ސިޙުރު ހެދުމަކީ ދީނުން ބޭރުވާފަދަ ބޮޑު ފާފައެއް: ޚުޠުބާ

ސިޙުރު ހެދުމަކީ ދީނުން ބޭރުވާފަދަ ބޮޑު ފާފައެއް ކަމަށް މިއަދު ދެއްވި ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

ސިޙުރުގެ ނުބައިކަން މި ސުރުޙީއަށް އަލިއަޅުވާލައްވާ މިއަދު ދެއްވި ޚުޠުބާގައި ވިދާޅުވީ މިއަދު އަހަރެމެންގެ ތެރޭގައި ފެތުރިފައިވާ ކުށްތަކުގެ ތެރޭގައި، އެ ކުށްތަކަކަށް އަރައިގަތުމުން، ދީނުން ބޭރުވާ ފަދަ ކުށްތައް ވާކަމަށާ އޭގެތެރެއިން އެއްކަމަކީ ސިޙުރު ކަމަށެވެ.

ޚުޠުބާގައި ވިދާޅުވީ ސިޙުރުގެ ސަބަބުން ޢާއިލާތައް ރޫޅި، ދެމަފިރިންގެ ޒަވާޖީ ޙަޔާތް ބަރުބާދުވާ ކަމަށާއި  ރަޙްމަތްތެރިންގެ މެދުގައި ރުޅިވެރިކަމާއި، ޢަދާވާތްތެރިކަން އުފެދި ދަރިވަރުންގެ ތަޢުލީމަށް ހުރަސްއެޅޭ ކަމަށެވެ.

އަދި ސިޙުރުގެ ސަބަބުން ޞިއްޙަތު ސަލާމަތުން ހުރި މީހާ ބަލިވެ، ހިތާމަޔާއި، ވޭން ތަޙައްމަލުކުރަން ޖެހޭ ކަމަށާއި  އެފަދަ ޢަމަލެއް ކުރާ މީހެއްގެ ގާތަށްގޮސް، އޭނާގެ ބަސް ތެދުކޮށް، އޭނާގެ ކިބައިން އެހީތެރިކަން ހޯދައިފި މީހާ، ކީރިތި ރަސޫލާ ޞ.ޢ.ވ. ގެ މައްޗަށް ބާވައިލެއްވި ތަކެއްޗަށް ކާފިރުވެއްޖެ ކަމަށާއި މިނުބައި ފާސިދު ޢަމަލު މިއަދު ވަނީ މުޅި މުޖުތަމަޢަށް ޢާންމުވެފައި ވާކަމަށް ޚުޠުބާގައިވެއެވެ.

ސިޙުރުގެ ބާވަތްތަކުގެ މައްޗަށް އަލިއަޅުވާލައްވާއި ޚުޠުބާގައި ވިދާޅުވީ ސިޙުރަކީ ޙަޤީޤަތެއް ކަމަށާ އޭގެ އެއްބާވަތަކީ، އެކަންކުރާމީހުންގެ ކުޅަދާނަކަމުން، މީސްތަކުންގެ ލޯމައްޗަށް އޮޅުވާލާ އޮޅުވާލުމެއް ކަމަށާ ސިޙުރުގެ އަނެއް ބާވަތަކީ، މީހުންގެ ހިތްތަކަށާއި،ހަށިގަނޑަށް އޭގެ އަސަރު ފޯރާ ބާވަތެއް ކަމަށާ މި ބާވަތުގެ ސިޙުރު ހެދުމަށް މީހުންގެ އިސްތަށްޓާއި، ނިޔަފައްޗާއި،ފުނަލުގެ ދަތާއި، ފޭރާން ނުވަތަ ފައިވާން ފަދަ ތަކެތި ބޭނުން ކުރާ ކަމަށާއި މީގެތެރޭގައި، މީހުން މޮޔަކޮށްލާ ސިޙުރާއި، ބަލިކޮށްލާ ސިޙުރާއި، މަރާލާ ސިޙުރާއި، ދެމަފިރިން ރުޅިކުރުވައި އަދި ދުރުކުރުވާ ސިޙުރު ހިމެނޭ ކަމަށެވެ.

ކީރިތި ރަސޫލާ ޞ.ޢ.ވ. އަށް ޖެހިވަޑައިގަތީ، ދެވަނަ ބާވަތުގެ ސިޙުރެއް ކަމަށާއި  لَبِيْدُ بْنُ الْأَعْصَم ނަމަކަށް ކިޔާ ޔަހޫދީއަކު، ކީރިތި ރަސޫލާއަށް ސިޙުރު ހެދީ، އެކަލޭގެފާނުގެ އިސްތަށިފުޅުން މިންވަރެއް ހޯދައިގެން ކަމަށާއި ކީރިތި ރަސޫލާ ޞ.ޢ.ވ. އަށް سُوْرَةُ الْفَلَقِ އާއި سُوْرَةُ النَّاسِބާވައިލެއްވީ މި ޙާދިޘާއާ ގުޅިގެން ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

ސިޙުރާއި، ނޭދެވޭ ކަންކަމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކެއް އިސްލާމް ދީނުގައި އަންގަވާފައިވާ ކަމަށާއި އެންމެ މުހިއްމު ކަމަކީ ފަރްޟު ފަސް ނަމާދަށް ރައްކާތެރިވުން ކަމަށާއި ދެވަނަ ކަމަކީ ޝައިޠާނާގެ ކިބައިން ރައްކާތެރިވުމަށް މާތް اللهގެ ޙަޟްރަތުގައި دُعَاء ދެންނެވުން ކަމަށާއި ތިންވަނަ ކަމަކީ ޖިންނި ޝައިޠާނުންގެ ކިބައިން ރައްކާތެރިވުމަށް ކީރިތި ރަސޫލާ ޞ.ޢ.ވ. ގެ އަރިހުން ވާރިދުވެފައިވާ ދުޢާތައް ކިޔެވުމާއި، އެކަލޭގެފާނުގެ އަރިހުން ވާރިދުވެފައިވާ ގޮތަށް ޢަމަލުކުރުން ކަމަށް ޚުޠުބާގައިވެއެވެ.

ކީރިތި ރަސޫލާ ޞ.ޢ.ވ. ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވާކަމަށް ޚުޠުބާގައި ވިދާޅުވީ "ރޭވެ އަނދިރިވާ ހިނދު،ނުވަތަ އިރުއޮއްސިގެން އަންނަ ހިނދު، ކުޑަކުދިން ބޭރަށް ނުކުތަނުދޭށެވެ! އެވަގުތު ޝައިޠާނުން ފެތުރިގަންނާނެއެވެ. ދެން ރޭވެ ގަޑިއެއްހައި އިރު ފަހުން އެކުދިން ދޫކޮށްލާށެވެ! ދެން ބިސްމި ކިޔައި، ދޮރުތައް ލައްޕާށެވެ! އެހެނީ ބިސްމި ކިޔައި، ލައްޕާފައި ހުންނަ ދޮރެއް ޝައިޠާނާ ނުހުޅުވާނެއެވެ! އަދި ބިސްމި ކިޔައި،ތިޔަބައިމީހުންގެ ފެންޖާޑިތައް މަތިޖަހާށެވެ! އަދި ބިސްމި ކިޔައި، ކަންވާރުތަކުގައިމަތިޖަހާށެވެ! ނުވަތަ އޭގެމަތީގައި އެއްޗެއް ހުރަސްކޮށް ބާއްވާށެވެ! އަދި ބައްތިތައް ނިއްވައިލާށެވެ!" މިފަދައިންނެވެ.

ސިޙުރަކީ، ޙަޤީޤަތެއްކަން، ކީރިތި ޤުރްއާނުގެ ޞަރީޙަ ނައްޞުން ޘާބިތުވާ ކަމަށާއި ސިޙުރު އުނގެނުމަކީ، ކާފިރުވާނެ ޢަމަލެއްކަން މާތްﷲ ގެ ވަޙީބަސްފުޅުން އެނގެން އޮންނަ ކަމަށާއި އެހެންކަމުން މި ކުފުރުގެ ޢަމަލުކޮށްއުޅޭ މީހުން، ތައުބާވެ، މާތްﷲ ގެ މަގަށް އެނބުރި ރުޖޫޢަވުމަށް ޚުޠުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

advertisement
ހިޔާލު ދެއްވާ!