މިއަހަރު ދިވެހިރާއްޖެއިން ޙައްޖުގެ އަޅުކަމަށް ވަޑައިގަންނަވާ ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕު މީގެ ކުޑައިރުކޮޅެއް ކުރިން ފުރައިފިއެވެ.
އިސްލާމިކް މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިއަދުގެ ފްލައިޓުގައި ޖުމްލަ 296 ޙައްޖުވެރިން ދަނީ ޖިއްދާއަށް ދަތުރުކުރަމުންނެވެ. މި ފްލައިޓު ޖިއްދާއަށް ޖައްސާނީ ރާއްޖޭ ގަޑިން މިރޭ 9:10 ގައެވެ.
މިއަހަރު ޙައްޖަށް ވަޑައިގަންނަވާ ދިވެހިން ސަޢޫދީ ޢަރަބިއްޔާއަށް ދަތުރުކުރުމަށް ހަމަޖެހިފައިވަނީ 4 ފްލައިޓެއްގައެވެ. ފުރަތަމަ ފްލައިޓް މިއަދު ފުރާފައިވާއިރު، 2 ވަނަ ފްލައިޓު ފުރާނީ ޖޫން 3 ގައެވެ. 3 ވަނަ ފްލައިޓް ޖޫން 7 ގައި ފުރުމަށް ހަމަޖެހިފައިވާއިރު، 4 ވަނަ ފްލައިޓް ފުރާނީ ޖޫން 10 ގައެވެ.
ޙައްޖުވެރިން އެއާރޕޯޓުގައި.
ޙައްޖު 1445 #Hajj1445 #MviAffairs #MvHajj1445 pic.twitter.com/vRnkvygEpX
— Maldives hajj mission بعثة ا لحج ا المالديفية (@hajjmission_mv) May 31, 2024
މި ފްލައިޓުގައި ޙައްޖަށް ފުރާވަޑައިގަންނަވާ ޙައްޖުވެރިން ފުރުވުމަށް ނައިބު ރައީސް އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފާއި ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އުސްތާޛު މަތުރިކް އައްދައުސަރީއާއި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ވަޑައިގަންނަވާފައެވެ.
މިއަހަރުގެ ޙައްޖުގެ އަޅުކަމަށް ވަޑައިގަންނަވާ ޙަައްޖުވެރިންނަށް ހަމަޖައްސަންޖެހޭ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި ދިވެހި ޙައްޖު މިޝަނުން ދަނީ ސަޢޫދީ ޢަރަބިއްޔާގައި ޙަރަކާތްތެރިވަމުންނެވެ. އެ މިޝަނުގެ ސޯޝަލް މީޑިއާ އެކައުންޓުން ހާމަކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، ޙައްޖުވެރިންނަށް ހަމަޖައްސަންޖެހޭ އިންތިޒާމްތައް ހަމަޖެއްސުމުގައި އެ މިޝަނުން ދަނީ މަސައްކަތްކުރަމުންނެވެ.