ޤައުމުތަކާއިއެކު ރާއްޖެއިން ދިފާޢީ ގުޅުން ޤާއިމްކުރިނަމަވެސް އެއްވެސް ޤައުމެއްގެ ސިފައިން ދާއީމީކޮށް ޤާއިމްވެ ތިބެން ދިވެހި ސަރުކާރުން ދެކޮޅުކަމަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ސިންގަޕޫރުގެ އިންޓަނޭޝަނަލް އިންސްޓިއުޓް ފޯ ސްޓްރެޓެޖިކް ސްޓަޑީސްގެ ފަރާތުން ބޭއްވި "ޝަންގްރިލާ ޑައިލޮގް 2024″ގައި ވާހަކަފުޅުދައްކަވަމުން ޣައްސާން ވިދާޅުވީ ރާއްޖޭގެ ސުލްހައާއި ހަމަޖެހުމާއި ސަލާމަތާއި ރައްކާތެރިކަން ޤާއިމްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަސާސްތަކުގައި އެންމެ އިސްކަންދެއްވަނީ، ދިވެހިރާއްޖޭގެ އަމިއްލަ ދިފާއީ ބާރުތަކުގެ ކެޕޭސިޓީ އިތުރުކުރުމަށް ކަމަށެވެ.
އަދި ދުނިޔެ ޤަބޫލުކުރާ މިންގަނޑުތައް ރާއްޖޭގެ ސަރަހައްދުގައި ކަށަވަރުކުރުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އެގޮތުން މިހާރުގެ ގުޅުންތައް ދެމެހެއްޓައި، އިތުރު ގުޅުތައް ޤާއިމްކުރެއްވުމަށްވެސް ރައީސް އިސްކަންދެއްވާކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ޣައްސާން ވިދާޅުވީ ދިވެހިރާއްޖެ އޮންނަ ސަރަޙައްދުގެ ގޮތުން، ބައިނަލްއަޤްވާމީ ޒިންމާތަކެއް އުފުލަންޖެހޭ ކަމަށާއި އިންޑިއާ ކަނޑުގައި ވިޔަފާރީގެ ދަތުރުތައްކުރާ ފަރާތްތަކުގެ ރައްކާތެރިކުރުމުގެ ޒިންމާ ރާއްޖެއިން އުފުލަން ޖެހިފައިވާކަމަށެވެ.
އަދި ރައީސްގެ ސިޔާސަތުގައި ދިފާޢީ ޤާބިލުކަން އިތުރުކޮށް ރާއްޖޭގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި އިސްކަންދެއްވާ ކަމަށާއި ދިފާޢީ ގުޅުންތައް ވަރުގަދަކުރިނަމަވެސް އެއްވެސް މާނައެއްގައި ދިވެހި ބިމުގައި ބޭރުގެ ސިފައިން ޤާއިމްވެ ތިބުމަށް ދިވެހި ސަރުކާރުން ބޭނުން ނުވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.