ސިޑްސް4 ކޮންފަރެންސް ނިންމާލުމުގެ ޙަފްލާގައި މިނިސްޓަރ ޠާރިޤު އިބްރާހީމް ވާހަކަފުޅުދައްކަވައިފި!

ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް4) މަހާސިންތާގެ ނިމުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ޠާރިޤު އިބްރާހީމް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތުން ވާހަކަފުޅުދައްކަވައިފިއެވެ.

ޑރ. މުޙައްމަދު މުޢިއްޒު ކޯ-ޗެއަރ ކުރެއްވި އިންޓަރެކްޓިވް ޑައިލޮގް "ރީވައިޓަލަޒިންގ ސިޑްސް އިކޮނޮމީސް ފޮރ އެކްސެލަރޭޓެޑް އެންޑް ސަސްޓެއިނަބްލ ގްރޯތް" ގެ ޚުލާސާ ރައިސުލްޖުމްހޫރިއްޔާގެ ފަރާތުން ހުށައެޅުއްވުމަށް މިނިސްޓަރ ވާހަކަފުޅު ދެއްކެވިއިރު މި މަހާސިންތާ އިންތިޒާމުކޮށް ބޭއްވުމަށް އ.ދ. އާ ގުޅިގެން ކުރެއްވި ބުރަ މަސައްކަތަށް އެންޓީގާ އެންޑް ބާބިޔުޑާގެ ސަރުކާރަށް ޝުކުރު ދަންނަވާފައިވެއެވެ.

މި ރަސްމިއްޔާތުގައި ކުރިއަށް އޮތް ދިހަ އަހަރުގެ މުއްދަތުގައި ކުދި ޖަޒީރާ ޤައުމުތަކުގެ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އެކްޝަން ޕްލޭނެއް އެކުލަވާލައިފައިވެއެވެ. އެއީ "އެންޓިގާ އެންޑް ބާބިޔުޑާ އެޖެންޑަ ފޮރ ސިޑްސް" އެވެ.

މި މަހާސިންތާގައި ދިވެހިރާއްޖޭގެ ފަރާތުން ބޭއްވުނު ފުރަތަމަ ސައިޑް އިވެންޓު ކަމަށްވާ "ފްރޮމް އެމްބިޝަންސް ޓު ޕްރެކްޓިސް: އެޑްވާނސިންގ ސިޑްސް4 ގޯލްސް ތުރޫ ދަ ސީ.އެސް.އާރ.އައި. އިނީޝިއެޓިވް"  ބޭއްވިފައިވަނީ 27 މެއި 2024 ވަނަ ދުވަހުއެވެ. މި އިވެންޓަކީ ކުދި ޖަޒީރާ ޤައުމުތުކަށް ދިމާވާ ގޮންޖެހުންތަކަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށާއި މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންތެރިކަން އިތުރުކުރުމަށް ދިވެހިރާއްޖެއިން 2019 ވަނަ އަހަރު ލޯންޗް ކޮށްފައިވާ ކްލައިމެޓް ސްމަރޓް ރެޒިލިއެންޓް އައިލެންޑްސް – ސީ.އެސް.އާރް.އައި. އިނިޝިއޭޓިވްގެ މުހިއްމުކަން ހާމަކޮށްދޭ އިވެންޓެކެވެ. އަދި ތިމާވެށީގެ ގޮތުން ނާޒުކު ކުދި ޖަޒީރާ ޤައުމުތައް ގުޅިގެން މިކަމުގައި މަސައްކަތް ކުރުމަށް ބާރު އެޅުމަށް މިނިސްޓަރ ޠާރިޤު ވަނީ ގޮވާލައްވާފައެވެ.

މެއި މަހުގެ 28 ވަނަ ދުވަހު ކްލައިމެޓް ޗޭންޖް މިނިސްޓްރީން އިންތިޒާމްކޮށްގެން ދެވަނަ ސައިޑް އިވެންޓް "ދަ ޕިވޮޓަލް ރޯލް އޮފް ޕަބްލިކް-ޕްރައިވެޓް ޕާޓްނަޝިޕްސް ފޯ ކްލައިމެޓް ރެސިލިއެންސް އިން ސިޑްސް: ލެސަންސް ފްރޮމް ދަ މޯލްޑިވްސް" ކުރިއަށް ގެންދިޔައެވެ. މި އިވެންޓުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ގޮންޖެހުންތައް ހައްލުކުރުމަށާއި ދެމެހެއްޓެނިވި ތަރައްގީ ހާސިލްކުރުމަށް ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރުން ކުރަމުންދާ މަސައްކަތްތައް ދައްކާލާފައިވެއެވެ. ފާހަގަކޮށްލެވޭ ކަންތައްތަކުގެ ތެރޭގައި ހުޅުމާލެ މަޝްރޫޢުގެ ކާމިޔާބީތަކާއި ރަސްމާލެ މަޝްރޫޢުގެ ތަރައްޤީގެ ކޮންސެޕްޓްތައް ހިމެނެއެވެ.

މި ދެ ހަރަކާތުގައި ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން މިނިސްޓަރު ޠާރިޤު ވަނީ "މެކިންގ ކްލައިމެޓް ފައިނޭންސް ވޯކް ފޯރ ސިޑްސް: ބިލްޑިންގ އޮން ދަ އައުޓްކަމްސް އޮފް ސީއޯޕީ28″ ގެ ތެރެއިން ފަސް އިންޓަރެކްޓިވް ޑައިލޮގްގެ ތެރެއިން އެއް ޑައިލޮގުގައި ދިވެހިރާއްޖެ ތަމްސީލު ކުރައްވާފައެވެ. އަދި ވާހަކަފުޅު ދައްކަވަމުން މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރުތައް ކުޑަކުރުމުގައި ކުދި ޖަޒީރާ ގައުމުތަކަށް އެހީތެރިވުމަށް ތަރައްގީވެފައިވާ ގައުމުތަކާއި މަލްޓިލޭޓަރަލް ޑިވެލޮޕްމަންޓް ބޭންކުތަކުން މާލީ އެހީތެރިކަން އިތުރުކުރުމުގެ އަވަސް ބޭނުންތެރިކަން ފާހަގަކުރެއްވިއެވެ.

ކޮންމެ ދިހަ އަހަރަކުން އެއް އަހަރު ބާއްވާ އެސްއައިޑީއެސް ކޮންފަރެންސަކީ ކުދި ޖަޒީރާ ގައުމުތަކަށް ދެމެހެއްޓެނިވި ތަރައްގީގެ ސްޓްރެޓެޖީތައް ބައްޓަންކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ކޮންފަރެންސެކެވެ. މި އަހަރުގެ ސިޑްސް މަހާސިންތާގައި ކުދި ޖަޒީރާ ޤައުމުތަކުގައި ދެމެހެއްޓެނިވި ތަރައްޤީ ހާސިލްކުރުމުގެ މަގު ފަހި ކޮށްދިނުމަށް މުހިއްމު މަސައްކަތްތަކަކާއި މަޝްވަރާތައް ކުރިއަށްގެންދެވިފައިވެއެވެ.

ނިމުމުގެ ރަސްމިއްޔާތުގައި މި މަހާސިންތާ އިންތިޒާމުކޮށްގެން ބޭއްވި އެންޓީގާ އެންޑް ބާބިޔުޑާގެ ބޮޑު ވަޒީރު ގެސްޓޮން ބްރައުން އަދި އ.ދ. ގެ ޑެޕިއުޓީ ސެކްރެޓަރީ-ޖެނެރަލް އާމިނާ މުޙައްމަދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

advertisement
ހިޔާލު ދެއްވާ!