވަޑައިގަތުން:
ހޮޓަލަށް ބަސްތައް މަޑުކުރުމުން، ހަމަޖެހިފައިވާ އިންތިޒާމުތަކުގެ ދަށުން ބަސްތަކުން ފައިބާވަޑައިގަންވާއިރު ބަހުގައި އަމިއްލަފުޅު އެއްވެސް އެއްޗެއް ބޭއްވިފައިވޭތޯ ބައްލަވަންވާނެއެވެ. އަދި އެ ބޭފުޅަކު ހުންނެވުމަށް ހަމަޖެހިފައިވާ ކޮޓަރިއަކީ ކޮބައިތޯ ބެއްލެވުމަށްފަހު އެންމެ ފަސޭހައިން އެ ކޮޓަރިއަކަށް ދެވޭނީ ކިހިނެއްކަން ހިތުގެ ތެރޭގައި ކުރައްސަވާލައްވަން ވާނެއެވެ.
ޢުމްރާގެ އަޅުކަން ފުރިހަމަކުރުން:
ދަތުރުގެ ވަރުބަލިކަމާއެކުވެސް، ޢުމްރާގެ އަޅުކަން ފުރިހަމަކުރުމަކީ ޙައްޖުގެ ދަތުރުގެ އެންމެ މުހިއްމު އެއްބައެވެ. ޢުމްރާކުރުމަށްޓަކައި ވަޑައިގެންނެވުމުގެ ކުރިން ފައިވާން ލާނެ ދަބަހެއް ހިއްޕަވައިގެން ފައިބާވަޑައިގަތުމަށް ހަނދުމަފުޅު ބަހައްޓަވާށެވެ. ޙަރަމުގައި ފައިވާން ބަހައްޓާނެ ޚާއްޞަ ތަނެއް ނުހުންނާނެއެވެ. އަދި ޙަރަމުގެ ތަނެއްގައި ފައިވާން ބެހެއްޓިޔަސް، ނިކުމެވޭނީ އެދިމާލުން ކަމުގައި ނުވާނެއެވެ.
ދިވެހީން ޙައްޖުގެ އަޅުކަން އަދާކުރުމުގެ ތެރެއިން ކުރާ ޢުމްރާ ކުރަން މިޖެހެނީ ވަރަށް ބައިބޯ ދުވަސްވަރެއްގައެވެ. އެހެންކަމުން، ޢުމްރާ ކުރުމަށް ދާ ގުރޫޕާ ވަކިވެއްޖެނަމަ ލަސްނުކުރައްވާ އެހީތެރިކަން ހޯއްދަވަންވާނެއެވެ. އަދި ޙަރަމުން ނިކުމެ އަމިއްލައަށް ހޮޓަލަށް ދިޔުމަށްޓަކައި މަސައްކަތްކުރުމުގެ ބަދަލުގައި ޙަރަމުގެ ތެރޭގައިވެސް މާ ދުރަށް ނުހިންގަވާ މަޑުކުރެއްވުމަކީ ވަރަށް މުހިއްމު ކަމެކެވެ.
މުވާސަލާތީ ވަޞީލަތްތައް:
ޙައްޖު ކުންފުނީގެ ފަރާތުން ޙައްޖުވެރިންނަށް ސިމް ކާޑު ހޯއްދަވައިދެއްވާނެއެވެ. ސިމް ކާޑު ނުލިބުނުކަމުގައިވިޔަސް، ހޮޓަލުން ވައިފައިގެ ޚިދްމަތް ލިބިވަޑައިގަންނަވާނެއެވެ.
ރާއްޖޭގައި ތިއްބެވި ޢާއިލާގެ ބޭފުޅުންނާ މުޢާމަލާތުކުރެއްވުމަށް ސަޢުދީ ޢަރަބިއްޔާގައި އެންމެ ފަސޭހައިން ބޭނުންކުރެވޭ ސޯޝަލް މީޑިއާގެ ވަޞީލަތަކީ ޓެލެގްރާމެވެ. ޓެލެގްރާމް ބޭނުންކޮށްގެން ވީޑިޔޯ ކޯލްވެސް ކުރެވޭނެއެވެ. ވަޓްސްއެޕްސް ވެސް ބޭނުންކުރެވެއެވެ އެހެންނަމަވެސް ކޯލް ކުރުމަށް ވަޓްސްއެޕް ބޭނުންކުރުމުގައި އުނދަގޫތަކެއް ދިމާވާނެއެވެ. ވައިބަރ ބޭނުންކުރެވޭނީ ވީޕީއެންއެއް ބޭނުންކޮށްގެންނެވެ. މިގޮތަށް ވީޕީއެންއެއް ބޭނުންކުރާނަމަ ޙައްޖުގެ މަގާސިދުތައް ފަސާދަވެދާނޭފަދަ މަންޒަރާ އަޑު ހިމެނޭ އިޝްތިހާރުތައް ފޯނުގެ ސްކްރީނަށް އައުމުގެ ފުރުޞަތު އެބައޮތެވެ.
އަބަދު ލިބޭނީ ދިވެހި ކެއުންތަ؟
އަޅުގަނޑުމެން ދިވެހިންނަކީ ކެއުން ވަކި ގޮތަކަށް ބައްޓަންވެފައިވާ ބައެކެވެ. ވަކި ބާވަތެއްގެ ތަކެތި ކައިގެން އުޅެން އާދަވެފައިވާ ބައެކެވެ. ވަކި ރަހަތަކަކަށް ފަރިތަވެފައިވާ ބައެކެވެ. އެހެންކަމުން، ދިވެހި މާޙައުލާ ތަފާތު މާޙައުލަކަށް ދިގު މުއްދަތަކަށް ދަތުރެއްކުރާއިރު، ކެއުންބުއިމަށް ލިބޭ ތަކެއްޗަކީ އާއްމުކޮށް ކައި އުޅޭ ތަކެތިކަމަށް ނުވެދާނެއެވެ. ޙައްޖުވެރިންގެ ކަންކަން އިންތިޒާމުކުރާ ފަރާތްތަކުން ދިވެހި ކެއުންތައް ތައްޔާރުކޮށް ޙައްޖުވެރިންނަށް އެތަކެތި ފޯރުކޮށްދޭނެއެވެ. އެހެންނަމަވެސް، މައްކާއާއި މަދީނާގައި ކުރެވޭ ބައެއް ދަތުރުތަކުގައި ދިވެހި ކެއުން ތައްޔާރުކޮށް ފޯރުކޮށްދިނުމަކީ ހަމަޖެއްސޭނެ އިންތިޒާމްތަކަކަށް ނުވެދާނެކަން ސިކުނޑީގައި ބަހައްޓަންވާނެއެވެ.
މިފަދަ ބައެއް ދަތުރުތަކުގެ ތެރޭގައި މައްކާއިން މަދީނާއަށް ކުރާ ދަތުރާއި، މަދީނާއިން އެނބުރި މައްކާއަށް ކުރާ ދަތުރު ހިމެނެއެވެ. މި ދަތުރުތަކުގައިވެސް ދިވެހިންނާ އެހާ ބީރައްޓެހި ނޫން ކެއުމެއް ލިބޭނެކަން އަޅުގަނޑަށް ގައިމެވެ. ކެއުމުގައި އެންމެ ދަތި ދުވަސްތަކަކަށްވާނީ މިނާއާއި ޢަރަފާތުގައި ހޭދަކުރާ ދުވަސްތަކެވެ. މި ދުވަސްތަކުގައި ކެއުމުގެ ޒިންމާ އުފުލާނީ ޙައްޖަށް ވަޑައިގަންނަވާ ގުރޫޕުގެ ފަރާތަކުންނޫނެވެ. މުޠައްވިފު (ޙައްޖުގެ ޚިދްމަތް ފޯރުކޮށްދޭ ކުންފުނި) ގެ ބެލުމުގެ ދަށުންނެވެ. އެހެންނަމަވެސް، އެ ފަރާތުން ފޯރުކޮށްދޭ ތަކެއްޗާއެކު ދިވެހިންނަށް ފަރިތަ ރިހާކުރާއި، ވަޅޯމަހާއި، މިރުހާ ފިޔަޔާއި، ލުނބޯ ފަދަ ތަކެތި ފޯރުކޮށްދީގެން އެ ތަކެތީގައިވެސް ދިވެހި ރަހަތައް ޖެއްސޭތޯ ދިވެހި ކުންފުނިތަކުން އަބަދުވެސް މަސައްކަތް ކުރައްވައެވެ. މިފަހަރުވެސް އެ މަސައްކަތް ކުރައްވާނެކަން ގައިމެވެ.
އެހެންކަމުން، ޙައްޖުގެ އަޅުކަމުގައި ހޭދަކުރައްވާ ކޮންމެ ދުވަހަކު، ކޮންމެ ގަޑިއަކު ދިވެހި ކެއުންތައް ލިބޭނެކަމަށް ނުބައްލަވާށެވެ. ދިވެހި ކެއުން ނުލިބޭ ދުވަސްތަކެއް އަންނާނެކަންވެސް ގަބޫލުފުޅު ކުރައްވަންވާނެއެވެ. (ނުނިމޭ)