"ހެވަން" ނުކިޔާ "ޕެރަޑައިޒް" ކިޔަންވީ ކީއްވެ؟

މިލިޔުމުގައި ބަލާލާނީ ދިވެހިރާޢްޖެ ދުމިޔޭގެ ފަތުރުވެރިންނަށް އިޝްތިހާރު ކުރުމަށް ހުށަހަޅާ އާ ޓެގްލައިން "ދަ ކިންގްޑަމް އޮފް ޕެރަޑައިޒް" ގައި "ހެވަން" މި ލަފްޒު ބޭނުން ނުކޮށް "ޕެރަޑައިޒް" މިބަސް ޚިޔާރުކުރަން ނިންމި މައިގަނޑު ސަބަބުތަކުގެ މައްޗަށެވެ.

އާންމުގޮތެއްގައި "ހެވަން" އަދި "ޕެރަޑައިޒް" ގެ މާނައަކީވެސް "ސުވަރުގެ" އެވެ. އަދި އެދެ ލަފްޒުންވެސް ރަމްޒުކޮށްދެނީ،  ނުވަތަ އިޙްސާސް ކުރުވަނީ، އުފަލާއި، އަރާމާއި، އަމާންކަމާއި، ހަމަހިމޭންކަމާއި، ހިތްގައިމުކަމާއި ގުޅި ލާމެހިފައިވާ ޤުދުރަތީ ރީތިކަމެއް ލިބިފައިވާ އަދި އެހާމެ ފުރިހަމަ ތަނެއްގެ ތަޞައްވުރެވެ. ނަމަވެސް ސަގާފީ، ދީނީ، އަދި ރޫޙާނީ ނަޒަރިއްޔާ ތަކުގެ މައްޗަށް މާނަކުރާނަމަ، ދޭހަވާ މާނަތަކާއި، މާނަކުރުމުގައި ނާޒުކު ތަފާތުތަކެއް ހުރެއެވެ.

"ޕެރަޑައިޒް" މިބަހުން ދޭހަވާ "ސުވަރުގެ" ގިނައިން ބޭނުންކުރަނީ، ދުނިޔެވީ ފުރިހަމަކަމާއި، އެކުވެރި އެއްބައިވަންތަކަން އެކުލެވިގެންވާ، ސުލްހަވެރި ތަނެއް ސިފަކުރުމަށެވެ. އެއީ ގިނަ ފަހަރަށް ދުނިޔެވީ މާހައުލެއްގައި ގުދުރަތީ ރީތިކަމާއި، ހަމަޖެހުމާއި، ފުރިހަމަކަމާއި ގުޅިފައިވާ، އެ ދާއިރާއެއްގެ އެންމެމަތީ، ޚިދުމަތާއިއެކު، ހިތްހަމަޖެހުމުގެ ޙާލަތެއް ދޭހަކޮށްދޭ ބަހެކެވެ. "ޕެރަޑައިޒް" އޭ ބުނުމުން އާންމުކޮށް މީހުން ދެކެނީ، ސީދާ ދީނީ މާނަތަކެއް ނެތް، ބިންމަތީގެ ކޮންސެޕްޓެއް ނުވަތަ ތަޞައްވުރެއްގެ ގޮތުގައި، ދުނިޔޭގެ ސުވަރުގެއެއް، ނުވަތަ ހުރިހާ ކަމެއް ފުރިހަމަވާ އެންމެ މަތީފެންވަރުގެ އުންމީދެއް ތަމްސީލުކުރުވާ ތަނެއްގެ ގޮތުގައެވެ.

އަނެއްކޮޅުން "ހެވަން" މިބަހުން ދޭހަވާ "ސުވަރުގެ" އަކީ ޚާއްޞަ ގޮތެއްގައި، ދީނީ ޢަޤީދާތަކުގެ މައްޗަށް ބިނާވެފައިވާ ތަޞައްވުރެކެވެ. ދީނީ މާނަތަކުގައި "ހެވަން" ނުވަތަ "ސުވަރުގެ" އިން ދޭހަ ކޮށްދެނީ، ޞާލިޙުން ނުވަތަ މުއުމިނުންގެ ނަފްސުތައް މަރުވުމަށްފަހު، މަތީ ބާރެއް ނުވަތަ ކަލާނގެއެއްގެ ޙާޟިރުގައި ނުވަތަ ޙަޟުރަތުގައި، ތިބުމަށް ލައްވާފައިވާ، އިލާހީ، ދާއިމީ ވަރަށް ފުރިހަމަ، އެހާމެ މަތިވެރި ތަނެއްގެ އިހްސާސެވެ. އެއީ ރޫޙާނީ ޝަރަފާއި، އުފަލާއި، ހިތްހަމަޖެހުމާއި، ދާއިމީ ސުލްހަވެރިކަމާއި، ޢަދުލު އިންޞާފުން ފުރިހަމަވެފައިވާ، ޙަޤީޤީ "ސުވަރުގެ" އެއްގެ ގޮތުގައި ސިފަކޮށްފައިވާ ތަޞައްވުރެކެވެ. "ހެވަން" މިބަސް  ގުޅި ލާމެހެނީ، އީމާންކަމާއި، ހެޔޮ ދިރިއުޅުމާއި، އިލާހީ މަތިވެރި ޙުކޫމަތާއި، އަމުރުމަޢުރޫފުގެ މައްޗަށް ބިނާވެފައިވާ، އާޚިރަތުގައި ލިބޭ ސަވާބާއި، ހެޔޮޖަޒާގެ މާތްކަމުގެ މައްޗަށެވެ.

ފަތުރުވެރިކަމުގެ މަންޒިލެއް ތަމްސީލު ކުރުމަށް ވިސްނާއިރު، "ޕެރަޑައިޒް" މިބަސް ބޭނުންކުރުމުން، އެތަނަކަށް މީހުންގެ މެދުގައި އޮންނަ ޝައުގުވެރިކަމާ، މަޤްބޫލުކަމާއި، އުފާލާއި އަރާމު ލިބިގަތުމަށް އޮންނަ ޝައުގު އިތުރުކުރުވާ، ހިތްހަމޖެހުން ރަމްޒުކޮށްދޭތީ، ތިމާއާއި މާބޮޑަށް ގުޅޭ، އެކަށޭނަ ތަނަކަށް ވެގެންދާނެ ތަނެއްގެ ތަޞައްވުރު ކުރުވާނެއެވެ. އެއީ އެތަނެއްގެ ގުދުރަތީ މަންޒަރުތަކުގެ ރީތިކަމާއި، ހިތްގައިމުކަމާއި، ހަމަޖެހުމާއި ހަމަހިމޭންކަން އިހްސާސް ކުރުވާނެތީ، ވަރަށް ގިނަ ބަޔަކަށް ކަމުދާނެ، ޗުއްޓީ ހޭދަކުރުމަށް ރަނގަޅު ތަނެއްކަމަށް ރަމްޒު ކޮށްދޭނެތީއެވެ. "ޕެރަޑައިޒް" މިލަފްޒުން ދޭހަކޮށްދެނީ ހިތްއެދޭ އަރާމާއި، އެންމެމަތިވެރި ޚިދުމަތާއި، އަދި ގުދުރަތީ އަޖައިބުތައް ހޯދަން އުޅޭ ފަތުރުވެރިންނަށް، ދުނިޔެމަތީން ލިއްބައިދެވޭނެ އެންމެ މަތިވެރި، އެންމެ ޝަރަފުވެރި، އެންމެ ފުރިހަމަ، އެންމެ ގަޔާވާ، އެންމެ އަގުބޮޑު، އެފަދަ ދެވަނައެއް ނުވާ ޤުދުރަތީ ނުވަތަ ހުވަފެނީ މަންޒިލެއް ކަމެވެ.

މިއާ ހިލާފަށް "ހެވަން" އަކީ ދީނީ ޢަޤީދާތަކާއި ރޫޙާނީ ޤަބޫލުކުރުންތަކާޢި ވަރަށް ފުންކޮށް ގުޅި ލާމެހިފައިވާ ތަޞައްވުރަކަށް ވާތީ، ފަތުރުވެރިކަމުގެ މަންޒިލެއް ތަމްސީލުކު ރުމަށް އެހާ އެކަށީގެންވާ ބަހަކަށް ނުވަތަ ލަފުޒަކަށް ނުވެދާނެއެވެ. "ހެވަން" މިބަހުން ދޭހަވާ  "ސުވަރުގެ" އާއި ގުޅިފައިވާ ދީނީ ޤަބޫލުކުރުން ތަކުގެ ތެރޭގައި، މަރުވުމަށްފަހު ރޫޙާނީ ޢާލަމުގައި، ނުވަތަ ﷲގެ ޙަޟްރަތުގައި، އެ ފުރާނައަކަށް ޙައްޤުވާ ޖަޒާ، ނުވަތަ ހެއްދެވި ފަރާތުން ކަނޑައަޅާފައިވާ "ރިވޯޑްސް" ލިއްބައިދޭ ތަނެއްގެ މާނަ ދޭހަވާނެތީ، ނުވަތަ ތަޞައްވަރު ކުރުވަފާނެތީ، ބަޔަކަށް ދުނިޔޭގެ ދަތުރުފަތުރުގެ މަންޒިލެއް، މާކެޓްކޮށް ޕްރޮމޯޓްކުރުމަށް ބޭނުންކުރުމަށް، އެހާ މުނާސަބު ނުވެދާނެއެވެ.

ކުރުކޮށް ދަންނަވާނަމަ، "ޕެރަޑައިޒް" އާއި "ހެވަން" މި ދެބަހަކީވެސް ޢާންމު ގޮތެއްގައި އުފާވެރި ،އަދި ފުރިހަމަ ތަނެއްގެ ޝުޢޫރު އިޙްސާސް ކުރުވާ ދެބަހަށް ވިޔަސް، "ޕެރަޑައިޒް" މިބަހަކީ، ހުޅުވިފައިވާ ދާއިރާއެއްގައި، އެތައް ކަމެއް ތަމްސީލު ކުރުވާ ބަހަކަށް ވާތީއާއި، އަދި ދުނިޔެމަތީގެ ތަންތަނާއި، ކަންކަމާއި މާބޮޑަށް ގުޅިފައިވާ އިޙްސާސަކަށް ވުމުގެ އިތުރަށް، ވިއްކަން ފަސޭހަ މާނަތަކެއް ދޭހަކޮށްދޭ ބަހަކަށްވާތީ، ފަތުރުވެރި މަންޒިލެއް އިޝްތިހާރުކޮށް، ޕްރަމޯޓްކޮށް، މާކެޓްކޮށް،  އެކަންކަން އަމާޒުކުރެވޭ ފަންތިތަކާއި ގިންތިތަކުގެ މީސްތަކުންގެ މަޤްބޫލުކަން އެތަނަކަށް ހޯދުމަށް، މާބޮޑަށްވެސް އެކަށޭނަ، އަދި އެހާމެ މުނާސަބު ބަހެކެވެ.

advertisement
ހިޔާލު ދެއްވާ!