މިއަހަރު ދިވެހިރާއްޖެއިން ޙައްޖުގެ އަޅުކަންއަދާ ކުރުމަށްދާ ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕު މީގެ ކުޑައިރުކޮޅެއް ކުރިން ޖިއްދާގެ ކިންގު ޢަބްދުލް ޢަޒީޒު އިންޓަރނޭޝަނަލް އެއަރޕޯރޓަށް ޖައްސައިފިއެވެ.
އިސްލާމިކް މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިއަދުގެ ފްލައިޓުގައި ޖުމްލަ 296 ޙައްޖުވެރިން ވަނީ ސަޢޫދީ ޢަރަބިއްޔާއަށް ގޮސްފައެވެ.
މިއަހަރު ޙައްޖަށްދާ ދިވެހިން ސަޢޫދީ ޢަރަބިއްޔާއަށް ދަތުރުކުރުމަށް ހަމަޖެހިފައިވަނީ 4 ފްލައިޓެއްގައެވެ. ފުރަތަމަ ފްލައިޓް މީގެ ކުޑައިރުކޮޅެއްކުރިން ޖިއްދާއަށް ޖައްސާފައިވާއިރު، 2 ވަނަ ފްލައިޓު ރާއްޖެއިން ފުރާނީ ޖޫން 3 ގައެވެ. 3 ވަނަ ފްލައިޓް ޖޫން 7 ގައި ފުރުމަށް ހަމަޖެހިފައިވާއިރު، 4 ވަނަ ފްލައިޓް ފުރާނީ ޖޫން 10 ގައެވެ.
މިއަހަރުގެ ޙައްޖުގެ އަޅުކަންއަދާ ކުރުމަށްދާ ޙަައްޖުވެރިންނަށް ހަމަޖައްސަންޖެހޭ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި ދިވެހި ޙައްޖު މިޝަނުން ދަނީ ސަޢޫދީ ޢަރަބިއްޔާގައި ޙަރަކާތްތެރިވަމުންނެވެ. ޙައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން ފުރާ ޙާޖީންގެ ކަންކަން ބެލެހެއްޓުމަށް ސަރުކާރުގެ ފަރާތުން ހަރަކާތްތެރިވާނީ ޙައްޖު މިޝަނުންނެވެ.
ރާއްޖެއިން ޙައްޖަށްދާ ޙައްޖާޖީންގެ އިންތިޒާމްތައް ރަސްމީ ގޮތެއްގައި ބެލެހެއްޓުމުގެ ގޮތުން އެކުލަވާލާފައިވާ ޙައްޖު މިޝަންގައި ހިމެނެނީ 9 ފަރާތެކެވެ. އޭގެ ތެރޭގައި ޑޮކްޓަރަކާއި މިނިސްޓްރީގެ މީޑިއާ ހިމެނެއެވެ.
ޙައްޖު މިޝަންގައި މިއަހަރު ހިމެނި ވަޑައިގަންނަވަނީ:
1- އުސާމް މުޙައްމަދު
2- މުޙައްމަދު ޝަކީލް
3- ޑރ. އަޙްމަދު އަސްލަމް ޢަބްދުﷲ
4- މުޙައްމަދު ރަމީޒް
5- އަޙްމަދު ޢަދީލް
6- ޢަބްދުލް ޢަޒީޒު އިސްމާޢީލް
7- ޖަންނަތު ސަޢީދު
8- ޒަމްޢަތު އަޙްމަދު ވަޙީދު
9- އިބްރާހީމް އަކްމަލް އެވެ.