"ސަރުކާރު" ނޫހުގައި އިސްރާއީލަކީ ދައުލަތެއް ނޫންކަމަށާ އަދި އެއީ ޓެރަރިސްޓް ޖަމާޢަތެއް ކަމަށް ބުނެދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު ޢަލީ ޙުސައިން އެދިވަޑައިގެންފިއެވެ.
ޢަލީ ޙުސައިން މިފަދައިން އެދިވަޑައިގެން ޓްވީޓެއް ކުރައްވާފައި މިވަނީ "ސަރުކާރު" ގެ ނަމުގައި ރައީސް އޮފީހުން އޮންލައިން ނޫހެއް ހިންގަން ފެށުމާއި ގުޅިގެންނެވެ.
"ތިޔަ ނޫހުގައި އިސްރާއީލަކީ ދައުލަތެއް ނޫންކަމަށާ އަދި އެއީ ޓެރަރިސްޓް ޖަމާޢަތެއް ކަމަށް ބުނެދޭށެވެ. ހަމަ އެހެންމެ ފަލަސްތީނުގެ މައްސަލައަކީ މުޅި އިސްލާމީ އުންމަތާއި ގުޅިފައިވާ މައްސަލައެއް ކަމަށް ބަޔާންކޮށްދޭށެވެ." މިކަމާ ގުޅިގެން ޢަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.
ރައީސް އޮފީހުން ހިންގަންފެށި "ސަރުކާރު" ނޫހާ ގުޅިގެން ބައެއް މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ހަލީލް ވިދާޅުވީ ނޫސް ރަސްމީކޮށް ލޯންޗު ނުކުރާ ކަމަށާ އެކަމަކު މިހާރު އެ ވެބްސައިޓު ވަނީ ލައިވްކޮށްފައި ކަމަށެވެ.
ޚަލީލް ވިދާޅުވި ގޮތުގައި މި ނޫހުގެ މަޤްސަދަކީ ސަރުކާރުގެ ހުރިހާ މިނިސްޓްރީއެއްގެ ޚަބަރު އެއް ވެބްސައިޓަކުން ގެނެސްދިނުން ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެބްސައިޓު މެދުވެރިކޮށް ސަރުކާރު ކުންފުނިތަކުގެ ޚަބަރުތައް ވެސް ގެނެސްދިނުން ކަމަށެވެ.
ޢަލީ ޙުސައިން މިފަދައިން ޓްވީޓް ކުރައްވާފައިވާއިރު، މިމަހު 28 ގައި 20 ވަނަ މަޖިލީހުގެ މެމްބަރުން ހުވާކުރެއްވުމުގެ ޖަލްސާއަށްފަހު، އިސްރާއީލުގެ ޕާސްޕޯޓް މަނާ ނުކުރެވިގެން އުޅެނީ ކީއްވެތޯ ނޫސްވެރިޔާ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބުރާހީމް ފަލާޙް ވިދާޅުވީ ފަލަސްޠީނުގެ މައްސަލަ އަކީ ދެޤައުމުގެ ދެމެދުގައި އޮތް ފޮރިން މައްސަލައެއް ކަމަށާ އެހެންކަމުން އެކަމުގައި ދިވެހި ސަރުކާރުން ގޮތް ނިންމާނީ ދިވެހި ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށް ކަމަށާއި އެގޮތް ނިންމުމުން އެގޮތަކަށް މަޖިލީހުން އަމަލުކުރާނެ ކަމަށެވެ.