މާލޭސިޓީ ކައުންސިލް ހިމެނޭހެން އަށް ކައުންސިލެއްގެ ބައި-އިލެކްޝަން އަންނަ ޖުލައިގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އެގޮތުން ކައުސިލްތަކުގެ ބައި-އިލެކްޝަންތަކުގެ ތެރޭގައި ހިމެނެނީ:
• ޅ. އަތޮޅު ކައުންސިލްގެ ރައީސް
• ފ. ބިލެއްދޫ ކައުންސިލްގެ ރައީސް
• ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ކުޅުދުއްފުށި އުތުރު ދާއިރާގެ ކައުންސިލަރު
• ރ. ހުޅުދުއްފާރު ކައުންސިލް މެންބަރު
• މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ ކައުންސިލް މެންބަރު
• މާލެ ސިޓީ ކައުންސިލްގެ މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލް މެންބަރު
• މާލެ ސިޓީ ކައުންސިލްގެ ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލް މެންބަރު
• ރ. ރަސްމާދޫ ކައުންސިލްގެ އަންހެން މެންބަރު
މީގެއިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ 2 ކޮމިޓީއެއްގެ ބައި-އިލެކްޝަންވެސް އެދުވަހު ބާއްވަން ނިންމާފައިވެއެވެ.
އެއީ ޅ. ހިންނަވަރާއި ފ. ބިލެއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރަން ބާއްވާ ބައި-އިލެކްޝަންތަކެކެވެ. އަދި މިއިން ކޮންމެ ކޮމިޓީއަކަށްވެސް އިންތިޚާބުކުރާނީ އެއް މެންބަރުކަމަށްވެސް އެކޮމިޝަނުން މަޢުލޫމާތު ދެއެވެ.
ބައި-އިލެކްޝަންތަކުގައި ވާދަކުރަން ބޭފުޅުންނަށް ކެންޑިޑެންސީ ފޯމު ހުށައެޅުމުގެ ފުރުޞަތު އެ ކޮމިޝަނުން ވަނީ ހުޅުވާލާފައެވެ. އެގޮތުން މިދިޔަ މަހުގެ 30 އިން މިމަހުގެ 14 ވަނަ ދުވަހާ ހަމައަށް އެ ފުރުޞަތު ހުޅުވާލާފައިވާކަން ފާހަގަކުރެވެއެވެ.
މި ބައި-އިލެކްޝަންތަކުގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 20 ވަނަ ދުވަހުގެ ހެނދުނު 8 އިން ހަވީރު 4 ޖެހުމާ ހަމައަށެވެ.
އަދި ރަސްމީ ނަތީޖާ އިޢުލާނުކުރަން ހަމަޖެހިފައިވަނީ ޖުލައި މަހުގެ 22 ވަނަ ދުވަހުކަމަށާއި މި ބައި-އިލެކްޝަންތަކުގައި ވޯޓުލެވޭ މީހުންގެ ފައިނަލް ލިސްޓު ޢާންމުކުރަން ނިންމަވާފައިވަނީ ޖުލައި މަހުގެ 14 ވަނަ ދުވަހުއެވެ.